ޚަބަރު

ސިޓީ ބަލިކޮށް ރެއާލް ކުއާޓަރ ފައިނަލަށް


ޔޫއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓަރ ފައިނަލުގެ ޖާގައެއް ރެއާލް މެޑްރިޑް އިން ހޯދައިފި އެވެ.

ރެއާލް މެޑްރިޑް އިން މި މުބާރާތުގެ ކުއާޓަރ ފައިނަލުގެ ޖާގައެއް ހޯދާފައިވަނީ ދެވަނަ ބުރުގެ ދެވަނަ ލެގުގައި މެންޗެސްޓަރ ސިޓީ އާއި ދެކޮޅަށް ރޭ ކުޅުނު މެޗު 2-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ޖުމްލަ 5-1 ގެ އެގްރިގޭޓް ނަތީޖާއަކުން މެޗު ކާމިޔާބުކޮށްގެންނެވެ.

މެންޗެސްޓަރ ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި ދެ ޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެން ގޮސްފައިވާއިރު މި މެޗުގެ 70 މިނިޓު ސިޓީ އިން ކުޅެފައިވަނީ އެއް ކުޅުންތެރިއަކު މަދުކޮށެވެ.

އެއީ މެޗުގެ 20 ވަނަ މިނިޓުގައި ސިޓީގެ ބަނާޑޯ ސިލްވާ ބޯޅައިގައި ގަސްތުގައި އަތް ލުމާއި ގުޅިގެން އޭނާއަށް ރެފްރީ ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލުމާއި ގުޅިގެންނެވެ.

ރެއާލް މެޑްރިޑް އިން މި މެޗުގައި ކުރި ހޯދާފައިވަނީ މެޗުގެ 22 ވަނަ މިނިޓުގައި ވިނިޝިއަސް ޖޫނިއަރ ކާމިޔާބުކޮށްދިން ލަނޑުންނެވެ.

ވިނިޝިއަސް ކާމިޔާބުކޮށްދިން ލަނޑާއެކު 4-0 ގެ އެގްރިގޭޓް ނަތީޖާ ބަދަލުކުރުމަށް ސިޓީ އިން ކުރަމުން ދިޔަ މަސައްކަތުން މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމެން ހަތަރު މިނިޓަށް ވެފައިވަނިކޮށް އާލިން ހާލަންޑް ވަނީ ލަނޑެއް ޖަހާ މި މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ.

މެޗުގެ ދެވަނަ ހާފުގައި ސިޓީ އިން ހަމަލަތަކެއް އުފެއްދި ނަމަވެސް ރެއާލް މެޑްރިޑްގެ ގޯލުކީޕަރު ވަނީ މި މެޗުގައި މޮޅު ކުޅުމެއް ދައްކާފަ އެވެ.

ރެއާލް މެޑްރިޑް އިން މި މެޗުގައި ޖެހި ދެވަނަ ލަނޑަކީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިންޖަރީ ވަގުތުގައި އެ ޓީމަށް ލިބުނު ޕެނަލްޓީ އަކުން ވިނިޝިއަސް ޖޫނިއަރ ކާމިޔާބުކޮށްދިން ލަނޑުންނެވެ.

މި މެޗުން ބަލިވެ މެންޗެސްޓަރ ސިޓީ ޗެމްޕިއަންސް ލީގުން ކަޓާފައިވާއިރު މިއީ ރެއާލް މެޑްރިޑް އަތުން ބަލިވެ މި މުބާރާތުން ސިޓީ ޖެހިޖެހިގެން ބަލިވި ތިންވަނަ އަހަރެވެ.