ބ. ކުޑަރިކިލުގައި އިއާދަކުރަނިވި ހަކަތަ ބޭނުންކުރާ މިންވަރު އިތުރު ކުރުމަށް ސޯލާ-ޑީސަލް ބެޓެރި ހައިބްރިޑް ޕަވަރ ސިސްޓަމް ޤާއިމްކޮށް ނިންމާލައިފިއެވެ.
ފެނަކަ ކޯޕަރޭޝަނުން ވިދާޅުވީ، ޕޮއިސްޑް ޕްރޮޖެކްޓުގެ ދަށުން ބ. ކުޑަރިކިލުގައި 350.9 ކިލޯވޮޓުގެ ސޯލާ ޕީވީ ސިސްޓަމާއި، 300 ކިލޯވޮޓުގެ ބެޓެރީ އެނަރޖީ ސްޓޯރޭޖް ސިސްޓަމް އިންސްޓޯލުކޮށް ނިމިފައިވާ ކަމަށެވެ. މިއާއެކު ކުޑަރިކިލުގައި ކަރަންޓު އުފެއްދުމަށް ބޭނުން ކުރާ ޑީސަލްގެ މިންވަރު ވަރަށް ބޮޑަށް ދަށްވެގެންދާނެ ކަމަށް ތިމާވެއްޓާ ބެހޭ ވުޒާރާއިން މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.
އެ ވުޒާރާއިން ވިދާޅުވެފައިވަނީ، މިމަޝްރޫޢުގެ ސަބަބުން އަހަރަކު ގާތްގަނޑަކަށް 165,189 ލީޓަރުގެ ޑީސަލް ސަލާމަތް ކުރެވޭނެ ކަމަށް ލަފާކުރެވޭ ކަމަށާއި، ތިމާވެއްޓަށް ލިބޭ ގެއްލުންތައް ކުޑަކުރުމަށް އަހަރަކު ޖައްވަށް ބޭރުކުރާ ވިހަ ގޭހުގެ ތެރެއިން 405 ޓަނުގެ ކާބަންޑައި އޮކްސައިޑް މަދުކުރެވޭނެ ކަމަށެވެ.
މި މަޝްރޫޢަކީ، އެ ރަށުގައި ދޭ ކަރަންޓުގެ ޚިދުމަތުގެ އިތުބާރު ބޮޑުކޮށް، ގްރިޑުގެ ހަމަ ހިފެހެއްޓުމުގެ އިތުރުން ކަރަންޓު އުފެއްދުމަށްޓަކައި ޑީސަލަށް ބަރޯސާވާ މިންވަރު ބޮޑުތަނުން ކުޑަ ކުރުމުގެ މަޤުސަދުގައި ކުރިއަށް ގެންދިޔަ މަޝްރޫޢެކެވެ. މިއީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ހަކަތައިގެ ސިޔާސަތުގެ ދަށުން ކުރިއަށް ގެންދާ މުހިންމު މަސައްކަތެކެެވެ. ރައީސްގެ އަމާޒަކީ، 2028 ވަނަ އަހަރުގެ ކުރިން، ރާއްޖޭގެ ކަރަންޓުގެ ބޭނުންތަކުގެ 33 އިންސައްތައަކީ، އިއާދަކުރަނިވި ހަކަތައިން އުފައްދާ ކަރަންޓަށް ހެއްދެވުމެވެ.
ޕޮއިސްޑް ޕްރޮޖެކްޓުގެ ދަށުން، ބ. ކުޑަރިކިލުގައި 350.9 ކިލޯވޮޓުގެ ސޯލާ ޕީވީ ސިސްޓަމާއި، 300 ކިލޯވޮޓުގެ ބެޓެރީ އެނަރޖީ ސްޓޯރޭޖް ސިސްޓަމް މިހާރު ވަނީ އިންސްޓޯލުކޮށް ނިމިފައި#TeamFenaka pic.twitter.com/gppiRWuLj2
— Fenaka Corporation Ltd (@TeamFenaka) March 14, 2026
މިފަދަ މަޝްރޫޢުތަކުގެ ސަބަބުން ތެލަށް ކުރާ ބޮޑު ހޭދަ ކުޑަވެ، ތިމާވެށި ޙިމާޔަތް ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ޤަބޫލު ކުރެއެވެ.
މީގެ 2 އަހަރު ކުރިއަށް ޖެހިލާއިރު އިއާދަކުރަނިވި ހަކަތައިން ކަރަންޓު އުފައްދާ މިންވަރު ހުރީ، އެންމެ 4 އިންސައްތައިގައި ނުވަތަ 53 މެގަވޮޓުގައެވެ. ނަމަވެސް ވޭތުވެދިޔަ ދެ އަހަރުގެ ތެރޭގައި ކުރި މަސައްކަތުން މި އަދަދު މިހާރު ވަނީ 110 މެގަވޮޓަށް އިތުރުކޮށްފައެވެ.
މި މަޝްރޫޢުތަކުގެ ސަބަބުން އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ތެލަށް ބަރޯސާވާ މިންވަރު ކުޑަވެ، ރާއްޖޭގައި ބޭރު ފައިސާ ހިފެހެއްޓުމަށް މަގުފަހިވެގެންދާނެއެވެ. މިއީ، ރާއްޖޭގެ ތިމާވެށި ޙިމާޔަތް ކުރުމަށާއި، އިޤްތިސާދީ ދެމެހެއްޓެނިވިކަން ކަށަވަރު ކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ. 'އެސްޕަޔަރ' އަދި 'އެރައިޒް' މަޝްރޫޢުގެ ދަށުން، ރާއްޖޭގެ 24 ރަށެއްގައި 50 މެގަވޮޓަށްވުރެ ގިނަ އިއާދަކުރަނިވި ހަކަތަ އުފެއްދުމުގެ މަސައްކަތް ފެށުމަށް މިހާރުވެސް ވަނީ ތައްޔާރުވެފައެވެ.