ޚަބަރު

ރާއްޖެއައި ފުރަތަމަ ޓީމަކީ ލަންކާގެ ޤައުމީ ޓީމް


  • ސްރީލަންކާ ޓީމު މާލެ އައިސްފައިވަނީ މިއަދު ހެނދުނު

  • އެންމެ ފުރަތަމަ ކުޅޭނީ ރާއްޖެއާއި ދެކޮޅަށް 23 ވަނަ ދުވަހުގެރޭ

20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރާ ސްރީލަންކާގެ ފުޓުބޯޅަ ޓީމު މާލެ އަތުވެއްޖެއެވެ.

މިއަދު ހެނދުނު ޓީމު މާލެ އައިސްފައިވާއިރު ސްރީލަންކާ ޓީމު މާލޭގައި ތިބުމަށް ހަމަޖެހިފައިވަނީ ބާސެލޯ ނަސަންދުރައިގައެވެ.

20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް އޮންނާނީ މާޗް 23 އިން 3 އޭޕްރީލަށް މާލޭގައެވެ. ގަލޮޅު ރަސްމީ ބޯޅަ ދަނޑުގައި ހުރިހާ މެޗެއް ކުޅުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި ލަންކާ އެންމެ ފުރަތަމަ ކުޅޭނީ ރާއްޖެއާއި ދެކޮޅަށް މުބާރާތް ހުޅުވާ މެޗުގައެވެ.

އެ މެޗު އޮންނާނީ އަންނަ ހޯމަ ދުވަހުގެ ރޭ ގަލޮޅު ރަސްމީ ބޯޅަ ދަނޑުގައެވެ. ލަންކާ ޓީމުގެ އަމާޒަކީ މިފަހަރު ތަފާތު ދެއްކުމެވެ. އެންމެ ފަހުން 2024 ވަނަ އަހަރު ބޭއްވި 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގައި ލަންކާއަށް އެދެވޭ ކުޅުމެއް ނުދެއްކެއެވެ.

ލަންކާ ޓީމުގެ ކޯޗަކީ ގަތަރުގެ އަހުމަދު އަލް މަންނާއީއެވެ. ޓީމުގެ އެސިސްޓެންޓް ކޯޗަކީ އިމްރާން މުޙައްމަދެވެ.

ނޭޕާލްގައި ބޭއްވި އެ މުބާރާތް ލަންކާއަށް ވީ އަލުން ޓީމު ބިނާކުރުމަށް ލިބުނު ފުރުސަތަކަށެވެ. ގިނަ ދުވަސްތަކެއްގެ މެދުކެނޑުމަކަށްފަހު ލަންކާއިން ބައިނަލްއަގުވާމީ މުބާރާތަކަށް ނިކުތުމާއެކު އެ ފަހަރުގެ މުބާރާތުގައި ލަންކާއަށް އުނދަގޫތަކާއި ކުރިމަތިވިއެވެ.

އެގޮތުން ބަންގްލަދޭޝް އަތުން 2-0 އިން ބަލިވުމާއި، ޓީމުގެ އެންމެ މުހިންމު ކުޅުންތެރިޔާ މުހައްމަދު ޝަކީލަށް އަނިޔާވުން ފަދަ ކަންކަމާ ކުރިމަތިލާން ޖެހުނެވެ.

އެންމެ ފަހުގެ 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގެ ފައިނަލްގައި ވާދަކުރީ ނޭޕާލާއި ބަންގްލަދޭޝްއެވެ. 2-0 ގެ ނަތީޖާއަކުން އެ މުބާރާތް ކާމިޔާބުކުރީ ބަންގްލަދޭޝްއިންނެވެ.