ކުޅިވަރު

އިންޑިޔާ އަންނާނީ 23ގައި، ރާއްޖެ ކޭމްޕުކުރާނީ މާދަމާ!


  • އިންޑިޔާ ފިޔަވާ ހުރިހާ ޓީމެއް މާދަމާ ރާއްޖެ އަންނާނެ

  • ޒުވާން ގައުމީ ޓީމު ބާސެލޯގައި ކޭމްޕުކުރުމަށް ހަމަޖެހިފައިވަނީ މާދަމާ

  • އުމުރުފުރާތަކަށް ޚާއްސަ ބައިނަލްއަގްވާމީ މުބާރާތެއް ރާއްޖޭގައި ބާއްވާ މިއީ ފުރަތަމަ ފަހަރު

ހޯމަ ދުވަހު ރާއްޖޭގައި ފެށުމަށް ހަމަޖެހިފައިވާ 20 އަހަރުންދަށުގެ ސާފް ޗެމްޕިއަންޝިޕުގައި ބައިވެރިވާ ގައުމުތަކުގެ ތެރެއިން އިންޑިއާގެ ގައުމީ ޓީމު މާލެ އައުމަށް ހަމަޖެހިފައިވަނީ މުބާރާތް ފެށޭ ދުވަހުކަމަށް އެފްއޭއެމް ބުނެފިއެވެ.

އިންޑިޔާ ފިޔަވާ، މިމުބާރާތުގައި ވާދަކުރާ ޓީމުތައް މާދަމާ މާލެ އައުމަށް ހަމަޖެހިފައިވާއިރު އެންމެ ފުރަތަމަ ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ ސްރީލަންކާ ޓީމެވެ. އަދި އެންމެ ފަހުން އަންނަ ޕާކިސްތާނު ޓީމު ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ މާދަމާރޭގެ ވަގުތެއްގައެވެ.

ރާއްޖެ ހިމެނޭހެން ޖުމްލަ ހަތް ޓީމަކުން މިމުބާރާތުގައި ވާދަކުރާއިރު، މުބާރާތުގެ ބައިވެރިން ކޭމްޕުކުރުމަށް ހަމަޖެހިފައިވަނީ ބާސެލޯ ނަސަންދުރާގައެވެ.

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން މައުލޫމާތުދީފައިވާ ގޮތުގައި މުބާރާތުގައި ވާދަކުރާ ރާއްޖޭގެ ޒުވާން ޓީމުގެ އެންމެފަހުގެ ފަރިތަކުރުންތައް މިއަދު ނިންމާލާފައިވާއިރު، ރާއްޖޭގެ އުންމީދީ ޓީމު މާދަމާގެ ވަގުތެއްގައި ބާސެލޯގައި ކޭމްޕުކުރުމަށްވަނީ ހަމަޖެހިފައެވެ.

20 އަހަރުންދަށުގެ ސާފް ޗެމްޕިއަންޝިޕަށް ޒުވާން ގައުމީ ޓީމު ނުކުންނާނީ އުންމީދީ ހުނަރުވެރި ސްޓްރައިކަރު މުހައްމަދު އިލާން އިމްރާންގެ ކައްޕިތާނުކަމުގެ ދަށުންނެވެ. ގައުމީ ފެންވަރުގައްޔާއި ސަރަހައްދީ ފެންވަރުގައި އިލާން މޮޅު ކުޅުމެއްދައްކަމުން އަންނައިރު، ފާއިތުވެދިޔަ އަހަރު ލަންކާގައި ކުރިއަށްދިޔަ ސައުތު އޭޝިއަން ސުޕަކަޕްގެ ތަށި ދިވެހި ފަސްގަނޑުގައި ބަހައްޓާލުމުގެ ޝަރަފު ހޯދައިދިނުމުގައި އިލާން އަދާކުރި މުހިންމު ދައުރު ފާހަގަކޮށްލެވެއެވެ.

އެފްއޭއެމްއިން މިމުބާރާތަށްވަމުންދާ ފަހުގެ ތައްޔާރީތަކަށް ބަލާއިރު، މުބާރާތް ފެށުމުގެ ކުރިން ގަލޮޅު ރަސްމީ ދަނޑުގެ ބައެއް މަރާމާތުގެ މަސައްކަތް ކުރަމުންދާކަން ފާހަގަކޮށްލެވެއެވެ. އުމުރުފުރާތަކަށް ހާއްސަކޮށްގެން ބާއްވާ މިފަދަ ބައިނަލްއަގްވާމީ މުބާރާތެއް ރާއްޖޭގައި ބާއްވާ މިއީ ފުރަތަމަ ފަހަރަށްވާއިރު، މިމުބާރާތުގައި ރާއްޖޭގެ އިތުރުން ދެން ވާދަކުރާ ގައުމުތަކަކީ މިމުބާރާތުގެ އެންމެފަހުގެ ޗެމްޕިއަނުންކަމަށްވާ ބަންގްލަދޭޝްގެ އިތުރުން އިންޑިޔާ، ޕާކިސްތާން، ނޭޕާލް، ބޫޓާން އަދި ސްރީލަންކާއެވެ.

20 އަހަރުންދަށުގެ ސާފް ޗެމްޕިއަންޝިޕުގައި ކުރިއަށްދާނީ މިމަހުގެ 23 އިން އަންނަމަހުގެ 3 ގެ ނިޔަލަށެވެ. މިމުބާރާތުގެ ހުރިހާ މެޗެއް ޕީއެސްއެމްގެ ޗެނަލްތަކުން ވަގުތުން ދައްކާގޮތަށްވަނީ ހަމަޖެހިފައެވެ. މުބާރާތުގެ ހުރިހާ މެޗެއް ޕީއެސްއެމްގެ ޗެނަލްތަކުން ވަގުތުން ދުރަށް ދައްކާއިރު، ރާއްޖޭގެ ޓީމު ކުޅޭ ހުރިހާ މެޗެއްގެ ކުރިން ވެސް، ޕްރީ ޝޯ ގެނެސްދޭނެއެވެ. މި ޕްރީ ޝޯތަކުގައި، ދިވެހި ފުޓުބޯޅައިގެ ތަޖުރިބާކާރުންނާ އެކު މުހިންމު މައުލޫމާތުތަކެއް ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ.