ޚަބަރު

މިއީ "ބޭކާރު، ކުޑަ" މުބާރާތެއް ނޫން، މިއީ މުސްތަގުބަލަށް އެޅޭ ބިންގަލެއް


  • ދިވެހިންގެ ބިމުގައި ޤައުމީ ޓީމު މާޔޫސްވިޔަ ދީގެން ނުވާނެ

  • ސަޕޯޓަރުން ނުކުމެ ފެއްސާއި ރަތާއި ހުދުން ދަނޑު ފުރާލަން ޖެހޭ

  • މިއީ ދިވެހިންގެ ފަހަރަށް ހަދައި، މި ތަށި ރާއްޖޭގައި ބަހައްޓަން ހިތްވަރުދޭންޖެހޭ

ރާއްޖެއިން މި އަންނަނީ ސަރަހައްދީ މުބާރާތެއް އަމިއްލަ ގައުމުގައި ބޭއްވުމަށް ތައްޔާރުވަމުންނެވެ.

މީގެ ހައެއްކަ އަހަރުކުރިން ސާފް ޗެމްޕިއަންޝިޕް މުބާރާތް ރާއްޖޭގައި ބާއްވާފައިވާއިރު އަދި އޭގެ އަހަރުތަކެއް ކުރިން، 2008 ވަނަ އަހަރު ލަންކާއާއި ރާއްޖެއިން ގުޅިގެން ސާފް ޗެމްޕިއަންޝިޕް ހޯސްޓުކުރިއިރު، މުބާރާތުގެ ފޯރިއާއި ޖޯޝު، އެތައް ހަފްތާއެއް ކުރިން ފެށިގެން ރާއްޖޭގައި ފެންނަމުން ދިޔައެވެ.

ޤައުމީ ކުލަކުލައިގެ ފޮތިތަކާއި ބެނާތަކާއި ޖާޒީތަކުން މާލޭގެ ފިހާރަތަކާއި މަގުތައް ޒީނަތްތެރި ކުރަން ފެށީ ޤައުމީ ލޯބީގައި، ފުޓުބޯޅައާއި ޤައުމީ ޓީމަށް ހިތުގައި ދެވިފައިވާ ޙާއްސަ މަގާމާއެކުއެވެ. ކޮންމެ ރަން ކާމިޔާބީއެއްގައާއި ކޮންމެ ހިތި ނާކާމިޔާބީއެއްގައި ވެސް ދިވެހިން މީގެ އަހަރުތަކެއް ކުރިން ތިބީ، ދިވެހި ޤައުމީ ޓީމުތަކާއެކުއެވެ.

އެހެންނަމަވެސް، ފުރަތަމަ ފަހަރަށް ރާއްޖެއިން ފުޓްސަލްގައި ހޯދި ރަން ކާމިޔާބީ ފާޙަގަކުރުމުގައި، މީގެކުރިން ފެނުނު މަންޒަރާ ގާތް މަންޒަރެއް ވެސް ފެނިގެން ނުދެއެވެ.

ކަން މިހެން އޮއްވައި ރާއްޖެއިން މިވަނީ ސަރަހައްދީ ފުޓުބޯޅައިގެ ބޮޑު ޢީދަކަށް ތައްޔާރުވާން ފަށާފައެވެ. މި މަހު 23 ގައި ރާއްޖޭގައި، 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް ފަށާނެއެވެ. ތަކުރާރު ކޮށްލާނަމެވެ. މި ފަހަރުގެ މުބާރާތުގެ ހުރިހާ މެޗެއް ވެސް ކުޅެނީ ރާއްޖޭގައެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުން ހިޖުރަކޮށް ދިރިއުޅެމުންދާ، ވެރިރަށް މާލޭގައެވެ.

އެހެންނަމަވެސް، މި މުބާރާތް ކައިރިވާތީއޭ ބުނެ އެކަމުގެ މާ ބޮޑު ފޯރިއެއް އޮތްތަނެއް ނުފެނެއެވެ. މުބާރާތުގެ ވާހަކަ، ފުޓުބޯޅަ އެސޯސިއޭޝަނުންނާއި ސަރުކާރުގެ ގުޅުންހުރި ވުޒާރާތަކުން އަދި މަދު މީޑިއާތަކުން ދެއްކި ނަމަވެސް، ޤައުމީ ޓީމުގެ ޒުވާން ތަރިން ބޭނުންވާ "ހައިޕް" އުފެދިފައިވާތަނެއް ނުފެނެއެވެ.

