ޚަބަރު

ތުލުސްދޫ ހޮސްޕިޓަލް އިމާރާތްކުރުމުގެ މަސައްކަތް ފަށައިފި


  • ތުލުސްދޫގައި ތަރައްޤީކުރަނީ 30 އެނދުގެ ހޮސްޕިޓަލެއް

  • ހޮސްޕިޓަލް އެޅުމަށް 101.71 މިލިޔަން ރުފިޔާ ޚަރަދުވޭ

ކ. ތުލުސްދޫ ހޮސްޕިޓަލް އިމާރާތްކުރުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

މި މަސައްކަތް ކުރިއަށްގެންދަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ، އެމްޓީސީސީންނެވެ.

ތުލުސްދޫގައި ތަރައްޤީކުރަނީ 30 އެނދުގެ ހޮސްޕިޓަލެކެވެ. ހޮސްޕިޓަލް އިމާރާތުގެ އިތުރުން، 1729.10 އަކަފޫޓުގެ ހެލްތު ސެންޓަރު ބްލޮކަކާއި، 238.11 އަކަފޫޓުގެ ސަރވިސް ބްލޮކެއްގެ އިތުރުން 167.63 އަކަފޫޓުގެ އެކޮމޮޑޭޝަން ބްލޮކެއް އިމާރާތްކުރުމަށްވެސްވަނީ ހަމަޖެހިފައެވެ.

އެމްޓީސީސީއިން ވިދާޅުވީ ކ. ތުލުސްދޫ ހޮސްޕިޓަލް އިމާރާތްކުރުމުގެ އަމަލީ މަސައްކަތް މިހާރު ފަށައިގެން ކުރިއަށްދާކަމަށެވެ. މި މަސައްކަތުގެ ދަށުން މިހާރު ވަނީ ހޮސްޕިޓަލް އިމާރާތުގެ ތަނބުތަކުގެ ކޮންކްރީޓް މަސައްކަތްތަކާއި، އެކޮމޮޑޭޝަން ބްލޮކްގެ ފައުންޑޭޝަން ފުޓިންގ އެޅުމުގެ މަސައްކަތްތައް ފަށާފައެވެ.

މިމަޝްރޫއުގެ ދަށުން ހެލްތު ސެންޓަރު ބްލޮކުގައި ޑޮކްޓަރަށް ދައްކާ ކޮޓަރިއާއި، މެޑިކަލް ވޯޑުތަކާއި، ޕްރައިވެޓް ރޫމްތައް ތަރައްޤީކުރުމަށް ހަަމަޖެހިފައިވެއެވެ. އަދި ލެބޯރެޓަރީއަކާއި އޮޕަރޭޝަން ތިއޭޓަރަކާއި ވިއްސާ ކޮޓަރިއަކާއި އެކްސްރޭ ކޮޓަރިއަކާއި އަލްޓްރާ ސައުންޑް ކޮޓަރިއަކާއި އިމަރޖެންސީ ޚިދުމަތްދޭ ޔުނިޓެއްގެ އިތުރުން ޕަބްލިކް ހެލްތު ޔުނިޓެއްވެސް ތަރައްޤީ ކުރުމަށް ހަމަޖެހިފައިވެއެވެ.

ތުލުސްދޫ ހޮސްޕިޓަލް އެޅުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ މިއަހަރުގެ މާރޗް މަހުގެ ތެރޭގައެވެ. ހޮސްޕިޓަލް އެޅުމަށް 101.71 މިލިޔަން ރުފިޔާ ޚަރަދުވެއެވެ.

1600އަށް ވުރެ ގިނަ މީހުން ދިރިއުޅެމުންދާ ތުލުސްދޫގައި މިހާރު ޞިއްޙީ ޚިދުމަތް ފޯރުކޮށްދެމުންދަނީ ޞިއްޙީ މަރުކަޒުންނެވެ. އެއީ 24 ގަޑިއިރަށް ޚިދުމަތް ދެމުންދާ މަރުކަޒެކެވެ. އެހެންކަމުން އަލަށް ތަރައްޤީކުރާ ހޮސްޕިޓަލާއެކު މިހާރު ދެމުންދާ ޚިދުމަތްތައް ފުޅާވެ އައު ޚިދުމަތްތައް ތަޢާރަފްކުރުމުގެ ފުރުޞަތު ބޮޑުވާނެއެވެ.

ތުލުސްދޫއަކީ ފުޅާ ދާއިރާއެއްގައި ރަށު ފަތުރުވެރިކަންވެސް ކުރަމުންދާ ރަށެކެވެ. އެހެންކަމުން މި މަޝްރޫޢުއާއެކީ ރަށުގެ ރައްޔިތުންގެ އިތުރުން، ރަށަށް ޒިޔާރަތްކުރާ ފަތުވެރުވެރިންނަށްވެސް އެކަށީގެންވާ ސިއްޙީ ޚިދުމަތެއް ލިބޭނެއެވެ.