ޚަބަރު

ތެލުގެ ސަޕްލައިގެ ތާށިކަން ހައްލުކުރަން އެމެރިކާއަށް ގޮތް ހުސްވަނީ


މެދުއިރުމަތީގައި މިހާރު ކުރަމުންދާ ހަނގުރާމައާ ގުޅިގެން، އެ ސަރަޙައްދުން ތެޔޮ ބޭރުކުރުން އެކީގައިހެން ހުއްޓި، ދުނިޔޭގެ ބާޒާރަށް ކުރިމަތިވެފައިވާ ތާށިކަން ޙައްލުކުރަން އެޅޭނެ އިތުރު ފިޔަވަޅެއް ދެން ނެތް ކަމަށް ތަޖުރިބާކާރުން ބުނެފިއެވެ.

ފެބްރުއަރީ 28ގައި އެމެރިކާ އާއި ޔަހޫދީން ގުޅިގެން އީރާނާ ދެކޮޅަށް ފެށި ނިރުބަވެރި ޢުދުވާނާ ގުޅިގެން، ރައްދުގައި އީރާނުން ވަނީ ތެލުގެ ސަޕްލައި ތާށިކުރުމަށް އީރާނުން ވަނީ ހުރްމުޒް ކަނޑުއޮޅި ބަންދުކޮށްފައެވެ.

ގަލްފު ސަރަޙައްދާއި އިންޑިޔާ ކަނޑާ ގުޅުވައިދޭ ހުރުމުޒް ކަނޑުއޮޅިއަކީ އެ މަގެއް މެދުވެރިކޮށް ދުނިޔެއަށް ބޭނުންވާ ތެލުގެ 20 އިންސައްތަ އުފުލާ މައި މަގެކެވެ. ހަނގުރާމައިގެ މި ޙާލަތުގައި އެ ކަނޑުއޮޅި ހުރަސް ކުރުމަށް މަސައްކަތް ކުރާ އުޅަނދުފަހަރަށް އީރާނުން ދަނީ ޙަމަލާ ދެމުންނެވެ. އެއާއެކު، ތެޔޮ އުފުލާ އުޅަނދުތަކަށް ހުރަސްނުކުރެވި، ދުނިޔޭގެ ތެލުގެ ސަޕްލައިގެ ގާތްގަނޑަކަށް 15 އިންސައްތަ މެދުއިރުމަތީގައި ވަނީ ތާށިވެފައެވެ.

ތެލުގެ ސަޕްލައިގެ ތާށިކަން ޙައްލުކުރަން، ދުނިޔޭގެ އެންމެ ގިނައިން ތެޔޮ އެކްސްޕޯޓުކުރާ ސަޢުދީ ޢަރަބިއްޔާއިން ވަނީ ދުވާލަކު ފަސް މިލިއަން ފީފާ ތެޔޮ، ރަތްކަނޑުގައި އޮންނަ ޔަންބުޢާ ބަނދަރުން ބޭރުކުރުމުގެ މަސައްކަތް ފަށައިފައެވެ. އެކުވެރި ޢަރަބި ޢިމާރާތް، ޔޫއޭއީންވެސް ދަނީ އަލްފުޖައިރާ ބަނދަރުން ސާފުނުކުރާ ތެޔޮ ބޭރުކުރުމުގެ މަސައްކަތް ކުރަމުންނެވެ.

ނަމަވެސް، މެދުއިރުމަތިން ދުނިޔޭގެ ބާޒާރަށް ސަޕްލައި ކުރާ ގާތްގަނޑަކަށް 15 މިލިއަނެއްހާ ފީފާ ތެޔޮ ނުނެރެވި ތާށިވެފައިވާކަމަށް ތަޖުރިބާކާރުން ލަފާކުރެއެވެ. މިއީ ދެވަނަ ބޮޑުހަނގުރާމައިގެ ފަހުން ދުނިޔެއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ތެލުގެ ސަޕްލައިގެ ތާށިކަން ކަމުގައި ވަނީ ބުނެފައެވެ. އެއާއެކު، ދުނިޔޭގެ ބާޒާރުގައި ތެޔޮ ފީފާއެއްގެ އަގު ވަނީ 100 އެމެރިކާ ޑޮލަރަށް އަރައިފައެވެ.
އެމެރިކާ އާއި ޔަހޫދީންގެ ޙަމަލާތަކުގައި އޭރު އީރާނުގެ ރޫޙީ ވެރިޔާގެ މަޤާމުގައި ހުންނެވި އާޔަތުالله ޢަލީ ޚަމަނާއީ ޝަހީދުވުމާއެކު، އައު ރޫޙީ ވެރިޔާގެ މަޤާމަށް އީރާނުން މިހާރު ވަނީ އޭނާގެ ދަރިކަލުން، މުޖުތަބާ ޚާމަނާއީ ޢައްޔަނުކޮށްފައެވެ.

މަޤާމާ ޙަވާލުވެވަޑައިގެންނެވި ފަހުން ފުރަތަމަ ފަހަރަށް ރައްޔިތުންނާ މުޚާތަބު ކުރައްވައި ނެރުއްވި ބަޔާނުގައި މުޖުތަބާ ވިދާޅުވީ ކާމިޔާބުކަމާއެކު އީރާނުން މިހާރު ވެސް ބޭނުން ކުރަމުންދާ ދިފާޢީ އުކުޅުތައް ކުރިއަށް އޮތް ދުވަސްތަކުގައި ވެސް ބޭނުންކުރަމުން ދިޔުމަށް ގިނަ ރައްޔިތުން އެދޭ ކަމަށެވެ.

