ޚަބަރު

އެސްއެމްއީ ޑިޖިޓަލްގެ އަހަރީ ދުވަސް ފާހަގަކުރަން ބިދޭސީ މަސައްކަތްތެރިންނަށް ރޯދަވީއްލުން


  • މުވައްޒަފުންގެ މެދުގައި ގުޅުންބަދަހިކޮށް، މުޖުތަމަޢަށް އަނބުރާ ދިނުމުގެ އާދަ އަށަގެންނެވުމަށް ހިންގި ހަރަކާތެއް

އެސްއެމްއީ ޑިޖިޓަލްގެ 7 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ބިދޭސީ މަސައްކަތްތެރިންނަށް ރޯދަވީއްލުން ބެހުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ.

މި ހަރަކާތް އެ ކުންފުނިން ކުރިއަށްގެންދިޔައީ ރާއްޖޭގައި ދިރިއުޅޭ ބިދޭސީ މަސައްކަތްތެރިންގެ ހައްގުގައި މަސައްކަތްކުރާ ޖަމުއިއްޔާއެއް ކަމަށްވާ މިޝަން ފޯ މައިގްރަންޓް ވޯކާސް މޯލްޑިވްސްއާ ގުޅިގެންނެވެ. މި ހަރާކާތުގައި އެސްއެމްއީ ޑިޖިޓަލްގެ މުވައްޒަފުން ވަނީ އަމަލީގޮތުން ބައިވެރިވެ، ބިދޭސީ މަސައްކަތްތެރިން ރާއްޖޭގެ އިގްތިސާދަށާއި މުޖުތަމައަށް ކޮށްދޭ ހިދުމަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ރޯދަވީއްލާ ކާބޯތަކެތީގެ ޕެކް ބަހާފައެވެ.

ބިދޭސީ މަސައްކަތްތެރިންނަށް ރޯދަވީއްލުން ފޯރުކޮށްދިނުމުގެ މި ހަރަކާތާ ގުޅޭގޮތުން އެސްއެމްއީ ޑިޖިޓަލްއިން ވިދާޅުވީ މިއީ ކުންފުނީގެ އިސްނެގުމުގެ ދަށުން މުވައްޒަފުންގެ މެދުގައި ގުޅުންބަދަހިކޮށް، މުޖުތަމައަށް އަނބުރާ ދިނުމުގެ ރޫހު ދިރުވުމަށް ކުރިއަށްގެންދިޔަ ހަރަކާތެއް ކަމަށެވެ. އަދި މިއީ ރަމަޟާން މަހާ ގުޅުންހުރި ގޮތުގައި އެ ކުންފުނީގެ އިޖުތިމާޢީ ޒިންމާ، ސީއެސްއާރުގެ ދަށުން ހިންގި ހަރަކާތެއް ކަމަށްވެސް ވިދާޅުވިއެވެ.

މި ރަމަޟާން މަހާ ދިމާކޮށް، އެސްއެމްއީ ޑިޖިޓަލްއިން ވަނީ މަމްސް އެއިޑް ޖަމުއިއްޔާއާ ގުޅިގެން އެންމެ ބޭނުން ޖެހިފައިވާ އާއިލާތަކަށް ކާބޯތަކެތީގެ އެހީ ފޯރުކޮށްދިނުމުގެ ހަރަކާތެއްވެސް ކުރިއަށް ގެންގޮސްފައެވެ. މި ހަރަކާތުގައި ކުންފުނީގެ މުވައްޒަފުންގެ ޑޮނޮޝަނާއި އަދި ކުންފުނީގެ ފަރާތުން ހަދިޔާކުރި ފައިސާ ހޭދަކޮށް، ދަތި ހާލުގައި އުޅެމުންދާ އާއިލާތަކަށް ކާބޯތަކެތީގެ އެހީތެރިކަން ވަނީ ފޯރުކޮށްދީފައެވެ.

އެސްއެމްއީ ޑިޖިޓަލްގެ މައިގަނޑު އަމާޒަކީ ވިޔަފާރިވެރިން ބާރުވެރިކުރުވުމާއި ރާއްޖޭގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ހަރުދަނާކޮށް ތަރައްގީކުރުން ކަމަށް އެ ކުންފުނިން ވިދާޅުވިއެވެ. އެގޮތުން އެ ކުންފުނިން ވަނީ ފާއިތުވިޔަ ދިޔަ 7 އަހަރު ދުވަހުގެ ތެރޭގައި 4000 އަށްވުރެ ގިނަ ކުދި ވިޔަފާރިއަށް މާލީ އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ.