އިސްލާމްދީނުގައި ޒަކާތް ފަރުޟު ކުރައްވާފައިވަނީ ވަރަށް މަތިވެރި ޙިކުމަތަކަށްޓަކައެވެ. ޒަކާތަކީ، މުޖުތަމަޢުގައި އިޖުތިމާޢީ ޢަދާލަތު ޤާއިމްކޮށް، ފަޤީރުކަން ނައްތައިލާނެ މާލީ ނިޒާމެކެވެ.
ޒަކާތް ނެރުން ފަރުޟުވުމުގެ ސަބަބުން އިސްލާމީ އުއްމަތުގެ އިޖުތިމާޢީ ހާލަތާއި، އިޤްތިސާދީ ހާލަތު ރަނގަޅުވެއެވެ. ވަގުތާއި ހައްޤުވެރިންގެ ޙާޖަތާއި މަސްލަޙަތައް ބަލައި، އެންމެ ބޮޑަށް ފުޅާކުރެވެން އޮތް ރުކުނަކީ ޒަކާތުގެ ރުކުންކަން ފާހަގަކޮށްލެވެއެވެ.
ޒަކާތަކީ، އިޖުތިމާޢީ އެއްބައިވަންތަކަން ޤާއިމުކުރުމަށްޓަކައި މާތްވެގެންވާ އިސްލާމްދީނުގައި ކަނޑައަޅުއްވާފައިވާ މާލީ ނިޒާމެކެވެ. ނަމަވެސް، ދީނުގައި ޒަކާތް ފަރުޟު ކުރެއްވީ، ހަމައެކަނި ފަޤީރު މީހާގެ ޙާޖަތްތަކަށް ވަގުތީ ޙައްލެއް ހޯދައިދިނުމަށްފަހު އޭނާ މުޖުތަމަޢުގެ ތެރެއަށް ދޫކޮށްލުމުގެ މަޤްޞަދުގައެއް ނޫނެވެ. ޢިލްމުވެރިން ވިދާޅުވާ ގޮތުގައި ޒަކާތުގެ މަޤްޞަދަކީ އޭގެ ޙައްޤުވެރިންނަށް ދާއިމީ ފުދުންތެރިކަމެއް ހޯދައިދިނުމެވެ.
ފިތުރު ޒަކާތް ދެއްކުމުގެ މުހިންމުކަމާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްޞަ އިންޓަވިއުއެއްގައި އައްޝެއިޚް އިއްޒުއްދީން އަދުނާން ވިދާޅުވީ، ފިތުރު ޒަކާތް ދެއްކުމަކީ ރޯދަވެރިޔާ ރޯދަޔަށްހުރެ ކުރެވޭ ކުދި ފާފަތަކުން ތާހިރުކޮށްދޭ ކަމެއް ކަމަށެވެ.
" ފިތުރު ޒަކާތް އަޅުގަނޑުމެން ދައްކަން ޖެހޭ ސަބަބަކީ ރޯދަވެރިޔާ ރޯދަޔަށް ހުންނައިރު، ބައެއްފަހަރު ލޮލުންނާއި ދުލުންވެސް އަދި ހަށިގަނޑުންވެސް ބައެއްފަހަރަށް ރޯދައިގެ ސަވާބު އުނިވާފަދަ ޢަމަލުތައް ކުރެވޭ ހިނދު، އެ އުނިކަންތަކުން ތާހިރުވުމަށްޓަކައި. ޒަކާތަކީ، އެފަދަ ކުދި ފާފަތަކުން ތާހިރުކޮށްދޭ އެއްޗެއް". ޝެއިޚް ވިދާޅުވިއެވެ.
އައްޝެއިޚް އިއްޒުއްދީން އަދުނާން ވިދާޅުވީ، ފިތުރު ޒަކާތް ދެއްކުމުގައި ވީހާވެސް އަވަހަކަށް ޒަކާތް ދެއްކުމަށް އަވަސްވެ ގަންނަން ޖެހޭ ކަމަށެވެ. ރަމަޟާން މަހަށް ހަނދު ބެލުމަށްފަހު ކޮންމެ ވަގުތަކުވެސް ޒަކާތް ދެއްކުމުގެ އިންތިޒާމް ހަމަޖެހިފައިވާކަން ފާހަގަކުރައްވާ ޝެއިޚް ވިދާޅުވީ، ޒަކާތް ދެއްކުން ފަސް ކުރުމުގެ ސަބަބުން ބައެއް ފަރާތްތަކުން ޒަކާތް ނުދައްކާ ހުއްޓާ ޢީދު ދުވަސްވެސް ފަހަނައަޅައިދާ ކަމަށެވެ.
