އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އެސްޓަން ވިލާ އާއި ދެކޮޅަށް މެންޗެސްޓަރ ޔުނައިޓެޑް ކުޅުނު މެޗު 3-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ގަދަ ހަތަރެއްގެ ފުރުސަތު ޔުނައިޓެޑުން ބޮޑުކޮށްފި އެވެ.
މެންޗެސްޓަރގެ އޯލްޑް ޓްރެފަޑްގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވިފައިނުވާއިރު ދެ ޓީމުގެ ފަރާތުންވެސް ފެނިފައިވަނީ ވަރަށް ދަށް ކުޅުމެކެވެ.
ނަމަވެސް ދެވަނަ ހާފުގައި ޔުނައިޓެޑުން ވަނީ އެ ޓީމުގެ ކުޅުން ރަގަޅުކޮށް ދެވަނަ ހާފުގެ ކުޅުން ފެށުނުތާ އަށް ވަނަ މިނިޓުގައި ލަނޑެއް ޖަހާ ކުރި ހޯދާފަ އެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ކަސެމީރޯ އެވެ.
ނަމަވެސް އޭގެ 11 މިނިޓު ފަހުން އެސްޓަން ވިލާގެ ރޮސް ބާކްލޭ ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ.
މި މެޗުގައި މެންޗެސްޓަރ ޔުނައިޓެޑްއިން ދެވަނަ ފަހަރަށް ކުރި ހޯދާފައިވަނީ މެޗުގެ 71 ވަނަ މިނިޓުގައި މެތިއުސް ކޫނިއާ ކާމިޔާބުކޮށްދިން ލަނޑުންނެވެ.
އަދި މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ނުވަ މިނިޓަށް ވެފައިވަނިކޮށް ބެންޖަމިން ސެސްކޯ ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 3-1 އަށް ބަދަލުކޮށްފަ އެވެ. މި މެޗުގައި ޔުނައިޓެޑް އިން ޖެހި ތިން ލަނޑުގެ ތެރެއިން ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައިވަނީ މި މެޗުގައި މޮޅު ކުޅުމެއް ދައްކާފައިވާ ބްރޫނޯ ފެނާންޑޭޒް އެވެ.
މި ނަތީޖާ އާއިއެކު މެންޗެސްޓަރ ޔުނައިޓެޑަށް ވަނީ ލީގުގައި މިހާތަނަށް ކުޅުނު 30 މެޗުން ޖުމްލަ 51 ޕޮއިންޓާއެކު ތާވަލުގެ ތިންވަނަ މަގާމް ލިބިފަ އެވެ. ހަތަރު ވަނައިގައި އޮތް އެސްޓަން ވިލާ އަށް ލިބިފައިވަނީ 51 ޕޮއިންޓެވެ.
ޔުނައިޓެޑްގެ ކޯޗު ކަމާއި ވަގުތީ ގޮތުން ހަވާލުވެ ހުރި މައިކަލް ކެރިކްގެ އިރުޝާދުގެ ދަށުން އެ ޓީމު ދެން ކުޅޭނީ ޕްރިމިއާ ލީގުގައި އަންނަ ހުކުރު ދުވަހު ބޯންމަތު އާއި ދެކޮޅަށެވެ.