މިގޮތުން، ހުރްމުޒް ކަނޑުއޮޅި ހަތިޔާރަކަށް ހަދައި، އެ މަގު ބަންދުކޮށްފައި ބާއްވާނެ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

ހުރުމުޒް ކަނޑުއޮޅި ހުރަސްކުރާ އުޅަނދުތަކަށް ހިމާޔަތްދޭނެކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މީގެކުރިން ވިދާޅުވިނަމަވެސް، އެ ރައްކާތެރިކަން ދެވެން ނެތް ކަމަށް އެމެރިކާގެ ކަނޑުގެ ސިފައިން ވަނީ ބުނެފައެވެ. ހަނގުރާމައިގެ ޙާލަތުގައި ހުރްމުޒް ކަނޑުއޮޅި ހުރަސްކުރާ އުޅަނދުތަކަށް އިންޝުއަރަންސަށް އިތުރަށް ދާ ޚަރަދު އެމެރިކާއިން ދޭނެކަމުގެ ޔަޤީންކަން ޓްރަމްޕް ދެއްވާފައިވިޔަސް، ގިނަ އުޅަނދުތައް ވަނީ އެ ނުރައްކަލާ ކުރިމަތިލާން ފަސްޖެހިފައެވެ.

މީގެކުރިން ދުނިޔެއަށް ކުރިމަތިވާ މިފަދަ ކާރިޘާތަކުގައި، ތެލުގެ ސަޕްލައި ހިފެހެއްޓުމަށް ބަރޯސާވަނީ އޯޕެކް ޕްލަސް ޤައުމުތަކުގެ ތެޔޮ އުފެއްދުމުގެ ރިޒާވް ޤާބިލުކަމަށެވެ. ނަމަވެސް، 3.9 މިލިއަން ފީފާ ތެޔޮ އުފެއްދުމުގެ ޤާބިލުކަމުގެ ބޮޑު އިންސައްތައެއް ހުރީ މެދުއިރުމަތީގައެވެ.

ތެލުގެ އަގު އިންތިހާއަށް މަތިވެ، ދުނިޔޭގެ އިޤްތިޞާދަށް ކުރިމަތިވަމުންދާ ލޮޅުންތަކުގެ އަސަރު ކުޑަކުރަން ޓްރަމްޕްގެ ސަރުކާރަށް ވަނީ ފާއިތުވި ދުވަސްތަކުގައި ގިނަ ފިޔަވަޅުތަކެއް އަޅަން މަޖުބޫރުވެފައެވެ. މިގޮތުން، ރަޝިޔާއިން އުފައްދާ ތެލާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް އެމެރިކާއިން ވަނީ ލުއި ދީފައެވެ.

ސަޕްލައި އިތުރުކޮށް، ތެލުގެ އަގު ތިރިކުރުމުގެ ޢުއްމީދުގައި، އެމެރިކާއިން ވަނީ ރަޝިޔާއިން ތެޔޮ ވިއްކުން ހުއްޓުވަން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅު ކުރިއަށްއޮތް 30 ދުވަހުގެ މުއްދަތަށް ލުއިކޮށްފައެވެ. މިގޮތުން، ރަޝިޔާއިން އުފައްދާފައިވާ ގާތްގަނޑަކަށް 245 މިލިއަން ފީފާ ތެޔޮ ބާޒާރަށް ނެރެވޭނެކަމަށް ވަނީ ލަފާކޮށްފައެވެ.

އަދަދުން ބަލާއިރު، އެއީ މެދުއިރުމަތިން ބާޒާރަށް ނުނެރެވި ތާށިވެފައިހުރި އަދަދުކަމަށްވިޔަސް، ރަޝިޔާއިން ބާޒާރަށް ނެރެދެވޭނެ ޙަޤީޤީ އަދަދު އެއަށްވުރެ މަދު ވާނެ ކަމަށް ތަޖުރިބާކާރުން ބުނެއެވެ. ސަބަބަކީ، އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ތެރޭގައި ވެސް ޗައިނާ އާއި އިންޑިޔާ އަދި ތުރުކީވިލާތުން ރަޝިޔާއިން އުފައްދާ ތެޔޮ ގަންނަމުންދިޔުމެވެ. އެހެންކަމުން، ބާޒާރަށް ނެރެން އުފައްދާފައި ހުރި ތެލުގެ އަދަދު މަދުވާނެއެވެ.

މީގެއިތުރުން، ތެޔޮ ލިބުމަށް ކުރިމަތިވެފައިވާ ދަތިތައް ޙައްލުކުރުމުގެ ގޮތުން، ބައިނަލްއަޤްވާމީ ހަަކަތައާބެހޭ އިދާރާ، އައިއީއޭގެ އެމަޖެންސީ ރިޒާވުން 400 މިލިޔަން ފީފާގެ ތެޔޮ ބާޒާރަށް ނެރެން ވަނީ ނިންމައިފައެވެ.

ނަމަވެސް، މި ފިޔަވަޅުތަކުން ވެސް ތެލުގެ ސަޕްލައިއަށް ކުރިމަތިވެފައިވާ ތާށިކަމަށް އެކަށީގެންވާ ޙައްލެއް ނުލިބޭނެކަމަށް ތަޖުރިބާކާރުން ޤަބޫލުކުރައްވައެވެ.