ސްޕެނިޝް ލަލީގާގައި އެލްޗޭ އަތުން ހޯދި ބޮޑު މޮޅާއެކު ނުހަނު އުފާވެފައި ހުރި ކަމަށާއި، މިއީ އުފަލުން މަރުވެސް ވެވިދާނެފަދަ ކަމެއްކަމަށް ރެއާލް މެޑްރިޑްގެ ކޯޗު އަލްވާރޯ އާބެލޯއާ ބުނެފިއެވެ.
ލީގުގައި އެލްޗޭގެ މައްޗަށް ރެއާލުން ކުރިހޯދީ 1-4 ގެ ނަތީޖާއަކުންނެވެ.
އަނިޔާގެ ގިނަ މައްސަލަތަކެއް ވެސް ކުރިމަތިވެފައިވާ ދަނޑިވަޅެއްގައި ތަފާތު މޮޅު ކުޅުމެއް، ޒުވާން ކުޅުންތެރިންތަކަކަށް ވެސް ފުރުސަތު ދީގެން ރެއާލުން ވަނީ އެ މެޗުގައި ހޯދާފައެވެ.
މެޗުން ހޯދި ކާމިޔާބީއާ ގުޅޭގޮތުން ވާހަކަދައްކަމުން އާބެލޯއާ ބުނީ، ރެއާލްގެ އެކެޑަމީއަށް ނިސްބަތްވާ ގިނަ ކުޅުންތެރިންތަކެއް ޓީމުގައި ހިމަނައިގެން ބޮޑު މޮޅެއް ހޯދުން މިއީ، އަމިއްލަ ދަނޑުގައި ޓީމަށް ހިތްވަރުދޭން އައި ސަޕޯޓަރުންނަށް ވެސް އިންތިހާ އުފާވެރިކަން ލިބިގެންދާނެ ކަމެއް ކަމަށެވެ.
މިއިން ހާމަވެގެން ދިޔައީ، ރެއާލްގެ މުސްތަގްބަލު އުޖާލާ ކަމާއި، އެކެޑަމީގައި ހުނަރުން ފުރިގެންވާ އެތައް ކުޅުންތެރިންނެއް ތިބިކަން ކަމަށް އާބެލޯއާ ބުންޏެވެ.
ފާހަގަކޮށްލަން ޖެހޭ ގޮތުގައި އާބެލޯއާ އަކީ، ރެއާލްގެ އެކަޑަމީގައި ކުޅެ، ފަހުން ސީނިއަރ ޓީމަށް ކުޅެ ރިޓަޔަރކުރުމަށްފަހު، އެ ކުލަބުގެ ޒުވާން ޓީމުތަކަށް ކޯޗުކަން ކޮށްދިނުމަށްފަހު ސީނިއަރ ޓީމާ ހަވާލުވި ކޯޗެކެވެ.
ކަން މިހެން އޮވެ، ޒުވާން ކުޅުންތެރިންތަކެއް ހިމަނައި ފުރަތަމަ ޑިވިޝަނުގައި، ސީނިއަރ ޓީމުގައި ހޯދުނު މި ބޮޑު ކާމިޔާބީއާއެކު، އުފަލުން މަރުވެސް ވެވިދާނެކަމަށް އާބެލޯއާ ބުންޏެވެ.
ކިލިއަން އެމްބާޕޭ ހިމެނޭހެން މުހިންމު ގިނަ ކުޅުންތެރިންތަކެއް އަނިޔާގެ ސަބަބުން ކުޅުމާ ދުރުގައި ހުރި ނަމަވެސް، މިފަހުން ކުޅުނު ގިނަ މެޗުތަކުގައި ރެއާލުން ވަނީ ތިން ޕޮއިންޓު ހޯދާފައެވެ.
މި މެޗުތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވެނީ، ޗެމްޕިއަންސް ލީގުގެ ގަދަ 16 ގައި މެންޗަސްޓަ ސިޓީގެ މައްޗަށް ހޯދި މޮޅެވެ.
ލީގު ތާވަލުގައި ރެއާލް މިވަގުތު ދެވަނައިގައި އޮތީ ކުޅުނު 28 މެޗުން 66 ޕޮއިންޓާއެކުއެވެ. ތާވަލުގެ އެއްވަނައިގައި ވާދަވެރި ބާސެލޯނާ އޮތީ 70 ޕޮއިންޓާއެކުއެވެ.