ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16 އާ ހަމައިން މުބާރާތުން ވަކިވާން ޖެހުނު ނަމަވެސް، ފަހު މެޗުގައި ޓީމުގެ ކުޅުންތެރިން ދެއްކި ކުޅުމާ މެދު ފަހުރުވެރިވާކަމަށް ޓޮޓެންހަމް ހޮޓްސްޕަރގެ ކޯޗު، އިގޯ ޓޫޑޯ ބުނެފިއެވެ.
ޗެމްޕިއަންސް ލީގުގެ ގަދަ 16 ގެ ދެވަނަ ލެގުގައި ޓޮޓެންހަމް އިން ވަނީ އެތުލެޓިކޯގެ މައްޗަށް 2-3 އިން ކުރިހޯދާފައެވެ. އެހެންނަމަވެސް ފުރަތަމަ ލެގުގައި 2-5 އިން ވީ ބައްޔާއެކު، އެގްރިގޭޓުގައި 5-7 ގެ ނަތީޖާއަކުން އެތުލެޓިކޯއަށް ކުރި ލިބޭތީ މުބާރާތުން ޓޮޓެންހަމް ކެޓީއެވެ.
މިކަމާ ގުޅޭގޮތުން ވާހަކަދައްކަމުން ޓޫޑޯ ބުނީ، މުޅި މެޗުގައި ވެސް ކުޅުންތެރިން ދެއްކީ މޮޅު ކުޅމެއް ކަމަށާއި ފުރަތަމަ މިނެޓުން ފެށިގެން ވެސް، މޮޅެއް ހޯދުމަށް ކުޅުންތެރިންގެ ފަރާތުން ފެނުނީ އާދަޔާ ޚިލާފު ރޫހެއް ކަމަށެވެ. މެޗު ބަލަން ދަނޑަށް ވަން ޓީމުގެ ސަޕޯޓަރުންނަށް ވެސް އެކަން ފާހަގަކުރެވި، ފަހު މިނެޓާ ހަމައަށް ވެސް ޓީމަށް ހިތްވަރު ދިނުމުގައި ދެމިތިބީތީ އެކަމަށް ޓޫޑޯ ޝުކުރު އަދާކުރިއެވެ.
ބޭނުންވި ހިސާބަށް ވާސިލް ނުވެވުނު ނަމަވެސް، ކުޅުންތެރިން ދެއްކީ ފަޚުރުވެރިވާ ފަދަ މޮޅު ކުޅުމެއް ކަމަށާއި، މިއީ ސީޒަން ނިމުމުގެ ކުރިން، ޔޫރަޕް ފުޓުބޯޅައިގައި ޓީމުގެ ސަޕޯޓަރުންނާއި މެނޭޖްމަންޓަށް ވެސް މުހިންމު މޮޅަކަށް ވެގެންދާނެކަމަށް ޓޫޑޯ ބުންޏެވެ.
ފަހަކަށް އައިސް ޓޮޓެންހަމް އިން ނެރޭ ނަތީޖާތަކާ މެދު ޓީމުގެ ސަޕޯޓަރުންނާއި މެނޭޖްމަންޓުން ވެސް އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ފާހަގަކޮށްލަން ޖެހޭ ގޮތުގައި ޓޫޑޯ އަކީ، ޓޮޓެންހަމްގެ ނަތީޖާތައް ގޯސްވުމުގެ ސަބަބުން، ހާލަތު ބަދަލުކުރުމަށް ގެނައި ކޯޗެކެވެ. ޓީމުގެ ކޯޗުކަމާ އޭނާ ހަވާލުވީ ވަގުތީ ގޮތުންނެވެ.
ރިޕޯޓުތައް ބުނާގޮތުން، ވަގުތީގޮތުން ހަވާލުކުރި ކޯޗުކަމުގެ މަގާމު، ރަނގަޅު ނަތީޖާތަކެއް ނެރެފިނަމަ ޓުޑޯއަށް ދާއިމީކުރުމުގެ ފުރުސަތު އެބައޮތެވެ.
ޗެމްޕިއަންސް ލީގުގައި ކުރިއަށް ދިއުމުގެ ފުރުސަތު ގެއްލިފައިވާ ޓޮޓެންހަމްއަށް، އިނގިރޭސި ލީގުގައި ދެމިއޮތުމަށް ވެސް ހުރަސްތަކެއް އެބައޮތެވެ. ލީގު ތާވަލަށް ބަލާއިރު ކުޅުނު 30 މެޗުން 30 ޕޮއިންޓު ހޯދާފައިވާ ޓޮޓެންހަމްއާއި ރެލިގޭޝަން ޒޯނުގައި އޮތް ވެސްޓް ހަމްއާ ދެމެދު އޮތީ އެންމެ ޕޮއިންޓެއްގެ ތަފާތެވެ. ޓޮޓެންހަމް 16 ވަނައިގައި އޮތްއިރު 18 ވަނައިގައި އޮތް ވެސްޓްހަމްއަށް 30 މެޗުން 29 ޕޮއިންޓު ލިބިފައިވެއެވެ.