ޚަބަރު

"މެރިކަލްޗަރ ސިނާޢަތަށް އެތައް މިލިޔަން ޑޮލަރެއްގެ މަޝްރޫޢުތަކެއް އަންނާނެ"


  • މެރިކަލްޗަރ ސިނާޢަތް ތަރައްޤީކުރަން 5 ސަރަޙައްދެއް ވަނީ ކަނޑައަޅާފައި

  • މޫދުކޮށި ގަތުމަށް ޚާއްޞަ ސްކީމެއްވެސް ވަނީ ތަޢާރަފްކޮށްފައި

ރާއްޖޭގައި ވަކި ސިނާޢަތެއްގެ ގޮތުގައި މެރިކަލްޗަރ ތަރައްޤީ ކުރުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތުގެ ދަށުން އެތައް މިލިޔަން ޑޮލަރެއްގެ މަޝްރޫޢުތަކެއް އަންނާނެ ކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ.

މި ދާއިރާއަށް އިންވެސްޓްމަންޓް ގެނައުމަށްވެސް ސަރުކާރުން ދަނީ، މަސައްކަތް ކުރައްވަމުންނެވެ. އަދި މިހާތަނަށް ބައެއް ފަރާތްތަކުން އިންވެސްޓްވެސް ވަނީ ކޮށްފައެވެ.

ސަރުކާރުން ވަނީ، ރާއްޖޭގައި މެރިކަލްޗަރ ސިނާޢަތް ތަރައްޤީކުރަން 5 ސަރަޙައްދެއް ކަނޑައަޅުއްވާފައެވެ. އެ 5 ސަރަހައްދަކީ ބޮޑު ތިލަދުންމައްޗާއި، ރ.އަތޮޅާއި، މ.އަތޮޅުގެ އިތުރުން ތ. އަތޮޅެވެ. މީގެއިތުރުން މިކަމަށް ވަނީ، މަނިޔަފުއްޓާއި ގާތްގަނޑަކަށް 2 ކިލޯމީޓަރު ދުރުގައި އޮތް ފަޅެއްވެސް ކަނޑައަޅާފައެވެ.

އޭގެފަހުން ސަރުކާރުން ވަނީ، ރާއްޖޭގެ މެރިކަލްޗަރ ސިނާޢަތަށް އިންވެސްޓް ކުރުމުގެ ފުރުޞަތު ދިވެހިންނާއި އަދި ބޭރުގެ އިންވެސްޓަރުންނަށް ހުޅުވާލާފައެވެ. ރާއްޖެއިން މެރިކަލްޗަރ ސިނާޢަތަށް އިންވެސްޓް ކުރުމަށް ހުޅުވާލާފައިވަނީ، ދުނިޔޭގައި މެރިކަލްޗަރ ކުރިއަރާފައި ހުރި ޤައުމުތަކުން ބޭރުގެ އިންވެސްޓަރުންނަށް ދޭ ލުއިތަކަށްވުރެ ރަނގަޅު ލުޔެއް ދީގެން ކަމަށް ސަރުކާރުން ވިދާޅުވެއެވެ. އިންވެސްޓަރުންނަށް ދީފައިވާ ލުއިތަކުގެ ތެރޭގައި އިކުއިޒިޝަން ކޮސްޓް ނުނެގުމާއި 3 އަހަރު ދުވަހުގެ ލޭންޑް ރެންޓް ނުނެގުން ހިމެނެއެވެ.

ސަރުކާރުން ހުޅުވާލި ފުރުޞަތުގެ ބޭނުންހިފައި މިހާރު މެރިކަލްޗަރ ސިނާޢަތަށް ބައެއް ފަރާތްތަކުން ވަނީ އިންވެސްޓްވެސްކޮށްފައެވެ. މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވީ، މިހާރުވެސް ކ. މަނިޔަފުށީގައި ގާތްގަނޑަކަށް 300 މިލިޔަނެއްހައި ރުފިޔާ މެރިކަލްޗަރ ސިނާޢަތައް އިންވެސްޓްކޮށް މަޝްރޫޢެއް ހިންގަމުންދާ ކަމަށެވެ. މީގެއިތުރުން މޫދުވިނަ އާލާކުރުމުގެ މަޝްރޫޢެއްވެސް މިވަގުތު ކުރިއަށްދާ ކަމަށެވެ. ރާއްޖޭގެ މެރިކަލްޗަރ ސިނާޢަތަށް އެތައް މިލިޔަން ޑޮލަރެއްގެ މަޝްރޫޢުތަކެއް އަންނާނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

