ޚަބަރު

ބައިނަލްއަޤުވާމީ އެއާލައިންތަކުން ރާއްޖެއަށް އިތުރު ދަތުރުތަކެއް


  • ޝެޑިއުލް ދަތުރުތައް ބާއްވަމުންދާ ތިން އެއާލައިނަކުން އިތުރު ދަތުރުތަކެެއް ކުރާނެ

  • ޕްރައިވެޓް ޖެޓްތަކާއި އެއާލައިންތަކުގެ ދަތުރުތައްވެސް ދަނީ އިތުރުވަމުން

މެދުއިރުމަތީގަ ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ބައިނަލްއަޤުވާމީ އެއާލައިންތަކުން ރާއްޖެއަށް އިތުރު ދަތުރުތައް ދަނީ ބާއްވަމުންނެވެ. ރާއްޖެއަށް މިހާރުވެސް ޝެޑިއުލް ދަތުރުތައް ބާއްވަމުންދާ ތިން އެއާލައިނަކުން އިތުރު ދަތުރުތަކެެއް ރާއްޖެއަށް ބޭއްވުމަށް ނިންމާފައިވާ ކަމަށް ވަނީ އިއުލާންކޮށްފައެވެ.

މެދުއިރުމަތީގެ ޓްރާންސިޓް މަގުތަކުގެ ބަދަލުގައި އެހެން ގޮތްތައް ދަތުރުވެރިން ހޯދަމުންދާތީ، ކޮމާޝަލް އެއާލައިންތަކުން ދަނީ ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަމުންނެވެ. އެގޮތުން ސްވިޓްޒަލެންޑުގެ އެޑެލްވިއެސް އެއާއިން އެޕްރީލް އަދި މެއި މަހު ޒިއުރިކާއި މާލެއާ ދެމެދު ކުރާ ދަތުރުތައް ހަތަރު ފްލައިޓުން ފަސް ފްލައިޓަށް އިތުރުކުރުމަށް ވަނީ ނިންމާފައެވެ. މިއީ މެދުއިރުމަތީގެ މަގުތަކުގެ ބަދަލުގައި ސީދާ ރާއްޖެއަށް އަންނަން ބޭނުންވާ ފަތުރުވެރިންގެ ޑިމާންޑަށް ބަލައި ނިންމާފައިވާ ނިންމުމެއް ކަމަށް އެ އެއާރަލައިނުން މައުލޫމާތުދެއެވެ.

އެޑެލްވިއެސް އެއާއިން ރާއްޖެއަށް އިތުރު ދަތުރުތަކެއް ކުރުމަށް ނިންމާފައިވާއިރު، އެއާ އިންޑިއާއިންވެސް ވަނީ އެ އެއާލައިންގެ ބައިނަލްއަގުވާމީ އޮޕަރޭޝަންތައް ވަގުތީގޮތުން ފުޅާކުރުމަށް ނިންމާފައެވެ. އެގޮތުން ރާއްޖެ ހިމެނޭހެން 9 މަންޒިލަކަށް އިތުރު 78 ފްލައިޓް ބޭއްވުމަށް ނިންމާފައިވާކަމަށް އެއާ އިންޑިއާއިން ވަނީ އިއުލާންކޮށްފައެވެ.

އިންޑިއާ އާއި ރާއްޖެއާ ދެމެދު އިތުރުކުރި ދަތުރުތަކުގައި އެ އެއަރލައިނުން ބޭނުންކުރަނީ އެއަރބަސް A320 ނިއޯ މަރުކާގެ ބޯޓުތަކެވެ. މީގެ ސަބަބުން އެ އެއާލައިންގެ ނެޓްވޯކަށް ގާތްގަނޑަކަށް 17,660 ސީޓު އިތުރުވެގެންދާނެ ކަމަށް އެ އެއަރލައިނުން މައުލޫމާތުދެއެވެ. މި އިތުރު ފްލައިޓްތައް ދަތުރުކުރާނީ ހަނގުރާމައާގުޅިގެން ވައިގެ އުދުހުންތަކަށް އަސަރުކޮށްފައިވާ ވައިގެ ސަރަހައްދުތައް ނުހިމެނޭހެން ބަދަލު މަގުތަކުން ކަމަށާއި، މިއީ ފަތުރުވެރިންނާއި ވިޔަފާރި ދަތުރުވެރިންނަށް އިތުބާރުހުރި ދަތުރުފަތުރުގެ ފުރުސަތުތަކެއް ފޯރުކޮށްދިނުމަށް އެހީތެރިވެދޭނެ ކަމެއް ކަމަށް އެއާ އިންޑިއާއިން ފާހަގަކުރެއެވެ.

