ޚަބަރު

ވޯޓާސް ލިސްޓުގައި ކެންޑިޑޭޓުން ސޮއިކުރުން މެދުކަނޑާލައިފި


  • މިގޮތަށް ނިންމީ އިންތިޚާބާބޭހޭ މަރުކަޒާ ޖެހިގެން ހުރި ގުދަނުގައި އަލިފާނުގެ ޙާދިސާއެއް ހިނގުމާ ގުޅިގެން

ވޯޓު ދިނުމުގެ ޙައްޤު ލިބިގެންވާ މީހުންގެ ފައިނަލް ރަޖިސްޓަރީގައި ކެންޑިޑޭޓުންގެ ފަރާތުން ސޮއިކުރުމުގެ މަސައްކަތް މެދުކަނޑާލައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ، ފައިނަލް ވޯޓާސް ލިސްޓުގައި ސޮއިކުރުމުގެ މަސައްކަތް މެދުކަނޑާލީ އިންތިޚާބާބޭހޭ މަރުކަޒާ ޖެހިގެން ހުރި ގުދަނުގައި އަލިފާނުގެ ހާދިސާއެއް ހިނގާފައިވާތީކަމަށެވެ. ވޯޓާސް ލިސްޓުގައި ސޮއިކުރުމުގެ މަސައްކަތް ކުރިއަށްގެންދާނެ ތާރީޚެއް ފަހުން އަންގާނެކަމަށްވެސް އިލެކްޝަނުން ވިދާޅުވިއެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވޯޓުލެވޭ މީހުންގެ ލިސްޓުގައި ކެންޑިޑޭޓުންގެ ފަރާތުން ސޮއިކުރަން ހުޅުވާލީ މިމަހުގެ 17 ވަނަ ދުވަހުއެވެ.

އަންނަ އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބުގައި ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ފައިނަލް ރަޖިސްޓަރީގައި ކެންޑިޑޭޓުން ނުވަތަ ކެންޑިޑޭޓުން ކަނޑައަޅާ ފަރާތްތަކުން ސޮއިކުރަންޖެހެއެވެ.

އެޕްރީލް މަހުގެ 4 ވަނަ ދުވަހު 3 ވޯޓެއް ނަގާނެއެވެ. އެއީ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓެވެ.