އދ. ދިގުރަށުގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބަންގްލަދޭޝްގެ ބޮޑުވަޒީރު ތާރިޤް ރަޙްމާނަށް ތަޢުޒިޔާ ފޮނުއްވައިފިއެވެ.
އެމަނިކުފާނު މި މެސެޖު ފޮނުއްވީ ދިގުރަށުގައި މިދިޔަ ހުކުރު ދުވަހުގެ ރޭ ހިނގި އަލިފާނުގެ ހާދިސާގައި ބަންގްލަދޭޝްގެ ފަސް ރައްޔިތަކު ނިޔާވުމާ ގުޅިގެންނެވެ.
ރައީސުލްޖުމްހޫރިއްޔާ ފޮނުއްވެވި ސިޓީގައި، މި ނުރައްކާތެރި ޙާދިސާއާއި ގުޅިގެން ނުހަނު ފުން ހިތާމައެއް ލިބިވަޑައިގެންނެވިކަން ވިދާޅުވިއެވެ. އަދި، މި ހިތާމަވެރި ދަނޑިވަޅުގައި، ބޮޑުވަޒީރަށާއި، އެޤައުމުގެ ސަރުކާރަށާއި ރައްޔިތުންނާއި، ޚާއްސަކޮށް، ޙާދިސާގައި ނިޔާވި މީހުންގެ ޢާއިލާތަކަށް، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި، ހަމްދަރުދީ ފާޅުކުރައްވައި، އެމަނިކުފާނު ތަޢުޒިޔާ ފޮނުއްވިއެވެ.
އެމަނިކުފާނާއި، ދިވެހި ރައްޔިތުން ތިބީ، މި ޙާދިސާގައި މަރުވެދިޔަ މީހުންނާއި އެކި ގޮތްގޮތުން ގެއްލުންތަކާ ކުރިމަތިލާންޖެހިފައިވާ ޢާއިލާތަކާ އެކުގައިކަން ހާމަކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ވަނީ މި ޙާދިސާގައި، ޒަޚަމްވި މީހުންނަށް އަވަސް ޝިފާއަކަށް އެދިވަޑައިގެންފައެވެ.
ދިވެހި މުޖުތަމަޢުގައި ބަންގްލަދޭޝްގެ ރައްޔިތުން އަދާކުރަމުންދާ ދައުރަކީ އަގުނުކުރެވޭނެ ދައުރެއްކަމަށާއި، މި ޙާދިސާގެ ސަބަބުން ލިބުނު ބޮޑު ގެއްލުމާއި ހިތާމައިގައި ދިވެހިން ހިއްސާވާކަމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ ސިޓީގައި ވިދާޅުވިއެވެ. އަދި މި ހާދިސާ ފުރިހަމައަށް ތަހުގީގުކުރުމަށާއި، މިފަދަ ޙާދިސާތައް އިތުރަށް ތަކުރާރުވިޔަ ނުދިނުމަށް ކަމާބެހޭ އިދާރާތަކަށް އިރުޝާދު ދެއްވާފައިވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ދިގުރަށުގައި އަލިފާނުގެ ހާދިސާއެއް ހިނގީ ބިދޭސީން އުޅޭ އެކޮމޮޑޭޝަން ބްލޮކެއްގައެވެ. މި ހާދިސާގައި 8 މީހުންނަށް އަނިޔާވިއިރު އޭގެ ތެރެއިން 5 މީހުން ހޮސްޕިޓަލަށް ގެންދިޔައިރުވެސް ވަނީ ނިޔާވެފައެވެ. އަދި އިތުރު ދެ މީހަކަށް ވެންޓިލޭޓަރުގައި މިހާރުވެސް ދަނީ ފަރުވާ ދެމުންނެވެ.
އައިޖީއެމްއެޗުން މައުލޫމާތު ދެއްވިގޮތުގައި ވެންޓިލޭޓަރުގައި ފަރުވާ ދެމުން އަންނަ ދެ މީހުންގެ ހާލަށް ބަދަލެއް ނާދެއެވެ. އަދިވެސް އެ ދެ މީހުންގެ ހާލަތު ސީރިއަސް ކަމަށް އެ ހޮސްޕިޓަލުން މައުލޫމާތު ދެއްވައެވެ.