ޚަބަރު

ރަސްމީ ފާލަމުން ފެރީ ޓާމިނަލަށް ހިމެނޭ މަގު ތަރައްޤީކުރަން ތައްޔާރުވެއްޖެ


  • މިހަފްތާތެރޭގައި ޢަމަލީ މަސައްކަތް ފަށާނެ

މާލޭ އުތުރުފަރާތުން ބޮޑުތަކުރުފާނުމަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ތެރެއިން ފޭސް1ގެ ބާކީ 4 ސެގްމަންޓްގެ ޢަމަލީ މަސައްކަތް ފެށުމަށް އެމްޓީސީސީން ތައްޔާރުވެއްޖެއެވެ.

މިމަސައްކަތުގެ ތެރެއިން ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ އިއްޒުއްދީން ފާލަމުން ފެށިގެން ހެންވޭރު ފެރީ ޓާމިނަލާހަމައަށެވެ.

ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ ފޭސް 1ގައި ހިމެނެނީ ލޯކަލް މާރުކޭޓު ސަރަހައްދުން ފެށިގެން ހެންވޭރު ފެރީ ޓާމިނަލާ ހަމައަށެވެ. މީގެތެރެއިން ލޯކަލް މާރުކޭޓު ސަރަހައްދުން ފެށިގެން އިއްޒުއްދީން ފާލަމާހަމައަށް ހިމެނޭ މަގު ޒަމާނީ ފެންވަރަށް ތަރައްޤީކޮށް، މިދިޔަ ޑިސެންބަރުމަހުގެ 8ވަނަ ދުވަހުވަނީ އާންމު ދަތުރުފަތުރަށް ހުޅުވާލާފައެވެ.

އެމްޓީސީސީން ވިދާޅުވީ، މަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ތެރެއިން ފޭސް1ގެ ބާކީ ހިމެނޭ 4 ސެގްމަންޓްގެ ޢަމަލީ މަސައްކަތް މިހަފްތާތެރޭ ފެށުމަށް ހަމަޖެހިފައިވާކަމަށެވެ. މި މަސައްކަތުގެ ތެރެއިން 700 މީޓަރުގެ ސަރަހައްދެއްގައި ތާރު އަޅައިގެން ތަރައްޤީކުރުމަށް ހަމަޖެހިފައިވެއެވެ. އަދި 610 މީޓަރުގެ އެއްގަމު ތޮށި ތަރައްޤީކޮށް، މަގުގެ ޖާގަ ބޮޑުކުރުމަށް މަގު އިތުރަށް ފުޅާކުރުމަށް ހަމަޖެހިފައިވާކަމަށްވެސް އެމްޓީސީސީން ވިދާޅުވެއެވެ.

މަގު ހެދުމުގެ ޢަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވުމުގެ ގޮތުން، އަންނަ ހޯމަ ދުވަހުން ފެށިގެން ހެންވޭރު ފެރީ ޓާމިނަލުން ލަފާފުރާ އަތޮޅު ފެރީތައް މާފަންނު ފެރީ ޓާމިނަލާއި ހުޅުމާލެ ފެރީ ޓާމިނަލުން ލަފާފުރާގޮތަށް ބަދަލުކުރުމަށް އެމްޓީސީސީންވަނީ ނިންމާފައެވެ.

މި ސެގްމެންޓުގެ މަސައްކަތްވެސް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ، ބޮޑުތަކުރުފާނުމަގު ތަރައްޤީ ކުރުމުގެ މަސައްކަތުގެ ދަށުން ނިމުނު ދެ ސެގްމަންޓްގެ މަސައްކަތްވެސް ކުރިއަށް ގެންދިޔަ ފަރުމާއަށްކަމަށް އެމްޓީސީސީން ވިދާޅުވެއެވެ.

މަގު ހެދުމުގެ ފޭސް1ގައި ހިމެނޭ 4 ސެގްމެންޓުގެ މަސައްކަތް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ސަރަހައްދު ޒަމާނީ ފެންވަރަށް ތާރުއަޅާ ތަރައްޤީ ކުރުމުގެ އިތުރުން، އެ ސަރަޙައްދުގައި ފެން ހިންދާ ނިޒާމު ޤާއިމްކުރުމުގެ އިތުރުން ޕޭމަންޓު ހަދައި، ލައިޓް ޖެހުމަށްވެސް ހަމަޖެހިފައިވެއެވެ. މަގުގެ މަސައްކަތް ކުރި ނަމަވެސް، މަސްވެރިންގެ ޕާކު ހިމެނޭ ސަރަހައްދަށް އެއްވެސް ބަދަލެއް ގެނައުމަށް ހަމަޖެހިފައެއްނުވެއެވެ.