ޖަރުމަނުވިލާތުގެ އެއާލައިނެއް ކަމަށްވާ ކޮންޑޯއިން ހޫނު މޫސުމުގައި ރާއްޖެއަށް ދަތުރުތައް އަލުން ފެށުމަށް ނިންމައިފިއެވެ.
ކޮންޑޯގެ 2026 ވަނަ އަހަރުގެ ލޯންގް-ހޯލް ޝެޑިއުލްގައިވާ ގޮތުން، ޖަރުމަނުގެ ފްރެންކްފާާޓުން ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓަށް ހަފުތާއަކު ހަތަރު ދުވަހު ދަތުރު ކުރުމަށް ވަނީ ހަމަޖެހިފައެވެ. މި ދަތުރުތައް އޮންނާނީ ކޮންމެ ހަފުތާއެއްގެވެސް ހޯމަ، ބުދަ، ބުރާސްފަތި އަދި ހޮނިހިރު ދުވަހުއެވެ. އަދި މި އޮޕަރޭޝަންތައް ކުރިއަށްދާނީ މެއި މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އޮކްޓޫބަރު މަހުގެ ނިޔަލަށް ކަމަށްވެސް އެ އެއާލައިނުން މައުލޫމާތުދެއެވެ.
ކޮންޑޯއިން ވިދާޅުވީ، މި ދަތުރުތައް އަލުން ފެށުމަށް ނިންމާފައިވަނީ ޖަރުމަނުގެ ޓްރެވަލް އެޖެންޓުންނާއި ޓުއަރ އޮޕަރޭޓަރުންނާއެކު ކުރެވުނު މަޝްވަރާތަކަށް ފަހުގައި ކަމަށެވެ. އަދި ޖަރުމަނަކީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ އެއް މާކެޓަށް ވާއިރު، މި ފެށޭ ދަތުރުތަކުގެ ސަބަބުން އެ ގައުމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވެގެންދާނެ ކަމަށް އުންމީދުކުރާކަމަށް އެ އެއަރލައިނުން ފާހަގަކުރެއެވެ.
ހޫނު މޫސުމުގައި ސީދާ ދަތުރުތައް ފެށުމަކީ ރާއްޖޭގެ ރިސޯޓްތަކާއި ގެސްޓްހައުސްތަކަށް ލިބޭނެ ބޮޑު ކުރިއެރުމެެއް ކަމަށް ކޮންޑޯއިން ސިފަކުރެއެވެ. ޚާއްޞަކޮށް މި ދުވަސްވަރު ލިބޭ ހެޔޮ އަގުތަކާއި ޕެކޭޖްތަކުގެ ސަބަބުން ފަތުރުވެރިންގެ ޝައުގުވެރިކަން މިހާރުވެސް ވަނީ އިތުރުވެފައެވެ. ފްރެންކްފާޓަކީ ޔޫރަޕްގެ އެހެން ގައުމުތަކާވެސް ގުޅިފައިވާ ސިޓީއަކަށް ވުމުން، މުޅި ޔޫރަޕުން ރާއްޖެއަށް އަންނަ ފަތުރުވެރިންނަށް މިކަމުގެ ސަބަބުން ލުއިފަސޭހަވެގެންދާނެއެވެ.
މި ދަނޑިވަޅަކީ މެދުއިރުމަތީގެ ވައިގެ ދަތުރުފަތުރަށް ބައެއް ގޮންޖެހުންތައް ކުރިމަތިވެފައިވާ ވަގުތަކަށް ވުމާއެކު، ޔޫރަޕުން ސީދާ ރާއްޖެއަށް ދަތުރުތައް އިތުރުވުމަކީ ފަތުރުވެރިންނަށް ލިބޭނެ ބޮޑު އިތުބާރެކެވެ. މީގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަން ކުރިއަށް އޮތް އަހަރުތަކުގައި އިތުރަށް ވަރުގަދަވެގެންދާނެ ކަމަށް ދާއިރާގެ މާހިރުން ލަފާކުރެއެވެ.