މިއަހަރުގެ ފުރަތަމަ ދެމަސްދުވަހު އިންކަމް ޓެކުހުގެ ގޮތުގައި ދައުލަތަށް 1.3 ބިލިޔަން ރުފިޔާ ލިބިފައިވާކަމަށް މޯލްޑިވްސް އިންލޭންޑް ރެވިނިއު އޮތޯރިޓީ، މީރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މިއީ މިދިިޔަ އަހަރުގެ މި މުއްދަތާއި އަޅާ ބަލާއިރު އިތުރު އަދަދެކެވެ.
މީރާއިން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ ފުރަތަމަ ދެ މަސްދުވަހު އިންކަމް ޓެކުހުގެ ގޮތުގައި ދައުލަތަށް 1.37 ބިލިޔަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި އިންކަމް ޓެކުހުގެ ގޮތުގައި ދައުލަތަށް ލިބުނު 975.5 މިލިޔަން ރުފިޔާއާ އަޅާ ބަލާއިރު %41.1 އިތުރު އަދަދެކެވެ.
އިންކަމް ޓެކުހުގެ ގޮތުގައި އެންމެ ބޮޑު އަދަދަކަށް ދައުލަތަށް އާމްދަނީ ލިބިފައިވަނީ ކުންފުނިތަކާއި އަމިއްލަ ފަރުދުން ނޫން ފަރާތްތަކުގެ އަތުން ނަގާ ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީންނެވެ.
މިދިޔަ ދެ މަހު ކުންފުނިތަކާއި އަމިއްލަ ފަރުދުން ނޫން ފަރާތްތަކުގެ އަތުން ނަގާ ޓެކުހުގެ ގޮތުގައި ދައުލަތަށް 635.7 މިލިޔަން ރުފިޔާ ލިބިފައިވެއެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބިފައިވަނީ 684.1 މިލިޔަން ރުފިޔާއެވެ. އެހެންކަމުން މިއީ %7 ދަށްވުމެކެވެ.
ކުންފުނިތަކާއި އަމިއްލަ ފަރުދުން ނޫން ފަރާތްތަކުގެ އަތުން ނަގާ ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީ ދަށްވެފައިވީނަމަވެސް ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތްތަކާއި ދިވެހިރާއްޖޭގައި ވަގުތީގޮތުން ވަޒަންވެރިވެފައިވާ ފަރާތްތަކުގެ އަތުން ނަގާ ޓެކުހުގެ އާމްދަނީ ވަނީ އިތުރުވެފައެވެ. އަހަރުގެ ފުރަތަމަ ދެ މަސްދުވަހު މިބައިން ލިބުނު އާމްދަނީ 181.1 މިލިޔަން ރުފިޔާއަށް އަރާފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއާއި އަޅާ ބަލާއިރު ގާތްގަނޑަކަށް %200 އިތުރު އަދަދެކެވެ.
އިންކަމް ޓެކުހަކީ އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނުގެ ދަށުން ނަގާ ޓެކުހެކެވެ. މި ޤާނޫނުގެ ދަށުން ޓެކްސް ނަގަން ފަށައިފައިވަނީ 1 ޖަނަވަރީ 2020 އިން ފެށިގެންނެވެ. އެހެން ނަމަވެސް، އުޖޫރައިގެ އާމްދަނީން ޓެކްސް ނަގަން ފަށައިފައިވަނީ 1 އެޕްރީލް 2020 އިން ފެށިގެންނެވެ.
ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިވާ ފަރާތްތަކުން، އެ ފަރާތްތަކަށް ދިވެހިރާއްޖެއާއި ދިވެހިރާއްޖެއިން ބޭރުން ލިބޭ އާމްދަނީން ޓެކްސް ދައްކަންޖެހޭނެއެވެ. ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތްތަކާއި ދިވެހިރާއްޖޭގައި ވަގުތީގޮތުން ވަޒަންވެރިވެފައިވާ ފަރާތްތަކުން ޓެކްސް ދައްކަންޖެހޭނީ އެ ފަރާތްތަކަށް ދިވެހިރާއްޖެއިން ލިބޭ އާމްދަނީންނެވެ.