މޯލްޑިވްސް ސޮކަރ މޭޓްސްއިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ރަމަޟާން 7ވީ7 ލީގު 2026 ގެ ވެޓެރެންސް ކެޓަގަރީގެ ޗެމްޕިއަންކަން ލެގޫންސް ސްޕޯޓްސް ކުލަބު ހޯދި އިރު މުބާރާތުގެ މާސްޓަރސް ކެޓަގަރިގެ ތަށި ޓީސީ ސްޕޯޓްސް ކުލަބުން ހޯދައިފިއެވެ.
މުބާރާތުގެ ވެޓެރެންސް ކެޓަގަރީގެ ތަށި ލެގޫންސް އިން ހޯދި ފައިނަލުގައި ޓީސީ ސްޕޯޓްސް ކުލަބާ ވާދަކޮށް ފުރިހަމަ ވަގުތު ހަމަވިއިރު 1-1 ލަނޑުން އެއްވަރުވުމުން ނަތީޖާ ނެރުމަށް ޖެހި ޕެނެލްޓީގައި 3-1 ލަނޑުން ކުރި ހޯދައިގެންނެވެ.
މެޗުގެ ދެވަނަ ހާފުގެ ފަހު ދެ މިނިޓުގައި ލަނޑުތައް ފެނުނުއިރު ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ލެގޫންސްގެ އިބްރާހިމް ޝަފްރާޒްއެވެ. ޓީސީ ނަތީޖާ އެއްވަރުކުރީ މެޗުގެ އިތުރުވަގުތުގެ ވެސް އެންމެ ފަހު މިނިޓުގައި ހަސަން ސޮލާހު ކާމިޔާބު ކުރި ލަނޑުންނެވެ.
ނަތީޖާ ނެރުމަށް ޖެހި ޕެނެލްޓީގައި ޓީސީ އަށް ކާމިޔާބު ކުރެވުނީ ރިލުވާން ވަހީދު ކާމިޔާބު ކުރި ޕެނެލްޓީއެވެ. ލެގޫންސް އަށް ގޯލަށް ވައްދާނުލެވުނީ އަހުމަދު މުހައްމަދު އާއި އަހުމަދު ރަޝީދު ފޮނުވާލި ޕެނެލްޓީއެވެ.
މުބާރާތުގެ މާސްޓަރސް ކެޓަގަރީގެ ޗެމްޕިއަން ކަން ޓީސީ ސްޕޯޓްސް ކުލަބުން ހޯދީ ފައިނަލުގައި ސްޓެލްކޯ ރެކްރިއޭޝަން ކުލަބުގެ މައްޗަށް 4-1 ލަނޑުން ކުރި ހޯދައިގެންނެވެ. މެޗުގައި ޓީސީ އަށް ލަނޑުތައް ކާމިޔާބުކޮއްދިނީ މުހައްމަދު ޒިޔާދު އާއި މައުސޫމް އަބްދުލް ޣަފޫރު އާއި އިސްމާއިލް މުހައްމަދު އަދި ހުސެއިން ހަބީބްއެވެ. ސްޓެލްކޯގެ ހަމައެކަނި ލަނޑު ކާމިޔާބުކޮއްދިނީ އަބްދުލް ރަހުމާން އަހުމަދުއެވެ.
މުބާރާތުގެ ވެޓެރެންސް ކެޓަގަރީން އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިއަކަށް ހޮވުނީ ޓީސީގެ ރިލްވާން ވަހީދުއެވެ. އެ ކެޓަގަރީން އެންމެ މޮޅު ކީޕަރަކަށް ހޮވުނީ ލެގޫންސްގެ ކީޕަރު މުހައްމަދު އިމްރާންއެވެ. މި ކެޓަގަރީން އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ލެގޫންސްގެ އިބްރާހިމް ޝަފްރާޒްއެވެ.
މުބާރާތުގެ މާސްޓަރސް ކެޓަގަރީގެ އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރި އާއި އެންމެ މޮޅު ކުޅުންތެރިއާގެ މަގާމް ހޯދީ ޓީސީގެ މުހައްމަދު ޒިޔާދުއެވެ. މި ކެޓަގަރީގެ އެންމެ މޮޅު ކީޕަރަކީ ޓީސީގެ އިމްރާން މުހައްމަދެވެ.
މުބާރާތުގެ މާސްޓަރސް ކެޓަގަރީގެ އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރި އާއި އެންމެ މޮޅު ކުޅުންތެރިއާގެ މަގާމް ހޯދީ ޓީސީގެ މުހައްމަދު ޒިޔާދުއެވެ. މި ކެޓަގަރީގެ އެންމެ މޮޅު ކީޕަރަކީ ޓީސީގެ އިމްރާން މުހައްމަދެވެ.
މުބާރާތުގެ ދެ ކެޓަގަރީން ވެސް ޗެމްޕިއަންކަން ހޯދި ޓީމަށް 10،000 ރުފިޔާ އަދި ރަނަރްޕްކަން ހޯދި ދެޓީމަށް ވެސް ވަނީ 5،000 ރުފިޔާގެ ފައިސާގެ އިނާމެއް ދީފައެވެ.
މި މުބާރާތުގައި މިއަހަރު 40 އަހަރުން މަތީގެ ވެޓެރަންސް ކެޓެގަރީގައި 10 ޓީމެއް އަދި 50 އަހަރުން މަތީގެ މާސްޓަރސް ކެޓެގަރީގައި 8 ޓީމެއް ވަނީ ވާދަކޮއްފައެވެ. މިއީ މުބާރާތް ބޭއްވި ދެވަނަ އަހަރެވެ.