މި މަހު 23 ގައި ފަށާ 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގެ ފޯރިގަދަކޮށް، ވީހާވެސް ގިނަ ރައްޔިތުންތަކަކަށް މެޗު ދެއްކުމުގެ މަގްސަދުގައި، ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އާއި ރާއްޖޭގެ ބައެއް މީޑިއާތަކާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
ޖުމްލަ ފަސް ޕްރައިވެޓް މީޑިއާ އަކުން ވަނީ ޕީއެސްއެމް އާއިއެކު އެއްބަސްވުމުގައި ސޮއިކޮށްފައެވެ. އެއީ އެސްއެސްޓީވީ، ވީޓީވީ، އެމްއެމްޓީވީގެ އިތުރުން، މެންދުރު ޓީވީއާއި ދިވެހި ޗެނަލްއެވެ.
ޕީއެސްއެމް ޓީވީ ބިލްޑިންގައި އޮތް ސޮއިކުރުމުގެ ޙަފްލާގައި ބައިވެރިވެވަޑައިގެން، ޕީއެސްއެމްގެ ފަރާތުން އެއްބަސްވުންތަކުގައި ސޮއިކުރެއްވީ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ، އަބްދުﷲ ޔާމީން އާއި އެގްޒެކިއުޓިވް ޑިރެކްޓަރ، ނިއުސް އެންޑް ކަރަންޓް އެފެއާޒް، ޙުސެއިން އަމީން ނަސީރެވެ.
މިއީ ޤައުމީ ކަމެއްގެ ގޮތުގައި ދެކި، ގިނަ ރައްޔިތުންތަކަކަށް ޒުވާން ޤައުމީ ޓީމުން ކުޅޭ މެޗުތައް ދެއްކޭނެ މަގު ފަހިކޮށްދިންކަމަށްޓަކައި މި ހުރިހާ މީޑިއާ އަކުން ވެސް ވަނީ ޕީއެސްއެމްގެ މެނޭޖްމަންޓަށާއި މުޅި ޓީމަށް ޝުކުރު އަދާކޮށްފައެވެ. އަދި ދިވެހި ރައްޔިތުންނާ ހަމައަށް މި މުބާރާތާ ގުޅޭ އެންމެހާ ޚަބަރުތަކާއި އެހެނިހެން މައުލޫމާތުތައް ގެނެސްދިނުމަށްޓަކައި، ހުރިހާ ޗެނަލަކުން ވެސް ބުރަ މަސައްކަތްތަކެއް ކުރާނެކަމުގެ ޔަގީންކަން އެ ޗެނަލްތަކުން ވަނީ ދީފައެވެ.
ޕީއެސްއެމްއާއެކު ވެވުނު އެއްބަސްވުމުގައި އެސްއެސްޓީވީގެ ފަރާތުން ސޮއިކުރެއްވީ އެ މީޑިއާގެ ޗީފް ކޮންޓެންޓް އޮފިސަރ މުޙައްމަދު ޒަހީނެވެ. ވީޓީވީގެ ފަރާތުން ޑިރެކްޓަރ އޮފް އޮޕަރޭޝަންސް ޙުސެއިން ނިޔާޒް ސޮއިކުރެއްވިއިރު އެމްއެމްޓީވީގެ ފަރާތުން ސޮއިކުރެއްވީ ޕްރޮޑިއުސަރ އައިމިނަތު ނުޒްލާއެވެ. އެއްބަސްވުމުގައި މެންދުރު ޓީވީގެ ފަރާތުން އަޙްމަދު އަފްރާޙް ސޮއިރުކުރެއްވިއިރު ދިވެހި ޗެނަލްގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޝަން މެނޭޖަރު، އާޝިޔާ ޞާލިޙެވެ.
ޕީއެސްއެމްއާއެކު ވެވުނު މި އެއްބަސްވުމުގެ ދަށުން، މުބާރާތުގެ މެޗުތަކުގެ އިތުރުން، ދިވެހިރާއްޖޭގެ ޓީމު ކުޅޭ މެޗުތަކުގެ ކުރިން ޕީއެސްއެމް ސްޕޯޓްސް އިން ގެނެސްދޭ ޕްރީ ޝޯ ވެސް ދައްކާނެއެވެ.
ދިވެހިރާއްޖޭގެ އިތުރުން ބަންގްލަދޭޝް، އިންޑީއާ، ޕާކިސްތާން، ސްރީލަންކާގެ އިތުރުން ބޫޓާނާއި ނޭޕާލް ހިމެނޭހެން ޖުމްލަ ހަތް ޓީމުން ބައިވެރިވާ މި މުބާރާތުގައި ބައިވެރިވާ ޓީމުތަކުން މިއަދު ވަނީ ރާއްޖެ އަންނަން ފަށާފައެވެ.
މުބާރާތުގެ މެޗުތަކުގެ ޓިކެޓު މިހާރު ވަނީ ވިއްކަން ފަށާފައެވެ.
މުބާރާތުގައި ރާއްޖެ ކުޅޭ ފުރަތަމަ މެޗު އޮންނާނީ އަންނަ ހޯމަ ދުވަހުގެރޭ 20:30 ގައެވެ. ދެވަނަ މެޗު 25 ވަނަ ދުވަހުގެރޭ އޮންނައިރު ތިންވަނަ މެޗު އޮންނާނީ 27 ވަނަ ދުވަހުގެ ހަވީރެވެ.