ޚަބަރު

ޢިރާޤުން ތެޔޮ ބޭރުކުރާ ކުންފުނިތަކުގެ މަސައްކަތްތައް ހުއްޓުމަކަށް


ޔަހޫދީންނާއި އެމެރިކާ ގުޅިގެން އީރާނާ ދެކޮޅަށް ފަށާފައިވާ ހަނގުރާމައިގެ ސަބަބުން ހުރްމުޒް ކަނޑުއޮޅި ބަންދުވެ، ޢިރާޤުގައި ހިންގާ ބޭރުގެ ތެޔޮ ކުންފުނިތަކުގެ ޕްލާންޓުތަކުގެ މަސައްކަތްތައް މެދުކަނޑައިލުމަށް މަޖުބޫރުވެެއްޖެއެވެ. ޢިރާޤުގެ ތެލާ ބެހޭ ވުޒާރާއިން މާރިޗު 17ގައި ފޮނުވި ސިޓީއެއްގައި މި ކަން ވަނީ ކަށަވަރު ކޮށްދީފައެވެ. ޔަހޫދީންނާއި އެމެރިކާ ގުޅިގެން އީރާނާ ދެކޮޅަށް ހަނގުރާމަ ފަށާފައި ވަނީ މީގެ ތިން ހަފުތާއެއްހާ ދުވަސް ކުރިން، ފެބުރުވަރީ 28ވަނަ ދުވަހުއެވެ.

މި ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ތެލާއި ގޭހުގެ %20 އުފުލާ ހުރްމުޒް ކަނޑުއޮޅީގެ ނިޔަމިކަން ވަނީ ހުއްޓުމަކަށް އައިސްފައެވެ. ސަބަބަކީ، އެމެރިކާއާއި ޔަހޫދީންގެ މަޞްލަޙަތު އޮތް ކުންފުނިތަކުން ބޭނުންކުރާ ތެޔޮ އުފުލާ ބޯޓުފަހަރަށް އީރާނުން ހުރަސް އެޅުމެވެ. ޢިރާޤުގެ ދައުލަތުގެ ތެޔޮ ކުންފުނިން ބުނީ، ބޯޓުފަހަރަށް ތެޔޮ ބަރުކުރުމަށް ތައްޔާރަށް އޮތް ކަމުގައެވެ. ނަމަވެސް، ތެޔޮ ބަރުކުރާނެ ބޯޓުފަހަރު ހޯދުމުގައި ކުންފުނިތަކަށް ހުރަސްއެޅި، ތެޔޮ ރައްކާކުރާ ތާންގީތައް ފުރިފައިވާ ކަމަށާއި، މިއާއެކު ބޭރުގެ ކުންފުނިތަކުން ހިންގާ ޕްލާންޓުތަކުގެ މަސައްކަތްތައް މެދުކަނޑައިލުމަށް މަޖުބޫރުވެފައިވާ ކަމުގައެވެ. މީގެ ނަތީޖާއެއްގެ ގޮތުން، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަނީ ފާއިތުވި ހަތަރު ނުއުފުލޭ މިންވަރަކަށް އުފުލިފައެވެ.

ޢިރާޤުގެ ތެލާ ބެހޭ ވަޒީރު ހަޔާން ޢަބްދުލްޣަނީ ވިދާޅުވީ، ބަޞްރާ ތެޔޮ ކުންފުނީގެ އުފެއްދުންތައް ދުވާލަކު 3.3 މިލިޔަން ފީފާއިން 900,000 ފީފާއަށް މިހާރު ދަށްކޮށްފައިވާ ކަމުގައެވެ. މިއީ، އާމްދަނީގެ %90 އަށްވުރެ ބޮޑު އިންސައްތައެއް ތެލަށް ބިނާވެފައިވާ ޢިރާޤުގެ ނާޒުކު މާލީ ޙާލަތަށް ލިބުނު ބޮޑު ގެއްލުމެކެވެ. މި ނާޒުކު ޙާލަތާ ގުޅިގެން ބޭރުގެ އެއްވެސް ކުންފުންޏަކަށް ބަދަލެއް ދޭން ނުޖެހޭނެ ކަމުގައި ވެސް ޢިރާޤުގެ ސަރުކާރުން ހާމަކުރިއެވެ.

މި ނުރައްކާތެރި ޙާލަތު އުފެދުނީ ޔަހޫދީންނާއި އެމެރިކާގެ ހަނގުރާމައިގެ ސަބަބުންވެ. މިނިވަންކަމުގެ ދިފާޢުގައި އީރާނުން ދެމުންދާ ރައްދު ޙަމަލާތައް އަމާޒުކުރަމުން ދަނީ ޔަހޫދީ ދައުލަތަށާއި ގަލްފް ޢަރަބި ޤައުމުތަކުގައި އޮތް އެމެރިކާގެ އަސްކަރީ މަރުކަޒުތަކާއި މަޞްލަޙަތުތަކަށެވެ. އީރާނަށް ވާގިވެރިވުމުގެ ގޮތުން ލުބްނާންގެ މުޖާހިދުންގެ ޖަމާޢަތް، ޙިޒްބުاللهއިން ވެސް ވަނީ ޔަހޫދީންނަށް ޙަމަލާ ދޭން ފަށާފައެވެ. އަދި، ޔަހޫދީން ވެސް ވަނީ ލުބްނާންގެ ޢާންމު ރައްޔިތުން ޝަހީދު ކުރުމަށް ޖަރީމާއެއް ހިންގަން ފަށާފައެވެ. މިއީ ހަމައެކަނި އަސްކަރީ ކުރިމަތިލުމެއް ނޫން ކަމުގައި މަސްރަޙް ދިރާސާ ކުރާ ފަރާތްތަކުން ބުންޏެވެ. އެ ފަރާތްތަކުން ސިފަ ކުރާ ގޮތުގައި، ޞަހްޔޫނީންނާއި އެމެރިކާގެ ޖަރީމާތަކުގެ ސަބަބުން މުޅި ދުނިޔޭގެ އިޤުތިޞާދު ދަނީ އިނދަޖެހެމުންނެވެ.