ޚަބަރު

ތެލެސީމިއާ ސޮސައިޓީގެ ކުރީގެ ޗެއަރޕާސަން އަބްދުލްމުޢިއްޒު ޙަސަން ނިޔާވެއްޖެ


  • މުޢިއްޒުއަކީ ތެލެސީމީއާއަށް ހޭލުންތެރި ކުރަން މަސައްކަތްތަކެއް ކުރި ޒުވާނެއް

  • އޭނާ ނިޔާވީ ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށް

ތެލެސީމިއާ ސޮސައިޓީގެ ކުރީގެ ޗެއަރޕާސަން ޢަބްދުލްމުޢިއްޒު ޙަސަން ނިޔާވުމާއި ގުޅިގެން އޭނާގެ ޢާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތައުޒިޔާ ވިދާޅުވެއްޖެއެވެ.

މުޢިއްޒު ނިޔާވުމާއި ގުޅިގެން މީސްމިޑީއާގައި ޙިއްސާކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އޭނާ ނިޔާވި ޚަބަރު އެއްސެވީ ފުން ހިތާމައާއެކު ކަމަށެވެ. ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަންގެ މުވައްޒަފެއްގެ ގޮތުގައި މަސައްކަތް ކުރަމުންދާ މުޢިއްޒުއަކީ އެކުންފުނީގެ މުވައްޒަފުންގެ ކްލަބުގެ ރައީސްވެސްމެއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އެ ކްލަބުގެ ރައީސްގެ ހައިސިއްޔަތުންވެސް މުޢިއްޒުއަކީ ހިތްވަރުގަދަކަމާއި ހިތްހެޔޮކަމުގެ ރީތި ނަމޫނާއެއް ދެއްކެވި ޒުވާނެއް ކަމަށެވެ.

އެމަނިކުފާނުގެ ޕޯސްޓް ނިންމަވާލެއްވީ، މުޢިއްޒުގެ ޢާއިލާއަށާއި، ތެލަސީމިއާ ސޮސައިޓީގެ މެންބަރުންނަށް އަދި އެޗްޑީސީގެ މުވައްޒަފުންނަށް ތަޢުޒިޔާ ދަންނަވަމުންނެވެ. އަދި އޭނާއަށް މާތްﷲގެ ތަނަވަސް ރަޙުމަތުގައި ދާއިމީ ނިޢުމަތާއި ރަޙުމަތް ލެއްވުން އެދި ދުޢާ ދަންނަވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އަބްދުލް މުޢިއްޒުއަކީ، ތެލެސީމިއާ ސޮސައިޓީގެ ކުރީގެ ރައީސްކަން ކުރައްވާފައިވާ ފަރާތެކެވެ. އަދި މިހާރު އެ ސޮސައިޓީގެ އެގްޒެކެޓިވް ކޮމެޓީގެ މެންބަރެކެވެ. އޭނާ ވަނީ، ރާއްޖޭގައި ތެލެސީމިއާއަށް ހޭލުންތެރި ކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މުޢިއްޒު ނިޔާވީ، ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށްނެވެ.