ކުޅިވަރު

މިއީ ރަން ޖީލެއްގެ ފެށުން: ޒަރީރު


  • ހޯމަ ދުވަހު ފެށޭ މުބާރާތުގެ ޓިކެޓްދަނީ ވިކެމުން

  • ޓިކެޓް ލިބެންހުރީ ގަލޮޅު ދަނޑުގެ މަޖީދިމަގު ގޭޓް 2ގެ ޓިކެޓު ކައުންޓަރުންނާއި ސޯޝަލް ސެންޓަރުން

20 އަހަރުންދަށުގެ ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރުމަށް ފައްކާކޮށްފައިވާ ޓީމަކީ އުންމީދީ ޓީމެއްކަމަށާއި މިއީ ފުޓުބޯޅައިގެ ރަން ޖީލެއްގެ ފެށުންކަމަށް ފފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ޖެނެރަލް ސެކްރެޓަރީ އަޙްމަދު ޒަރީރު ވިދާޅުވެއްޖެއެވެ

ޒަރީރު މިހެން ވިދާޅުވީ 20 އަހަރުންދަށުގެ ސާފް ޗެމްޕިއަންޝިޕް ފެށުމުގެ ކުރިން ޕީއެސްއެމްއިން ގެނެސްދެމުން އަންނަ ސާފް ޗެމްޕިއަންޝިޕް ޕްރީ-ޝޯގައި ދެއްކެވި ވާހަކައިގައެވެ.

ޒަރީރު ވިދާޅުވީ ދިވެހިންނަކީ އަބަދުވެސް ފުޓުބޯޅައަށް ލޯބިކުރި ބައެއްކަމަށެވެ. އެގޮތުން ރާއްޖޭގެ ގޯލްޑަން ޖެނެރޭޝަންގެ ގޮތުގައި ބެލެވުނު ކުޅުންތެރިން ރާއްޖެއަށް ރީތި ނަން ހޯދައިދީ ދިވެހި ފަސްގަނޑަށް ސާފްގެ ތަށި ހޯދައިދިން ދުވަސްތައް މާޒީއާއި އެކުވެފައިވާއިރު، ފުޓުބޯޅައަށް ކުރިމަތިވި ދަތި ދުވަސްތަކަކާއިއެކު ފުޓުބޯޅައިގެ ހާލަތު ފުޓުބޯޅައިގެ ކުލަ ފަނޑުވަމުން ދަނިކޮށް މިކުޅިވަރަށް ދިރުން ގެނެސްދީ އުންމީދެއް ގެނެސްދިނީ މިހާރު ފައްކާވަމުން އަންނަ ޒުވާން ގައުމީ ޓީމުކަމަށެވެ.

އަޅުގަނޑު ދެކޭ ގޮތުގައި އަދި ފުޓުބޯޅައަށް ލޯބިކުރާ ފަރާތްތަކުންވެސް ގަބޫލުކުރާނީ މިއީ އަނެއްކާވެސް ރަން ޖީލެއްގެ ފެށުމެކޭ މި ކުޅުންތެރިންނަކީ" ޒަރީރު ވިދާޅުވިއެވެ.

ޒަރީރު ވިދާޅުވީ އުމުރުފުރާގެ މުބާރާތެއް ރާއްޖޭގައި ބޭއްވުމަށް ސައުތު އޭޝިއަން ފުޓްބޯލް ފެޑެރޭޝަން (ސާފް)އިން ހުށަހެޅުމުން 20 އަހަރުންދަށުގެ އުމުރުފުރާގެ މުބާރާތް ބޭއްވުމަށް ބޭނުންވި މައިގަޑު ސަބަބަކީވެސް ރާއްޖޭގެ ޒުވާން ޓީމާއި މެދު އޮތް އިތުބާރު ބޮޑުވުންކަމަށެވެ. މި ކުދިންނަކީ ބައިނަލްއަގްވާމީ މެޗު ތަޖުރިބާތައް ލިބިފައިވާ މޮޅެތި ކުޅުންތެރިންތަކެއްކަމަށް ފާހަގަކުރަމުން ރަޒީރު ވިދާޅުވީ ރާއްޖޭގެ ޒުވާން ޓީމާއި މެދު ކުރެވޭ އުންމީދު ބޮޑުކަމަށެވެ.