"ބައެއް ޕްރޮޖެކްޓްތަކުގެ ޢަމަލީ މަސައްކަތް މިހާރު ހުރީ ފެށިފައި. އިރާދަކުރެއްވިއްޔާ އެ ޕްރޮޖެކްޓްތަކުގެ ރިޒާލްޓް ފެނިގެންދާނީ ދިވެހިރާއްޖެއަށް ރަނގަޅު ނަފާ ރަނގަޅު ބަދަލެއް އަންނާނެ ކަމަކަށް. އަޅުގަނޑުމެންނަށް ފެނޭ މެރިކަލްޗަރގެ ޕޮޓެންޝިއަލް ދިވެހިރާއްޖޭގައި އަދި ހަމަ އެއާއިއެކު ސީވީޑްގެވެސް މިދިޔަ އަހަރު ވަނީ ޕައިލެޓް ޕްރޮޖެކްޓަކަށް ހުއްދަދީ އެ ޕާޓީ މިހާރު އެވަނީ އެކްސްޕޯޓާއި ހިސާބަށް އެބޭފުޅުންގެ ޕްރޮޑަކްޓް ގެންގޮސްފައި. އިތުރަށް އެކްސްޕޭންޑް ކުރުމަށްޓަކައި އިތުރު ތަންތަން އައިޑެންޓިފައިކޮށްފަވެސް މިހާރު އެބަހުރި. ސަރުކާރުގެވެސް ވިސްނުން އެބަހުރި މެރިކަލްޗަރއާއިއެކު ސީވީޑް ކަލްޗަރ ކޮމިއުނިޓީ ބޭސްޑް އާމްދަނީއެއް ލިބޭ ކަމަކަށްވާތީ އާއިއެކީ އެކަންތައް ވީހާވެސް ފުޅާކުރުމަކީވެސް ސަރުކާރުގެ ވިސްނުމެއް." ވަޒީރު ވިދާޅުވިއެވެ.

މެރިކަލްޗަރ ވިޔަފާރި ކުރުމަށް ބޭނުންވާ ފަރާތްތަކަށް މޫދުކޮށި ގަތުމަށް މާލީ އެހީ ދިނުމަށް 'މެރިކަލްޗަރ ސްކީމް'ގެ ނަމުގައި ޚާއްޞަ ސްކީމެއްވެސް ވަނީ ތަޢާރަފްކޮށްފައެވެ. މިކަމުގެ ސަބަބުން، މިދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށް މިހާރު ކުރަމުންދާ މަސައްކަތްތައް ފުޅާކުރުމަށާއި، އަލަށް މި ވިޔަފާރިއަށް ވަނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ފަހި ފުރުޞަތުތަކެއް ހުޅުވިގެންދާނެ ކަމަށް ސަރުކާރުން ވިދާޅުވެއެވެ.

މީގެ އިތުރުން މެރިކަލްޗަރ ސިނާޢަތް ތަރައްޤީ ކުރުމަށް މަގުފަހިކޮށްދީ، ލުއިފަސޭހަ މާލީ އިންތިޒާމެއްގެ ދަށުން މޫދު ކޮށިތައް ލިބޭނެ މަގު ތަނަވަސްކޮށްދީގެން، ރާއްޖޭގައި މެރިކަލްޗަރގެ ވިޔަފާރި ފުޅާކުރުމަށް އެހީތެރިވުމަކީވެސް މި ލޯނު ސްކީމް ތަޢާރަފް ކުރުމުގެ ބޭނުމެކެވެ.

މި ސްކީމް މެދުވެރިކޮށް ޖުމްލަ 200 މޫދުކޮށި ފައިނޭންސް ކޮށްދިނުމަށް ހަމަޖެހިފައިވާއިރު، 80،000 ރުފިޔާއާއި 640،000 ރުފިޔާއާ ދެމެދުގެ އަދަދަކަށް މާލީ އެހީތެރިކަން ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި ފެސިލިޓީ އަނބުރާ ދެއްކުމަށް 6 މަސް ދުވަހުގެ ގްރޭސް ޕީރިއަޑެއް ހިމެނޭހެން ގިނަވެގެން 6 އަހަރު ދުވަހުގެ މުއްދަތެއް ލިބޭނެއެވެ.

މީގެއިތުރުން ސަރުކާރުން ދަނީ، މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމްތައްވެސް ހިންގަމުންނެވެ. މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމަކީ، މަސްވެރިކަމާ ބެހޭ ވުޒާރާއާއި މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓް ގުޅިގެން ވަރލްޑް ބޭންކުގެ އެހީގައި ހިންގާ ޓްރާންސްފޯމިންގ ފިޝަރީޒް ސެކްޓަރ މެނޭޖްމަންޓް އިން ސައުތް-ވެސްޓް އިންޑިއަން އޯޝަން ރީޖަން އެންޑް މޯލްޑިވްސް ޕްރޮޖެކްޓްގެ އެހީތެރިކަމާއެކު، ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގައި ޒުވާނުންނަށް ދަނީ މިކަމުގެ ހުނަރުތައް ދަސްކޮށްދެމުންނެވެ.