" ފިތުރު ޒަކާތް ދައްކާއިރު ސަމާލުކަން ދޭންޖެހޭ ކަމަކީ، ރަމަޟާންމަހުގެ ހަނދު ފެނުމުގެ ވަގުތުން ފެށިގެން ޒަކާތް ބަލައިގަންނަ ގޮތަށް ހަމަޖެހިފަވަނީ. އެހެންވީމަ މި ދީނީ ވާޖިބު އަދާކުރުމަށް ފަސްނުކޮށް ބަހައްޓާށޭ. ގިނަ ފަހަރު ވާގޮތަކީ، ފަހުން ދެއްކިދާނޭ ނުވަތަ ޒަކާތް ވާޖިބުވެގެން އައީ ޝައްވާލްމަހުގެ ހަނދު ފެނުމާ ހަމަޔަށޭ ކިޔާފަ ބައެއް މީހުން ފަސްކުރޭ. އެގޮތަށް ތިބޭއިރު ބައެއް މީހުންނަށް ޒަކާތް ނުދެއްކި ހުއްޓާ ޢީދު ދުވަސް ފަހަނައަޅައި އެބަދޭ." ޝެއިޚް ވިދާޅުވިއެވެ.
އައްޝެއިޚް އިއްޒުއްދީން އަދުނާން ވިދާޅުވީ، ޒަކާތް ދެއްކުމުގައި އިސްކަންދޭންޖެހޭ އެންމެ މުހިންމު އެއްކަމަކީ، ތިމާ ބަލަހައްޓަންޖެހޭ ނުވަތަ ތިމާ ޚަރަދު ކުރަންޖެހޭ ފަރާތްތަކަށް ޒަކާތް ދެއްކުމަށް ކަމަށެވެ. ނަމަވެސް ތިމާގެ ދަރިންނަކީ މުސާރަވެރިން ކަމުގައިވާނަމަ، އެ ފަރާތްތަށް ޒަކާތް ދައްކަން ޖެހޭނީ އަމިއްލަޔަށްކަން ޝެއިޚް ފާހަގަކުރެއްވިއެވެ.
އަދުގެ މުޖުތަމަޢުތަކުގައި ގިނަ އާއިލާތަކުގައި ކަންހިނގާ ގޮތަކީ، އާއިލާގެ ހުރިހާ މެމްބަރުންނަށް އެކަކު ޒަކާތް ދެއްކުންކަން ފާހަގަކުރައްވާ ޝެއިޚް ވިދާޅުވީ، ދިވެހީންގެ މި އާދަ ބަދަލު ކުރަންޖެހޭ ކަމަށެވެ. އަދި ކޮންމެ މީހަކުވެސް އެމީހެއްގެ ފަރުދީ ޒިންމާ އަދާކޮށް، ތިމާ ޚަރަދު ކުރަންޖެހޭ ފަރާތްތަކަށް ފަސްނުކޮށް، ޒަކާތް ދެއްކުމަށް އަވަސްވެ ގަންނަންޖެހޭ ކަމަށެވެ. ޝެއިޚްގެ ވާހަކަފުޅުގައި ޒަކާތް ދެއްކުމަށް އަވަސްވެ ގަތުމަށް ތަކުރާރުކޮށް ގޮވާލެއްވިއެވެ.
"ޒަކާތް ދައްކާއިރު ބަލަންޖެހޭ ކަމަކީ، ތިމާ ޚަރަދު ކުރަންޖެހޭ ފަރާތްތަކަށް ޒަކާތް ދެއްކުމަށް. މުސާރަވެރިޔަކު ކަމުގައިވަނީނަމަ ދަރިން ކަމުގައިވިޔަސް އެމީހެއްގެ ދީނީ ވާޖިބު އަދާކުރާނީ އެމީހަކު އަމިއްލަޔަށް." ޝެއިޚް ވިދާޅުވިއެވެ.
ޒަކާތް ދިނުމަކީ މިހާ މަތިވެރި، ދީނީ އަދި ދުނިޔަވީ މަޤުސަދުތަކެއް ފުރިހަމަވާ ދީނީ ޝިޢާރަކަށް ވީހިނދު އެކަމަކީ މުސްލިމުން ވަރަށް މަތިވެރި އަހައްމިޔަތު ކަމެއް ދޭންޖެހޭނެ ކަމެއް ކަމާމެދު ޝައްކެއް ނެތެވެ. ކޮންމެ މުސްލިމަކަށްވެސް ޒަކާތް ދެއްކުމުގެ މުހިންމުކަމާއި އޭގެ މަންފާގެ ބޮޑުކަން އަންގައިދީ އެކަމަށް ހޭލުންތެރި ވާންޖެހެއެވެ. ފަޤީރުންނާއި، މިސްކީނުންނާއި، ޔަތީމުންނާއި، ހުވަފަތްވެފައިވާ އަންހެނުންނާއި، ބޭނުންޖެހިފައިވާ އެހެނިހެން މީސްތަކުންގެ ބޭނުންތައް ފުއްދައިދިނުމަށް ތައްޔާރަށް ތިބެން ޖެހެއެވެ.