މެދުއިރުމަތީގައި ކުރަމުންދާ ހަނގުރާމައިގެ ސަބަބުން، ދުނިޔެއަށް ކުރިމަތިވެފައިވާ ތެލާއި ގޭހުގެ ތާށިކަމާ ގުޅިގެން، ހަކަތަ ބޭނުންކުރާ މިންވަރު ދަށްކުރަން އަވަސް ފިޔަވަޅުތަކެއް އެޅުމަށް ދުނިޔޭގެ ހަކަތައާބެހޭ އިދާރާ، އިންޓަނޭޝަނަލް އެނަރޖީ އޭޖެންސީ (އައިއީއޭ)އިން ސަރުކާރުތަކަށް ގޮވާލައިފިއެވެ.
ފެބްރުއަރީ 28ގައި އެމެރިކާ އާއި ޔަހޫދީން ގުޅިގެން އީރާނާ ދެކޮޅަށް ފެށި ނިރުބަވެރި ޢުދުވާނާ ގުޅިގެން، ރައްދުގައި އީރާނުން ވަނީ ތެލުގެ ސަޕްލައި ތާށިކުރުމަށް ހުރްމުޒް ކަނޑުއޮޅި ބަންދުކޮށްފައެވެ. ގަލްފު ސަރަޙައްދާއި އިންޑިޔާ ކަނޑާ ގުޅުވައިދޭ ހުރުމުޒް ކަނޑުއޮޅިއަކީ އެ މަގެއް މެދުވެރިކޮށް ދުނިޔެއަށް ބޭނުންވާ ތެލުގެ 20 އިންސައްތަ އުފުލާ މައި މަގެކެވެ.
މިއީ ދެވަނަ ބޮޑުހަނގުރާމައިގެ ފަހުން ދުނިޔެއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ތެލުގެ ސަޕްލައިގެ ތާށިކަން ކަމުގައި ވަނީ ބުނެފައެވެ. އެއާއެކު، ދުނިޔޭގެ ބާޒާރުގައި ތެޔޮ ފީފާއެއްގެ އަގު މިހާރުވެސް ވަނީ 100 އެމެރިކާ ޑޮލަރަށް އަރައިފައެވެ.
އެއާއެކު ތެލަށް އޮންނަ ޑިމާންޑު ކުޑަކުރުމަށްޓަކައި އަވަސް ފިޔަވަޅުތަކެއް އެޅުމަށް އައިއީއޭއިން ވަނީ ސަރުކާރުތަކަށް ގޮވާލައިފައެވެ.
އެ އިދާރާއިން އެޅުމަށް ހުށަހަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި، އޮފީހަށް ނުކުމެގެން މަސައްކަތް ކުރަންޖެހޭ ދުވަސްތައް މަދުކޮށް، ގޭގައި ތިބެގެން މަސައްކަތް ކުރާ ގޮތަށް ހެދުން ހިމެނެއެވެ.
އަދި ހައިވޭތަކުގައި އެއްގަމު އުޅަނދު ދުއްވޭ އެންމެ ބާރުމިން، މަދުވެގެން ގަޑިއަކު 10 ކިލޯމީޓަރާ ހަމައަށް ދަށްކުރަން އެ އިދާރާއިން އެޅުމަށް ހުށަހެޅި ފިޔަވަޅުތަކުގެ ތެރޭގައި ހިމެނެއެވެ.
އެ އިދާރާއިން މި ގޮވާލުން ގޮވައިލުމުގެ ކުރިން ވެސް ބައެއް ޤައުމުތަކުން މިހާރު ވެސް ވަނީ ތެޔޮ އިޤްތިޞާދުކުރުމުގެ ފިޔަވަޅުތައް އަޅަން ފަށައިފައެވެ.