މެލޭޝިޔާގައި ބާއްވާ ބައިނަލްއަޤުވާމީ ޤުރްއާން މުބާރާތެއްގައި ރާއްޖެ ތަމްސީލުކުރުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒުން ވިދާޅުވީ، "މެލޭޝިޔާ އިންޓަނޭޝަނަލް އަލްޤުރްއާން ރިސައިޓަލް އެންޑް މެމޮރައިޒޭޝަން އެސެންބްލީ" ގެނަމުގައި ބާއްވާ މި މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ރާއްޖެއަށް ލިބިފައިވާކަމަށެވެ. އެހެންކަމުން މި މުބާރާތުގައި ރާއްޖެ ތަމްޞީލުކުރަން ޝަޢުގުވެރިވާ ފަރާތްތަކަށް އެ ފުރުޞަތު ޤުރުއާނާބެހޭ ޤައުމީ މަރުކަޒުން މިހާރު ވަނީ ހުޅުވާލާފައެވެ.
މި މުބާރާތުގައި ބައިވެރިކުރުމަށް ރާއްޖެއަށް ފުރުޞަތު ލިބިފައިވަނީ ޖުމްލަ ދެ ބައިވެރިންނަށެވެ. އެއީ އަންހެން ބައިވެރިއަކާއި ފިރިހެން ބައިވެރިއެކެވެ. މުބާރާތުގައި ބައިވެރިވެވޭނީ ދެ ކެޓެގަރީއަކުންނެވެ. އެއީ މުޅި ޤުރްއާން އެއްކޮށް ތަޖުވީދުގެ ހަމަތަކާއެކު ހިތުން ކިޔެވުމުގެ ބަޔާއި، މުޖައްވަދުކޮށް ތިލާވަތުކުރުމުގެ ބަޔެވެ. ހިތުން ކިޔެވުމުގެ ބައިގައި ބައިވެރިވެވޭނީ 13 އަހަރާއި 25 އަހަރާ ދެމެދުގެ ހާފިޒުންނަށެވެ. އަދި މުޖައްވަދު ބައިގައި ބައިވެރިވެވޭނީ 18 އަހަރާއި 50 އަހަރާ ދެމެދުގެ ފަރާތްތަކަށެވެ.
މި މުބާރާތުގައި ބައިވެރިވުމުގެ އާންމު ޝަރުޠުތަކުގެ ތެރޭގައި ދިވެހި ރައްޔިތަކަށްވުމާއި، ކުރީގައި މި މުބާރާތުގައި ބައިވެރިވެ އެއްވަނަ ހާސިލުކޮށްފައިވާ ފަރާތަކަށްނުވުން އަދި މި މުބާރާތުގައި ފާއިތުވެދިޔަ 3 އަހަރު ބައިވެރިވެ، މުބާރާތުގައި ކިޔަވާފައިވާ ފަރާތަކަށްނުވުން ހިމެނެއެވެ.
ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުން ވިދާޅުވީ، މުބާރާތުގައި ކިޔެވުމަށް މެލޭޝިއާއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ މި ކޮލިފައިންގ ބުރުން ފާސްވާ ދެ ބައިވެރިންނެވެ. އަދި އޮންލައިން ސްކްރީން އޮންނަ ދުވަހާއި ގަޑިއާއި ބައިވެރިވާންޖެހޭ ގޮތް ކަނޑައަޅައި ކޮންމެ ބައިވެރިއަކަށްވެސް މުބާރާތް އިންތިޒާމްކުރާ ފަރާތުން އަންގާނެކަމަށެވެ.
މި މުބާރާތުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 20 މާރިޗު 2026 ވާ ހުކުރު ދުވަހުގެ 15:00 ގެ ކުރިން ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒުން ކަނޑައަޅާފައިވާ ގޫގުލް ފޯމު މެދުވެރިކޮށް ހުށަހެޅުމަށް މިހާރު ވަނީ ހުޅުވާލާފައެވެ.
މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އޮކްޓޫބަރު މަހުގެ 4 އިން 10 އަށް މެލޭޝިޔާގެ ވެރިރަށް ކުއަލަލަންޕޫރުގައެވެ.
މީގެ ކުރިން 2024 ވަނައަހަރު ބޭއްވި 64 ވަނަ މެލޭޝިއަން އިންޓަނޭޝަނަލް އަލްޤުރުއާން ރިސައިޓޭޝަން އެންޑް މެމޮރައިޒޭޝަން އެސެމްބްލީގައި ރާއްޖޭގެ ފަރާތުން ބައިވެރިވި ފާތިމަތު ޝާޔާ ޒާހިރު ވަނީ 3 ވަނަ ހޯދާފައެވެ. ޝާޔާއަށް މި މުބާރާތުން 3 ވަނަ ލިބުނީ ހިފްޒު ބައިންނެވެ.