ޣާޒީ ރަދުންގެ އާސާރުތައް ދިރުވާ ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ތެރެއިން، ތިލަދުންމަތީ އުތުރުބުރީގެ ތިން ރަށެއްގައި ކުރިއަށްގެންދާ މަސައްކަތްތައް މިއަހަރުތެރޭ ނިންމާލެވޭނެކަމަށް، ދިވެހިބަހާއި ސަޤާފަތާއި ތަރިކައާބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް ވިދާޅުވެއްޖެއެވެ.
އެ ތިން ރަށަކީ، ހއ. އުތީމު، ބާރަށް އަދި ތަކަންދޫއެވެ.
ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ދިވެހިބަހާއި ސަޤާފަތާއި ތަރިކައާބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް ވިދާޅުވީ، ޣާޒީ ރަދުންގެ އާސާރުތައް ދިރުވާ ތަރައްޤީ ކުރުމަށް އެ ވުޒާރާއިން ކުރިއަށްގެންދާ މަޝްރޫޢުގެ ތެރެއިން، ހއ. އުތީމު، ތަކަންދޫ އަދި ބާރަށުގެ އާސާރުތައް ތަރައްޤީކުރުމުގެ މަސައްކަތް މިއަހަރުތެރޭ ނިންމާލެވޭނެކަމަށެވެ.
އެގޮތުން، މި މަޝްރޫޢުގެ ތެރެއިން، އެ ރަށްރަށުގައި ހުރި ތަރިކައިގެ ސަރަހައްދުތަކާއި، އިމާރާތްތަކާއި، ބިނާތައްފަދަ ތަންތަން، ދިވެހިވަންތަކަމުގެ ސިފަތަކާއި އެއްގޮތަށް ފަރުމާކުރެވިގެންދާނެކަމަށް ވިދާޅުވިއެވެ.
ޣާޒީ ރަދުންގެ އާސާރުތައް ދިރުވާ ތަރައްޤީކުރުމުގެ މަޝްރޫޢުގެ ތެރެއިން، އުތީމުގައި ކުރިއަށްދާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ، އެރަށުގައި، ވާހަކަ ވަލެއް ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށެވެ. އަދި "ޕާކެއް" ގޮތަށް ތަރައްޤީކުރެވޭ އެ ވާހަކަ ވަލުން، އުތީމު މަހާރަދުން ޕޯޗުގީޒުންނާ ކުރައްވަން ޖެހުނު ހަނގުރާމައިގެ ކަންހިނގާދިޔަގޮތާއި، މި ކަންކަމުގެ ވާހަކަތައް އެނގިގެންދާނެކަމަށް ވިދާޅުވިއެވެ.
މީގެއިތުރުން، ބާރަށް އަދި ތަކަންދޫގައިވެސް މުހިންމު މަސައްކަތްތަކެއް ކުރިއަށްދާކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ، ތަކަންދޫގެ ބޮޑު ސަހަރާ ހުރި ސަރަހައްދުގައި ގެލެރީއެއް ގާއިމްކޮށް، އެ ތަނުން ދިވެހީންގެ ހިރިގަލު ވަޑާމުގެ ފަންނުވެރިކަން ދައްކުވައިދޭނެކަމަށެވެ. އަދި އެރަށުގައި އަލިތަކުރުފާނުގެ ޒިޔާރަތްވެސް ތަރައްޤީކުރެވިގެންދާނެކަމަށް ވިދާޅުވިއެވެ.
"ބާރަށުގަވެސް ތިން ސަރަހައްދެއްގައި ތިން މަސައްކަތެއް ކުރިއަށްދާނެ. ތަކަންދޫގެ ދެ ސަރަހއްދެއްގަ 2 މަސައްކަތެއް ހިނގާނެ. އަޅުގަނޑުމެން އުއްމީދު މިކުރަނީ މިހާރު ފެށިގެން މިދާ ދިއުމުގެ ތެރޭގައި މިއަހަރުތެރޭގަ އަޅުގަނޑުމެންނަށް މި މަސައްކަތްތައް ނިންމާލެވޭނެކަމަށް". ވަޒީރު ވިދާޅުވިއެވެ.
މީގެއިތުރުން، ޣާޒީ ރަދުންގެ އާސާރުތައް ދިރުވާ ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ތެރެއިން، މަރޮށީގައިވެސް ލަހެއްނުވެ މަސައްކަތްތަކެއް ފެށިގެންދާނެކަމަށް ވަޒީރު ވިދާޅުވިއެވެ.
" މި ތިން ރަށުގެ އިތުރަށް އަޅުގަނޑުމެން ލަހެއްނުވެ މަރޮށީގަވެސް އިރާދަކުރެއްވިއްޔާ މަސައްކަތް ފަށާނަން. އެއީ މަރޮށްޓަކީ ޣާޒީ ރަދުންނާ ވަރަށް ބޮޑަށް ޚާއްސަކޮށް އެ ހަނގުރާމައާއި ގުޅިފައިވާ ރަށަކަށް ވާތީ، ތަރިކައިގެ ތަރައްޤީގެ މަޝްރޫޢެއް ވަރަށް އަވަހަށް ޢަމަލީ މަސައްކަތް ފަށާނަން. މިހާރު ކުރަހާ ނިމިފަ އޮތީ. ކުރެހުންތައް ތައްޔާރުކޮށް ނިމިފަ. އެހެންވީމަ ދެން އޮންނާނީ ޢަމަލީ މަސައްކަތް ފެށުން". ވަޒީރު ވިދާޅުވިއެވެ.
ރާއްޖޭގައި ހުރި ދުވަސްވީ އާސާރުތައް ރައްކާތެރިކޮށް އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަށް ސަރުކާރުން ދަނީ މަސައްކަތްކުރައްވަމުންނެވެ. އަދި މި މަސައްކަތުގައި އެކި ޤައުމުތަކުގެ އެހީތެރިކަންވެސް ދަނީ ހޯދަމުންނެވެ.