"ސާފުން އޭޖް ގްރޫޕެއްގެ މުބާރާތެއް ބާއްވަން ހުށަހެޅީމަ އަޅުގަނޑުމެންނަށް ލިބުނީމަ ހަގީގަތުގައި 20 އަހަރުންދަށް އަޅުގަނޑުމެން ޗޫޒްކުރި އެއް ބޭނުމަކީވެސް ޓީމާއި ދޭތެރޭ އަޅުގަނޑުމެން ވަރަށް ބޮޑު އުންމީދެއް އޮތީމަ. އެންމެފަހުން މިއޮތް މުބާރާތުގަޔާއި ހާއްސަކޮށް މިދިޔަ އަހަރު ކުޅުނު އަންޑަރ 19 ގެ ދެ މުބާރާތެއް ސާފްގަޔާއި އޭއެފްސީގަވެސް ހިމެނުނު ބައެއް ކުޅުންތެރިން މީގަ ހިމެނޭ" ޒަރީރު ވިދާޅުވިއެވެ.

ޒުވާން ޓީމަށް ތައުރީފުކުރައްވާ ޒަރީރު ވިދާޅުވީ 20 އަހަރުންދަށުގެ ގައުމީ ޓީމުގައި ތިބި ކުޅުންތެރިންނަކީ އާދައިގެ ކުޅުންތެރިންތަކެއް ނޫންކަމަށެވެ. އުމުރުގެ ގޮތުން ހަގެއް ކަމަކު ދާދިފަހުން ނިމިގެން ދިޔަ ފަސްޓު ޑިވިޝަނުގެ ބައެއް ޓީމުތައް ލީޑް ކުރީ އެކުޅުންތެރިންކަމަށް ޒަރީރު ފާހަގަކުރެއްވިއެވެ. އަދި މިކުޅުންތެރިންނަކީ މިމުބާރާތް ނެތް ނަމަ ކުރިއަށް އޮތް ސީނިއާ ޓީމުގެ މެޗުގައިވެސް ކުޅޭނެ ކުޅުންތެރިންކަމަށް ޒަރީރު ހާމަކުރެއްވިއެވެ.

"ޓީމުގައި ލީޑްކުރަން މިތިބަ ކުޅުންތެރިންނަކީ އެ ކުޅުންތެރިން ރިޕްރެޒެންޓްކުރި ކުލަބުގައި ބެންޗުން އެރި ކުޅުންތެރިންނެއް ނޫން. އެއީ އެޓީމުތައް ލީޑުކުރި ކުޅުންތެރިން. ޚާއްސަކޮށް އީތަން، ވެލެންސިއާގައި ބޮޑު މާޒީއެއް އޮތް ޓީމެއް. އެޓީމު ލީޑުކުރި ކުޅުންތެރިޔާ. އަހޫ، އެނިންމާލީ ރާއްޖޭގެ އެންމެ ޝަފަރުވެރި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ ޝަރަފު ހޯދައިގެން. މިދައްކަނީ ރާއްޖޭގައި ތިބި އެންމެ މޮޅު ކުޅުންތެރިންގެ ތެރެއިން އެންމެ މޮޅު ކުޅުންތެރިޔާއަކީ 18 އަހަރުގެ ކުޅުންތެރިއެކޭ" ޒަރީރު ވިދާޅުވިއެވެ.

20 އަހަރުންދަށުގެ ސާފް ޗެމްޕިއަންޝިޕު ހޯމަ ދުވަހު ފަށާއިރު މިމުބާރާތުގެ މެޗުތަކުގެ ޓިކެޓް ވިއްކަން އެފްއޭއެމްއިންވަނީ ފަށާފައެވެ. މެޗުތަކުގެ ޓިކެޓް ވިއްކާ އަގުތަކަކީ، ސިޑިބަރި ޓިކެޓް 15 ރުފިޔާ، ގޮނޑި ބަރި ޓިކެޓް 25 ރުފިޔާއަށެވެ. 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގެ މެޗުތަކަށް ޓިކެޓު ވިއްކުމަށް ހަމަޖެހިފައިވާ ތަންތަނަކީ، ގަލޮޅު ދަނޑުގެ މަޖީދިމަގު ގޭޓް 2ގެ ޓިކެޓު ކައުންޓަރާއި ސޯޝަލް ސެންޓަރެވެ.