އަލަށް ފަށާ މަޝްރޫޢުތަކާއި ހުއްޓިފައިވާ މަސައްކަތްތައް ހިމެނޭހެން، 30 އިންޖީނުގެއެއް އިމާރާތްކުރުމުގެ މަސައްކަތް މިއަހަރު ކުރިއަށްގެންދާނެކަމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ނަޖާޙް ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ނަޖާޙް ވިދާޅުވީ، ކަރަންޓާއި ފެނާއި ނަރުދަމާގެ ވިއުގަތައް އަޕްގްރޭޑްކުރުމާއި އިންޖީނުގެތަކަށް ބޭނުންވާ ޖާގަ ތަނަވަސްކުރުމަށް ގިނަ މަޝްރޫޢުތަކެއް މިއަހަރު ކުރިއަށްގެންދާކަމަށެވެ.
އެގޮތުން މި ރަމަޟާން މަހަށް ތައްޔާރުވުމަށް ކުރިއަށްގެންދިޔަ މަސައްކަތުގެ ތެރޭގައިވެސް 27 ރަށެއްގެ ކޭބަލް ނެޓްވޯކް އަޕްގްރޭޑްކުރުމާއި، 6 ރަށުގައި ޓްރާންސްފޯމަރާއި ސަބްސްޓޭޝަން ބެހެއްޓުމާއި، 6 ރަށެއްގެ ކަރަންޓުގެ ވިއުގަ މުޅިން އަޕްގްރޭޑްކުރުމާއި އަދި 3 ރަށެއްގައި 4 ޖެނެރޭޓަރު ސެޓް ބަހައްޓާފައިވާކަމަށެވެ. އަދި 37 ރަށުގެ އިންޖީނު އޯވަހޯލް ކުރުމުގެ މަސައްކަތް ނިމިފަވާއިރު، 37 ރަށުގެ މަސައްކަތް ކުރިއަށްދާކަމަށެވެ. ޖުމުލަ 36 ރަށުގެ މަސައްކަތް ރޯދަ މަހަށް ކުރިއަށްގެންދިޔަކަމަށް ނަޖާޙް ވިދާޅުވިއެވެ.
ނަޖާޙް ވިދާޅުވީ ރަށްރަށުގައި އިންޖީނުގެތަށް މީހުން ދިރިނޫޅޭ ސަރަޙައްދަށް ބަދަލުކޮށް އައު އިމާރާތްތައް އެޅުމުގެ މަސައްކަތުގެ ދަށުން 4 ރަށެއްގެ މަސައްކަތް ނިންމާފައިވާކަމަށެވެ. އެގެތެރޭގައި ބ.ކެންދޫ، ށ.މާއުނގޫދޫ، ގދ.ފިޔޯރީގެ މަސައްކަތް މުޅިން ނިމި ޚިދުމަތް އައު އިންޖީނުގެއަށް ބަދަލުކޮށްފަވާއިރު، ރަސްގެތީމުގެ އައު އިންޖީނުގެވެސް މިހާރު ބޭނުންކުރަން ތައްޔާރުވެފައިވާކަމަށް އޭނާ ވިދާޅުވިއެވެ.
"ވަރަށް ގިނަ މަސައްކަތްތައް ހުއްޓިފައި ހުރި. ކޮންމެހެން ފައްޓަންޖެހޭ މަސައްކަތްތައް އެބަހުރި. ބައެއް ރަށުގައި އިންޖީނުގެ ވަށައިގެން މީހުން ދިރިއުޅޭއިރު، ވަރަށް ގިނަ ދަތިތައް ކުރިމަތިވޭ. ޓުއަރިޒަމް ޒޯންތައް ކައިރީ އެބަހުރި. 30 މަޝްރޫޢުއެއް މިއަހަރު ފަށާނަން. ބައެއް މަސައްކަތްތައް ފެށިފައިވެސްވޭ. ހުއްޓިފައި އެބަހުރި %60، %70 މަސައްކަތް ނިމިފައި ހުރި މަޝްރޫޢުތައް. ސަރުކާރުގެ ޢަމާޒެއް މި 30 އިންޖީނުގޭގެ މަސައްކަތް މިއަހަރު ފަށާ، ވީހާވެސް އަވަހަށް ނިންމުން." ފެނަކައިގެ އެމްޑީ ނަޖާޙް ވިދާޅުވިއެވެ.
ފެނާއި ނަރުދަމާގެ ޚިދުމަތްވެސް އަތޮޅުތަކުގެ ގިނަ ރަށްރަށުގަައި ފެނަކައިން އަންނަނީ ދެމުންނެެވެ. ނަޖާޙް ވިދާޅުވީ ނޮޅިވަރަމާއި އިހަވަންދޫގެ އާރްއޯ ޕްލާންޓްގެ މަސައްކަތް ނިމިފަވާކަމަށެވެ. 18 ރަށުގެ ފެނުގެ ނިޒާމު މަރާމާތުކުރުމާއި އަލަށް 3 ރަށެއްގައި ފެނާ ނަރުދަމާގެ ނިޒާމުގެ މަސައްކަތް ފަށާފަވާކަމަށް ނަޖާޙް ވިދާޅުވިއެވެ.