ޚަބަރު

"ރައްޔިތުންނަށް ދަތިނުވާގޮތަށް ޚަރަދުކުޑަކުރަން ދަނީ މަޝްވަރާކުރަމުން"


  • ރައްޔިތުންނަށް ތަކުލީފަކަށް ނުވާގޮތަށް ފިޔަވަޅުތައް އަޅުއްވާނެ ކަމަށް ވިދާޅުވި

  • ތެލާއި ކާބޯތަކެތީގެ ކަންކަމުގައި ފެހި ސިގްނަލްތަކެއް ފެންނަމުންދާ ކަމަށް ވިދާޅުވި

  • 3 ދަރިވަރަކު ވަނީ ރައްކާތެރި ހިސާބަށް ގެންގޮސްފައި

ހަނގުރާމަ ދިގުލައިގެންދާނަމަ، ރައްޔިތުންނަށް ތަކުލީފެއް ނާންނަގޮތަށް ސަރުކާރުގެ ޚަރަދުތައް ކުޑަކުރުމަށް ފިޔަޅުތަކެއް އެޅުމަށް މަޝްވަރާ ކުރަމުންދާ ކަމަށް ޚާރިޖީ ވަޒީރު ޑރ.ޢަބްދުﷲ ޚަލީލު ވިދާޅުވެއްޖެއެވެ.

މި މަސައްކަތަށް ޚާއްސަކޮށް އުފައްދާފަވާ ކޮމިޓީގެ ފަރާތުން މިވަގުތު ކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ، ހަނގުރާމައާއި ގުޅިގެން ރާއްޖެއަށް ކުރަމުންދާ އަސަރު ވަރަށް ގާތުން ދިރާސާކޮށް ބަލަމުންދާ ކަމަށާއި ވަގުތީގޮތުން އަޅަންޖެހޭ ފިޔަވަޅުތަކާއި އަދި ދުރުރާސްތާގެ ފިޔަވަޅުތައްވެސް އަޅަމުންދާ ކަމަށެވެ.

އަދި މިވަގުތު އެންމެ އިސްކަމެއް ދެނީ، ތެލާއި ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ކަމަށް ވިދާޅުވިއެވެ. ވަޒީރު ވިދާޅުވީ، ރާއްޖެއަށް ތެޔޮ ގެންނަނީ މެދުއިރުމަތިން ކަމަށްވުމާއެކު، ތެޔޮ ހޯދުމުގައި އަވަށްޓެރި ޤައުމުތަކާއެކު މަޝްވަރާކޮށް، އެކަމުގައިވެސް ކުރިއެރުންތަކެއް ހޯދިފަވާ ކަމަށެވެ. ނަމަވެސް އެ ޤައުމުތަކުގެ މަޢުލޫމާތު ޙަމަކޮށްފައެއް ނުވެއެވެ.

އަދި ކާބޯތަކެތީ ރައްކާތެރިކަން އިތުރު ކުރުމަށް ކުރާ މަސައްކަތުގައި، ރާއްޖޭގައި ތަކެތީގެ ސްޓޮކް ރައްކާކުރެވޭ މިންވަރު އިތުރު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

"ތެލުގެ ކަންކަމުގައި މަޝްވަރާ ކުރަމުންދަނީ ވަކި ޤައުމަކަށް ބަރޯސާނުވެ އެ ޚިދުމަތް ހޯދުން ޑައިވަރސިފައިކުރަން. އަދި ޒަރޫރީ ކާބޯތަކެތި ހޯދުމަށް އިތުރު މާކެޓް ތަކާއެކު ކުރަމުންދާ މަސައްކަތްތައްވެސް އިތުރު ހަރުފަތަކަށް ގެންދެވިއްޖެ. ސްޓޯރޭޖް ކެޕޭސިޓީ އިތުރުކުރަން ޕްލޭންތައް ދަނީ ހަދަމުން." ވަޒީރު ޚަލީލު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ހަނގުރާމަ ދިގުލައިގެން ދާނަމަ، ސަރުކާރުގެ ޚަރަދު ކުޑަކުރުމަށް ޢަމަލުކުރާނެ ޕްލޭންތަކެއް އެކުލަވާލުމުގެ މަޝްވަރާތައްވެސް ކުރަމުންދާ ކަމަށެވެ.

"އަޅާ ފިޔަވަޅުތަކަކީ ރައްޔިތުންނަށް ބުރައަކަށް، ތަކުލީފަކަށް ނުވާނެ ގޮތަށް ފިޔަވަޅު އެޅުން ސަރުކާރުގެ ވިސްނުމަކީ. ހަނގުރާމަ މިގޮތަށް ދާނަމަ، ސަރުކާރުގެ ޚަރަދު ކުޑަކުރުމަށް ފިޔަވަޅު އެޅުމަށް ދަނީ މަޝްވަރާ ކުރަމުން." ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ، ރާއްޖެއިން ބޭރުގައި ތިބި ދިވެހިންނަށް އެހީތެރިކަން ދިނުމުގެ މަސައްކަތްވެސް ކުރަމުންދާ ކަމަށެވެ. އެގޮތުން ޔޫއޭއީގެ ފުޖޭރާ ސަރަޙައްދުގައި ތިބި 3 ދަރިވަރަކު ރައްކާތެރި ސަރަޙައްދުތަކަށް ގެންދިޔުމުގައި ވަނީ އެހީތެރިކަން ދީފައެވެ. ވަޒީރު ވަނީ، ޤައުމުތަކުން ދެމުންދާ އިރުޝާދުތަކަށް، ދަރިވަރުންނާއި އަދި އެތަންތާންގައި ދިރިއުޅޭ ދަރިވަރުން ސަމާލުވުމަށްވެސް އެދިވަޑައިގެންފައެވެ.

ހަނގުރާމައިގެ އެއްވެސް ހަރަކާތަކަށް ރާއްޖޭގެ ވައިގެ ސަރަޙައްދު ބޭނުންކުރަން ހުއްދަ ނުދޭނެ ކަމަށާއި، އަދި މިހާތަނަށްވެސް ބޭނުންކޮށްފައި ނުވާނެކަމުގެ ޔަގީންކަން ވަޒީރު ވަނީ ތަކުރާރުކުރައްވާފައެވެ.