ކަން މިހެން އޮތުމުން، މިހެން މިކަން ވަނީ ކީއްވެތޯ ބެލުމަށްޓަކައި މި މުބާރާތާ ގުޅޭގޮތުން ދެތިން މީހަކާ ސުވާލުކޮށްލީމެވެ. ލިބުނީ ދާދި އެއް ޖަވާބެކެވެ. "ތިއީ ދެން މާ ބޮޑު މުބާރާތެއް ވެސް ނޫނެންނު". ސުވާލުކުރި އެކަކު ޖަވާބުދެމުން ބުންޏެވެ. "ތިއީ ކުޑަކުދިން ކުޅޭ މުބާރާތެއްނު، ސީނިއަރ ޓީމު ކުޅޭނަމަ ދޯ ފޯރި ހިފާނީ ވެސް". މުބާރާތުގެ ފޯރި ނެތީ ކީއްވެތޯ އެހުމުން އަނެކަކު ބުންޏެވެ.

މި ޖަވާބުތައް ލިބުމުން ހިތުގައި ވަރަށް ބޮޑު ހައިރާންކަމެއް އުފެދުނެވެ. އަޅުގަނޑުމެން އެންމެން ވެސް ބޭނުންވަނީ، އަވަސް، "އިންސްޓެންޓް" ކާމިޔާބީތަކެއްކަން އިނގުނެވެ. ބޭނުންވަނީ ރީތި މަންޒިލެއްކަމާއި، އެ މަންޒިލަށް ދިއުމަށް ކުރަންޖެހޭ އުނދަގޫ ދަތުރުގެ ވޭން ތަހައްމަލުކުރަން އެކަކު ވެސް ބޭނުންނުވާކަން އިހުސާސްކުރެވުނެވެ.

ސާފް ޗެމްޕިއަންޝިޕުގެ ދެ ރަން ތަށްޓާއެކު ދިވެހިންގެ "އެކްސްޕެކްޓޭޝަން" ހުރީ ވަރަށް މަތީގައެވެ. ބޭނުންވަނީ ވެސް، "މެޓަރ" ވަނީ ވެސް ސީނިއަރ ޓީމަށް ލިބޭ ރަން ކާމިޔާބީތައް އެކަންޏެވެ.

އެހެންނަމަވެސް މިއީ ހަމަ އެންމެ ރަނގަޅު "މައިންޑްސެޓް" ތޯ ވިސްނާލަން އެބަ ޖެހެއެވެ. ސީނިއަރ ޓީމަށް ރަން ވަނަތަކެއް ހޯދޭނީ، އުމުރުފުރާ ޓީމުތައް ބިނާކުރެވި، އެ ޓީމުތަކަށް އެކަށީގެންވާ ތަމްރީނާއި ތަޖުރިބާ އަދި މެޗު ތަޖުރިބާ ލިބިގެން ނޫންތޯއެވެ. ޅަ އުމުރުގައި ޤައުމު ތަމްސީލުކުރަން ލިބުން އެއީ ކިހާ ބޮޑު ޝަރަފެއްކަން، ފަޚުރެއްކަން، ދިވެހި ސަޕޯޓަރުން އެ ކުޅުންތެރިންނަށް އިހުސާސްކޮށްދީގެން ނޫންހެއްޔެވެ.

އެ އިހުސާސް އެ ކުދިންނަށް ކުރެވޭނީ، އެ ކުދިންނާ މެދު އުއްމީދުތަކެއް ކުރާ ބަޔަކު، ރައްޔިތުންތަކެއް ތިބިކަން އެ ކުޅުންތެރިންނަށް ވިސްނައިދީގެން ނޫންހެއްޔެވެ.

ހަގީގަތަށް ވިސްނާނަމަ، މިއަދު 20 އަހަރުން ދަށުގެ ޤައުމީ ޓީމުގައި ހިމެނި، ޤައުމު ތަމްސީލްކުރަން ނުކުންނަ ކުޅުންތެރިންނަކީ މާދަމާ، ސީނިއަރ ޤައުމީ ޓީމާއެކު މި ދީބުގެ ޝަރަފާއި ޤަދަރު އުފުލައިދިނުމަށް ނުކުންނާނެ ބަޠަލުންނެވެ.

