ޚަބަރު

މަސް ދޯނިތަކާއި އާއްމު ދަތުރުފަތުރުކުރާ އުޅަނދުތަކަށް ކުރީގެ އަގުގައި ތެޔޮ ލިބޭނެ


  • މަސްވެރިންނަށް 'ފަހިހަކަތަ' ޕްރޮގްރާމްގެ ދަށުން، ސަބްސިޑީ ދީފައިވާ އަގުތަކެއްގައި ތެޔޮ ލިބޭނެ

މަސްވެރިން ހިމެނޭހެން އާންމު ދަތުރުފަތުރާއި ޕަބްލިކް ފެރީގެ ހިދުމަތް ދޭ ފަރާތްތަކަށް އެސްޓީއޯއިން ކުރިން ވެސް ކަނޑައަޅާފައިވާ އަގުތަކުގައި ތެޔޮ ފޯރުކޮށްދިނުމަށް ނިންމާފައިވާކަމަށް އެ ކުންފުނިން ވިދާޅުވެއްޖެއެވެ.

މެދު އިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައާއި ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާއި ގުޅިގެން ރާއްޖޭގައިވެސް ތެލުގެ އަގުތަކަށް ވަނީ ބަދަލުތަކެއް އައިސްފައެވެ. އެސްޓީއޯއިން އަމިއްލަ ވިޔަފާރިތަކަށް ވިއްކާ ތެލުގެ އަގު ބޮޑުކުރިނަމަވެސް މިހާރު ވަނީ ބަދަލުތަކެއް ގެނެސްފައެވެ.

ޕީއެސްއެމްނިއުސްއަށް މައުލޫމާތު ދެއްވަމުން އެސްޓީއޯއިން ވިދާޅުވީ ސަރުކާރުން މަސްވެރިންނަށް ހާއްސަ ކޮށްގެން ކުރިއަށް ގެންދާ 'ފަހިހަކަތަ' ޕްރޮގްރާމްގެ ދަށުން، ސަބްސިޑީ ދީފައިވާ އަގުތަކެއްގައި ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖެހިފައިވާކަމަށެވެ. ކުރިއެކޭ އެއްގޮތަށް އެއް އަގެއްގައި ތެޔޮ ލިބޭނެކަމަށް އެ ކުންފުނިން ވިދާޅުވިއެވެ.

އެސްޓީއޯއިން ވިދާޅުވީ މާލެ ސަރަހައްދުގައި ހުންނަ އެފްއެސްއެމްގެ ފިއުލް ޝެޑްތަކުން ތެޔޮ ވިއްކާ އަގަށް ބަދަލެއް ގެނެސްފައިނުވާކަމަށެވެ. އަދި އެސްޓީއޯ އިން ތެޔޮ ގަނެގެން އަތޮޅުތެރޭގައި ޝެޑްތައް ހިންގާ ފަރާތްތަކަށް ކުރީގެ އަގުތަކުގައި ތެޔޮ ލިބޭނެ ގޮތް ވަނީ ހަމަޖެހިފައިކަމަށެވެ. މިއީ އާންމު ރައްޔިތުންނަށް މާލީ ގޮތުން އިތުރު ގޮންޖެހުންތަކެއް ކުރިމަތިނުވާނެހެން ޕެޓްރޯލާއި ޑީސަލް ފޯރުކޮށްދިނުމަށް އެޅި މުހިންމު ފިޔަވަޅެއްކަމަށް އެސްޓީއޯއިން ވިދާޅުވިއެވެ.

އާންމު އުސޫލެއްގެ ދަށުން ތެލުގެ އަގު ކަނޑައަޅަނީ، ރާއްޖެއަށް އެތެރެކުރާ ތެޔޮ ޝިޕްމެންޓްތަކުގެ ވެއިޓެޑް އެވަރޭޖްއަށް ބެލުމުގެ ދަށުނެވެ. މިއާއެކު ބާޒާރުގައި ތެލުގެ އަގަށް ބަދަލު އައުމާއެކު އެކަމުގެ އަސަރު ރާއްޖެއިން ވިއްކާ ތެލުންވެސް ފެނިގެންދާކަން ސަރުކާރުން ފާހަގަކުރެއެވެ.

ސަރުކާރުން ވަނީ ތެލުގެ އަގު އުފުލުނު ކަމުގައިވިއަސް، އެސްޓީއޯގެ ފައިދާއިން ބައެއް ސަބްސިޑައިޒްކޮށް އަގަށް އަންނަ ބަދަލު އެބްޒޯބް ކުރެވޭނެ ގޮތަށް މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވެފައެވެ. އަދި ދުނިޔޭގެ ބާޒާރުގެ ތެޔޮ ވިއްކާ އަގާއި އަޅާ ބަލާއިރު ރާއްޖެއިން މިހާރު ތެޔޮ ވިއްކަނީ ހެޔޮ އަގެއްގައިކަން ސަރުކާރުން ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާއި ގުޅިގެން ތެޔޮ ލިބުން ދަތިވުމާއި ގުޅިގެން ރާއްޖެއަށް ތެޔޮ ލިބޭނެ އިތުރުގޮތްތައް ހޯދުމުގެ މަސައްކަތްވެސް ސަރުކާރުން ދަނީ ކުރަމުންނެއެވެ. ސަބަބަކީ ރާއްޖެއަަށް ތެޔޮ ގެންނަނީ މެދުއިރުމަތީގެ ސަރަހައްދުންކަމަށް ވުމާއެކު އެ ސަރަހައްދު މި ވަގުތު ބަންދުކޮށްފައިއޮތުމުގެ ސަބަބުނެއެވެ. އަވަށްޓެރި ޤައުމުތަކާއި އެހެން އިތުރު ޤައުމުތަކުންވެސް ތެޔޮ ހޯދުމުގެ މަސައްކަތް ސަރުކާރުން މިހާރު ދަނީ ކުރަމުންނެއެވެ.