އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އެވަޓަން އާއި ދެކޮޅަށް އާސެނަލް ކުޅުނު މެޗު 2-0 ގެ ނަތީޖާއަކުން އާސެނަލް ކާމިޔާބުކޮށްފި އެވެ.
މި ނަތީޖާ އާއިއެކު އާސެނަލް އަށްވަނީ ލީގުގައި މިހާތަނަށް ކުޅުނު 31 މެޗުން 70 ޕޮއިންޓާއެކު ތާވަލުގެ އެއްވަނަ މަގާމް ލިބިފަ އެވެ. ދެވަނައިގައި އޮތް މެންޗެސްޓަރ ސިޓީ އަށް ލިބިފައިވަނީ 61 ޕޮއިންޓެވެ. އެހެންކަމުން ލީގުގައި އާސެނަލް އަށް ބާކީ އޮތް ހަތް މެޗުން 16 ޕޮއިންޓް ހޯދައިގެން ލީގު ޗެމްޕިއަންކަން ލިބޭނެ އެވެ.
ލަންޑަނުގެ އެމިރޭޓްސް ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި ދެ ޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެން ގޮސްފައިވާއިރު މި މެޗުގެ ފުރަތަމަ ހާފުގައި އާސެނަލް އިން ޕެނަލްޓީ އަކަށް އެޕީލް ކުރިނަމަވެސް ވީޑިއޯ ބެލުމަށްފަހު އެއީ ޕެނަލްޓީއެއް ނޫން ކަމަށްވަނީ ނިންމާފަ އެވެ.
އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ ވަނީ މެޗުގެ ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ގިނައިރުތަކެއް ނުވަނީސް އެ ޓީމުގެ އެޓޭކަށް ބަދަލުތަކެއް ގެނެސްފަ އެވެ. އެގޮތުން ކައި ހަވާޓްޒް އާޢި މާޓިން ޒުބިމެންޑީގެ ބަދަލުގައި ވިކްޓަރ ގިޔޮކޯރެސް އާއި އުމުރުން 16 އަހަރުގެ މެކްސް ޑޯމަން ވަނީ ކުޅެން އަރުވާފަ އެވެ.
މެޗުގެ ފަހު މިނިޓާއި ހަމައަށް ދިޔައިރުވެސް ލަނޑެއް ނުޖެހި ދެ ޓީމު އެއްވަރުވެފައިވާތީ މި މެޗުން އެވަޓަން އަށް ޕޮއިންޓެއް ލިބޭނެކަމަށް ބެލެވުނު ނަމަވެސް މެޗުގެ 89 ވަނަ މިނިޓުގައި މެކްސް ޑޯމަން ނަގައިދިން ހުރަހަކުން ވިކްޓަރ ގިޔޮކޯރެސް ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ.
އާސެނަލް އިން މި މެޗުގައި ޖެހި ދެވަނަ ލަނޑަކީ މެޗުގެ އިންޖަރީ ވަގުތުގެ ހަތްވަނަ މިނިޓުގައި މެކްސް ޑޯމަން ކާމިޔާބުކޮށްދިފައިވާ ލަނޑެކެވެ. މި ލަނޑާއެކު އޭނާ ވެފައިވަނީ ޕްރިމިއާ ލީގުގެ ތާރީޚުގައިވެސް ލަނޑެއް ޖެހި އެންމެ ޒުވާން ކުޅުންތެރިޔާއަށް ވެފައެވެ.