ޚަބަރު

މައްސަލަ ހައްލު ކުރެވޭނީ ހަމަލާތައް ހުއްޓާލައި މަޝްވަރާއަށް ފުރުޞަތު ދީގެން: ޔޫއޭއީ


ޔަހޫދީންނާ ގުޅިގެން އެމެރިކާއިން އީރާނަށް ހަމަލާ ދިނުމާ ގުޅިގެން އީރާނުން ރައްދުގައި ދެމުންދާ ޙަމަލާތަކުގައި އަވަށްޓެރި ޤައުމުތަކަށް ހަމަލާ ދިނުން ހުއްޓައިލަން ޖެހޭ ކަމަށް ޔޫއޭއީއިން ބުނެފިއެވެ.

ހުސްވި ފެބްރުއަރީ މަހުގެ 28ވަނަ ދުވަހު ޔަހޫދީންނާއި އެމެރިކާއިން އީރާނަށް ޙަމަލާ ދޭން ފެށުމުން، އޭގެ ރައްދުގައި އީރާނުން ދަނީ ޔަހޫދީ ދައުލަތަށާއި، މެދުއިރުމަތީގައި ހުންނަ އެމެރިކާގެ އަސްކަރީ މަޒުކަޒުތަކަށާއި މުދަލަށް އަމާޒުކޮށް ވަރުގަދަ ހަމަލާތައް ދެމުންނެވެ. އެ ގޮތުން ބަޙްރައިންއާއި ކުވައިތާއި ޢުމާންއާއި ޤަޠަރާއި ސަޢުދީ ޢަރަބިއްޔާއާއި އެކުވެރި ޢަރަބި އިމާރާތަށް އީރާނުގެ ޙަމަލާތައް ދަނީ އަމާޒު ކުރަމުންނެވެ. އަދި ޢުރުދުންނަށް ވެސް ދަނީ ޙަމަލާ އަމާޒުވަމުންނެވެ.

އެ ހަމަލާތަކާ ގުޅިގެން ޔޫއޭއީގެ ޚާރިޖީ ވުޒާރާގެ ސްޓޭޓް މިނިސްޓަރެއް ކަމަށްވާ ލާނާ ނުސައިބާ ވިދާޅުވީ ޙަމަލާގެ އަޑުފައްގަނޑު ގުގުމާލާފައި ވަނިކޮށް މަޝްވަރާ ނުކުރެވޭނެ ކަމަށާއި، މައްސަލައަށް ޚާރިޖީ ޙައްލެއް ހޯދުމަށް ޙަމަލާ ދިނުން ހުއްޓައިލަން ޖެހޭ ކަމަށެވެ. އީރާނުން އަވަށްޓެރި ޤައުމުތަކަށް ޙަމަލާ ދިނުމަކީ ޤައުމުތަކަށް ސިހުން ގެނުވި ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މަޝްވަރާގެ މަގުން ޙައްލު ހޯދޭނެ ކަމަށް ޤަބޫލުކުރައްވާ ކަމަށް އޭނާ ވިދާޅުވިއެެވެ.