އެފްއޭ އިންނާއި ސަރުކާރުން މަސައްކަތް ކުރަމުން އެދަނީ އެ ކުޅުންތެރިންނަށް ވީހާވެސް ގިނަ ފުރުސަތުތަކެއް ފަހިކޮށްދީ، ތަމްރީނާއި ތަޖުރިބާ ހޯދައިދިނުމަށެވެ. ކުޅުންތެރިން މަސައްކަތްކުރަނީ ދިވެހިންނަށް ފަޚުރާއި ޝަރަފު ހޯދައިދިނުމަށެވެ. މީޑިއާތަކުން މަސައްކަތް ކުރަނީ އެ "ހައިޕް" އުފައްދައި، މުބާރާތާ ގުޅުންހުރި މައުލޫމާތު ގެނެސްދިނުމަށެވެ.

ދެން އޮތީ އާންމު ރައްޔިތުންގެ ޒިންމާއެވެ. 12 ވަނަ ކުޅުންތެރިޔާގެ މަސްއޫލިއްޔަތެވެ. ދިވެހި ސަޕޯޓަރުންގެ ވާޖިބެވެ. 23 ވަނަ ދުވަހުގެ ފަށާ މި މުބާރާތަށް، އެއް ބައެއް، އެއް ދީބެއްގެ ގޮތުގައި ނުކުންނަން ޖެހޭނެއެވެ.

ހަތް ގައުމަކުން މުބާރާތުގައި ވާދަކުރާއިރު، މިއިން ބައެއް ޤައުމުތަކަށް ނިސްބަތްވާ ގިނަ އަދަދެއްގެ ރައްޔިތުންތަކެއް މާލޭގައި ދިރިއުޅެއެވެ. ދިވެހިންގެ ބިމުގައި، ދިވެހިންގެ ދަނޑުގައި، ދިވެހިންގެ ޓީމާ ދެކޮޅަށް ނުކުންނަ ޤައުމަކަށް، ޓީމަކަށް، ދިވެހިންގެ ޤައުމީ ޓީމަށް ލިބޭ ސަޕޯޓާއި ހިތްވަރަށްވުރެ ބޮޑު ސަޕޯޓެއް ލިބުނަ ދީގެން ނުވާނެއެވެ.

މާޗް 23 ން އެޕްރީލް 03 ގެ ނިޔަލަށް ރާއްޖޭގައި ބާއްވާ 20 އަހަރުން ދަށުގެ ސާފު ޗެމްޕިއަންޝިޕްގެ މެޗުތަކުގެ ޓިކެޓު އަންނަ ހޮނިހިރު ދުވަހު ވިއްކަން ފަށާނެ ކަމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ވަނީ ބުނެފައެވެ.

މުބާރާތުގައި ރާއްޖެ ހިމެނެނީ ގްރޫޕް އޭ ގައެވެ. ރާއްޖެއާއި އެއް ގުރޫޕެއްގައި ހިމެނެނީ ސްރީލަންކާއާއި ނޭޕާލް އަދި ބޫޓާނެވެ.

ގްރޫޕް ބީގައި ހިމެނޭނީ އެންމެ ފަހުގެ ޗެމްޕިއަން ބަންގްލަދޭޝް، އިންޑިއާ އަދި ޕާކިސްތާނެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި ނޭޕާލްއާއި ބޫޓާން ބައްދަލުކުރާނީ 23 ވަނަ ދުވަހު ހަވީރެވެ. މުބާރާތް ހުޅުވާ މެޗުގައި ދިވެހިރާއްޖެއިން ނުކުންނާނީ ސްރީލަންކާއާ ދެކޮޅަށް 23 ވަނަ ދުވަހުގެރެއެވެ.

މުބާރާތުގައި ރާއްޖެއިން ދެވަނަ މެޗު ކުޅޭނީ 25 ވަނަ ދުވަހުގެރޭ، ބޫޓާނާ ދެކޮޅަށެވެ. އަދި ތިންވަނަ މެޗުގައި 27 ވަނަ ދުވަހު ނޭޕާލާ ދެކޮޅަށް ރާއްޖެއިން ނުކުންނާނެއެވެ. ފައިނަލް މެޗު އޮންނާނީ 3 އޭޕްރީލުގައެވެ.