މީގެ އިތުރުން، ރަޝިއާގެ އެއާލައިނެއްކަމަށްވާ އެއިރޯފްލޮޓުންވެސް ދަނީ މޮސްކޯ އާއި މާލެ، ބެންކޮކް، ޕުކެޓް އަދި ކޮލަމްބޯ ހިމެނޭހެން ފަތުރުވެރިކަމުގެ މަންޒިލްތަކަށް އިތުރު ފްލައިޓްތައް ބާއްވަމުންނެވެ. އެ އެއާލައިނުން ބުނި ގޮތުގައި މި ބަދަލަކީ ފަތުރުވެރިންގެ ޑިމާންޑް އިތުރުވުމާ ގުޅިގެންނާއި، މެދުއިރުމަތީގެ ނުތަނަވަސްކަމާ ހުރެ ބޭރުގެ އެއަރލައިންތަކުގެ ދަތުރުތައް ކެންސަލްވުމުން ދަތުރުވެރިންނަށް ފުރުސަތުތައް ހޯދައިދިނުމަށް ގެނައި ބަދަލެކެވެ.

ރާއްޖެއަށް ދަތުރުކުރަމުންދާ އެއާލައިންތަކުން އާންމުކޮށް ޝެޑިއުލްކޮށްފައިވާ ދަތުރުތަކަށްވުރެ އިތުރަށް ދަތުރުތައް ކުރުމަށް ނިންމާފައިވާއިރު، ރާއްޖެއަށް އަންނަ ޕްރައިވެޓް ޖެޓްތަކާއި އެއާލައިންތަކުގެ ދަތުރުތައްވެސް ދަނީ އިތުރުވަމުންނެވެ.

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމްއޭސީއެލްގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ފެބުރުވަރީ 28 އިން މާރިޗު 14 ގެ ނިޔަލަށް ޖުމްލަ 128 ޕްރައިވެޓް ޖެޓް ރާއްޖެއަށް ޖައްސާފައިވެއެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި އައި 70 ޖެޓާ އަޅާބަލާއިރު 166 އިންސައްތައިގެ އިތުރުވުމެކެވެ. މިއީ މަތީ ފަންތީގެ ފަތުރުވެރިން ސީދާ ރާއްޖެއަށް ދަތުރުކުރުމަށް އިސްކަންދޭ މިންވަރު އިތުރުވެފައިވާކަން ހާމަކޮށްދޭ އަދަދެއް ކަމަށް އެމްއޭސީއެލުން ފާހަގަކުރެއެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގެ އިތުރުން، މާފަރު އިންޓަރނޭޝަނަލް އެއާޕޯޓް މިހާރު ވެފައިވަނީ ޕްރައިވެޓް ޖެޓްތަކަށް ހާއްސަ މައި ހަބަކަށެވެ. ފަތުރުވެރިކަމުގެ އެންމެ ބާރުބޮޑު ދުވަސްވަރު މާފަރު އެއާޕޯޓުގެ އެޕްރަންގައި އެއްފަހަރާ 25 އަށްވުރެ ގިނަ ޖެޓް ޕާކުކޮށްފައި އޮތެވެ. އެއާޕޯޓް ބޮޑުކުރުމުގެ މަޝްރޫއާއެކު، އަހަރަކު 800 އެއްހާ ފްލައިޓް މޫވްމަންޓްސް ބެލެހެއްޓުމުގެ ގާބިލުކަން މިހާރު އެ އެއާޕޯޓަށް ވަނީ ލިބިފައެވެ.

ރާއްޖެއަށް ވައިގެ މަގުން އައުމަށް ހުރި ތަފާތު ގޮތްތަކާއި، ޕްރައިވެޓް އޭވިއޭޝަނަށް ހާއްސަކޮށްފައިވާ އިންފްރާސްޓްރަކްޗަރގެ ސަބަބުން، ދުނިޔޭގެ ދަތުރުފަތުރުގެ އޮއިވަރަށް ބަދަލު އައި ނަމަވެސް ރާއްޖެއަކީ ފަސޭހައިން އާދެވޭ މަންޒިލެއްގެ ގޮތުގައި ދެމިއޮވެއެވެ. ވިޔަފާރި ދަތުރުތައް ފުޅާވުމާއި ޕްރައިވެޓް ޖެޓްތަކުގެ ދަތުރުތައް އިތުރުވުމާއެކު، ދަތުރުފަތުރުގެ މުހިންމު ސަރަހައްދުތަކަށް ބުރޫއަރާފައިވީ ނަމަވެސް، ރާއްޖެއަކީ ލަގްޒަރީ އަދި އާންމު ފަތުރުވެރިންނަށްވެސް ފަސޭހައިން އާދެވޭ، ސާބިތުކަންމަތީ ދެމިއޮތް މަތީ ފަންތީގެ މަންޒިލެއްކަން ދަނީ ސާބިތުކޮށްދެމުންނެވެ.