ގިރާވަރުފަޅު ބިން ހިއްކުމުގެ މަސައްކަތް އަންނަމަހަށް ނިންމައި، ޖޫންމަހު ގޯތި ދޫކުރަން ފެށޭނެކަަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ގިރާވަރު ފަޅު ހިއްކުމުގެ މަސައްކަތް ފަށާފައިވަނީ ޖަނަވަރީ މަހުގެ 30ވަނަ ދުވަހުއެވެ.
މާލޭ ރައްޔިތުންނަށް ގޯތި ދޫކޮށްފައިވާ ގިރާވަރުފަޅުން ޖުމުލަ 167.15 ހެކްޓަރު ހިއްކުމަށް ހަމަޖެހިފައިވާއިރު, އެމްއޭސީއެލްއިން މިދިޔަ ޖަނަވަރީމަހު ހިއްކަން ފަށާފައިވަނީ ގިރާވަރުފަޅުން ނުހިއްކާ އޮތް 97.15 ހެކްޓަރުގެ ބިމެވެ.
ޖަނަވަރީ މަހުގެ 22ވަނަ ދުވަހު އާންމުކޮށްފައިވާ ގިރާވަރު ފަޅު ހިއްކުމުގެ އީއައިއޭ ރިޕޯޓުގައި ވާގޮތުން ގިރާވަރު ފަޅު ހިއްކުމުގެ މަސައްކަތުގެ ފުރަތަމަ ފިޔަވަހިން 12 ހެކްޓަރުގެ ބިންވަނީ ހިއްކާފައެވެ. އަދި އެއަށްފަހު ދެވަނަ ފިޔަވަހިން 18 ހެކްޓަރުގެ ބިން ހިއްކާފައިވާއިރު 3 ވަނަ ފިޔަވަހީގެ ދަށުން 26 ހެކްޓަރުގެ ބިން ހިއްކާފައިވެއެވެ.
ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް ކޮންމެ ދުވަހަކުވެސް ކުރިއަށްދާކަމަށެވެ. މަސައްކަތް ކުރިއަށްދާގޮތަށް ބަލާއިރު އޭޕްރިލް މަހު މަސައްކަތް އެއްކޮށް ނިމި، ސަރވޭ ކޮށް ނިންމައި ޖޫން މަހު ގޯތިތައް ހަވާލުކުރުމުގެ މަސައްކަތް ފެށޭނެކަމަށް ރައީސް ވިދާޅުވިއެވެ.
ގިރާވަރުފަޅު ބިން ހިއްކުން މިހާރު ގޮަސްފައިވާ ހިސާބު. ކޮންމެ ދުވަހަކުވެސް ބިން ހިއްކުމުގެ މަސައްކަތް ދަނީ ކުރިޔަށް. އިރާދަކުރެއްވިއްޔާ އޭޕްރިލް މަހު އެއްކޮށް ނިމި، ސަރވޭ ކޮށް ނިންމާ ޖޫން މަހު ގޯތިތައް ހަވާލުކުރުމުގެ މަސައްކަތް ފެށޭނެ. pic.twitter.com/udwfTQN9H5
— Dr Mohamed Muizzu (@MMuizzu) March 21, 2026
މަސައްކަތް އަވަސްކުރުމަށްޓަކައި ގިރާވަރުފަޅު މިހާރު ހިއްކަމުންދަނީ 2 ޑްރެޖަރު ބޭނުންކޮށްގެންނެވެ.
ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް ކުރަމުން އަންނައިރު ގިރާވަރު ފަޅުގެ އައު ލޭންޑް ޔޫސް ޕްލޭނެއްވެސް ވަނީ އެކުލަވާލާފައެވެ. ލޭންޑް ޔޫސް ޕްލޭނަށް ބަދަލު ގެނައުމާ ގުޅިގެން އެފަޅުން ގޯތި ލިބުނު މީހުންގެ މެދުގައި އަލުން ގުރު ނެގުން ވަނީ ކުރިއަށް ގެންގޮސްފައެވެ. ގިރާވަރުފަޅުން ޖުމުލަ 4 ސައިޒެއްގެ 4،072 ގޯތި ދޫކުރުމަށް ވަނީ ނިންމާފައެވެ.
1250 އަކަފޫޓުގެ 2605 ގޯތި
1650 އަކަފޫޓުގެ 1213 ގޯތި
2050 އަކަފޫޓުގެ 253 ގޯތި
2450 އަކަފޫޓުގެ 1 ގޯތި
ސަރުކާރުން އަންނަނީ މާލެ ސަރަޙައްދާއި އަތޮޅުތެރޭގެ ބިން ހިއްކުމުގެ މަސައްކަތް ހަލުއި ކުރުމަށްޓަކައި ބޮޑެތި ޑްރެޖަރުތައް ގެނެސްގެން އެ މަސައްކަތް ކުރަމުންނެވެ. އެގޮތުން މިހާރު ހުޅުމާލެ 3 ވަނަ ފިޔަވަހި ހިއްކާ ނިންމާފައިވާއިރު ރަސްމާލެ ހިއްކުމުގެ މަސައްކަތްވެސް ބާރު ދުވެލީގައި އަންނަނީ ކުރަމުންނެވެ. މީގެ އިތުރުން ގިރާވަރު ފަޅު ހިއްކުމުގެ މަސައްކަތްވެސް ބާރު ދުވެލީގައި އަންނަނީ ކުރަމުންނެވެ.
ނިމުނު ސަރުކާރުގައި ގިރާވަރު ފަޅުން ގޯތި ދޫކޮށްފައިވަނީ، އެތަނުގެ އެކަށީގެންވާ ލޭންޑް ޔޫސް ޕްލޭނެއް ހެދުމެއް ނެތިއެވެ. އެގޮތުން އެތަނުގެ އާބާދީއަށް ބޭނުންވާ އަސާސީ ޚިދުމަތްތަކަށް އެކަށީގެންވާ ޖާގަ ކަނޑައަޅާފައެއް ނުވެއެވެ. ގިރާވަރުފަޅު ހިއްކުމުގެ މަޝްރޫޢަށް އިތުރު 113 ހެކްޓަރު އިތުރު ކުރުމަށް ނިންމައި، ބިން ހިއްކުމުގެ މަސައްކަތް އަލުން ފެށީ މި ސަރުކާރުންނެވެ.