ޚަބަރު

ޕްލާސްޓިކް ކޮތަޅު ބޭނުންކުރުން މަދުވެ، ފީ %40 ދަށަށް


  • ޕްލާސްޓިކް ކޮތަޅުން 2 ރުފިޔާގެ ފީއެއް ނަގާ

  • 2 މަސްތެރޭ ލިބުނީ 6 ލައްކަ ރުފިޔާ

  • މިދިޔަ އަހަރު މި މުއްދަތުގައި 1.1 މިލިޔަން ރުފިޔާ ލިބިފައިވޭ

ޕްލާސްޓިކް ކޮތަޅު ބޭނުންކުރުން މަދުވެ، ފީގެގޮތުގައި ލިބުނު އަދަދު %40 ދަށަށްގޮސްފިއެވެ.

ޕްލާސްޓިކް ކޮތަޅު ފީއަކީ ކުނި މެނޭޖްކުރުމުގެ ޤާނޫނުގެ ދަށުން ޕޮއިންޓް އޮފް ސޭލްގައި ވިއްކާ ޕްލާސްޓިކް ކޮތަޅުން ފީގެ ގޮތުގައި 2 ރުފިޔާ ނެގުމަށް ނިންމާފައިވުމާއިއެކު ޖީއެސްޓީއަށް ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކުން ފްލާސްޓިކް ކޮތަޅުން ފީނެގުމުގެ ގަވައިދުގެ ދަށުން ނަގާ ފީއެކެވެ. މި ޤަވައިދަށް އަމަލުކުރަން ފަށާފައިވަނީ 18 އޭޕްރީލް 2023 އިން ފެށިގެންނެވެ.

މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮޓޯރިޓީ، މީރާއިން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު މިއަހަރުގެ ފުރަތަމަ ދެމަހު ޕްލާސްޓިކް ކޮތަޅުން ނަގާ ފީގެ ގޮތުގައި މީރާއިން ބަލައިގަނެފައިވަނީ މުޅި ޖުމްލަ 666,948 (ހަލައްކަ ފަސްދޮޅަސް ހަހާސް ނުވަސަތޭކަ ސާޅީސް އަށެއް) ރުފިޔާއެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބިފައިވަނީ 1،112،912 (އެއް މިލިޔަން އެއްލައްކަ ބާރަހާސް ނުވަސަތޭކަ ބާރަ) ރުފިޔާއެވެ. އެެހެންކަމުން މިއީ 40 އިންސައްތަ ދަށް އަދަދެކެވެ.

ޕްލާސްޓިކްގެ ސަބަބުން ތިމާވެއްޓަށް ލިބޭ ގެއްލުން ކުޑަކުރުމަށްޓަކައި، އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ކޮތަޅުން ފީއެއް ނަގަނީ ޕްލާސްޓިކް އެތެރެކުރާ މިންވަރު މަދުކުރުމަށެވެ. އަދި މި މުއްދަތުގެ ތެރޭގައި ޕްލާސްޓިކް ކޮތަޅުން ނަގާ ފީގެ ގޮތުގައި މީރާއިން ބަލައިގަނެފައިވާ އަދަދު ދަށްވެފައިވަނީވެސް ރާއްޖެއަށް ޕްލާސްޓިކް ކޮތަޅު އެތެރެކުރާ މިންވަރު ދަށްވުމުގެ ސަބަބުން ކަމަށް މީރާއިން ފާހަގަކުރެއެވެ.

ޕްލާސްޓިކް ކޮތަޅު ފީގެ އާމްދަނީ އަންދާޒާކުރަނީ އަހަރުން އަހަރަށް ޕްލާސްޓިކް ކޮތަޅު ބޭނުންކުރާނެ މިނަވަރު މަދުވާނެކަމަށް ބަލައިގެންނެވެ.

ޖީއެސްޓީއަށް ރަޖިސްޓަރީކޮށްފައިވާ ވިޔަފާރި ހަރަކާތްތަކުން ޕްލާސްޓިކް ކޮތަޅުގެ ފީގެ ގޮތުގައި ނަގާ އަދަދަކީ ދައުލަތަށް ނެގޭ ޓެކުހެކެވެ. އަދި އެ ފަރާތްތަކުން ނަގާ ޕްލާސްޓިކް ކޮތަޅުގެ ފީގެ ޖުމްލަ އަދަދު ޓެކްސްގެ ގޮތުގައި މީރާއަށް ހަމައަށް ދައްކަންޖެހެއެވެ.

ބައެއް ޕްލާސްޓިކް ކޮތަޅުން ޕްލާސްޓިކް ކޮތަޅުގެ ފީއެއް ނުނަގައެވެ. މީގެ ތެރޭގައި ޑިއުޓީ ފްރީ ފިހާރަތަކުން ވިއްކާ ނުވަތަ ފޯރުކޮށްދޭ ޕްލާސްޓިކް ކޮތަޅު، ބަންދުނުކޮށް ހުންނަ، ހުރިހާ ބާވަތެއްގެ ތާޒާ މަސް އެޅުމަށް ބޭނުންކުރާ ޕްލާސްޓިކް ކޮތަޅު އަދި ކުނި މެނޭޖުކުރުމުގެ ޚިދުމަތްދޭ ފަރާތްތަކުން ނުވަތަ ކަމާބެހޭ އެހެން އިދާރާއަކުން ކުނި އެޅުމަށް ޚާއްޞަކޮށް ވިއްކާ ނުވަތަ ދޫކުރާ "ބިންލައިނަރ" ހިމެނެއެވެ.