ޚަބަރު

ތެލުގެ އަގު ބޮޑުކުރުމުގެ ވިސްނުމެއް ނެތް: މާލީ ވަޒީރު


  • އަންނަމަހުގެ ކުރީކޮޅު ސިންގަޕޫރުން ޑީސަލާއި ޕެޓްރޯލްގެ ޝިޕްމަންޓެއް އަންނާނެ

  • އޮމާނުންވެސް އިތުރު ޝިޕްމަންޓެއް އަންނާނެ

ދުވަހުން ދުވަހަށް ބޭނުންވާނެ ތެޔޮ އެބަހުރި ކަމަށާއި ކުރިއަށް އޮތް ތަނުގައި ތެލުގެ އަގު ބޮޑުކުރުމުގެ ވިސްނުމެއް ނެތްކަމަށް މާލީ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހުރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މާލީ ވަޒީރު މޫސާ ޒަމީރު ވިދާޅުވީ، މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ދަޢުލަތުގެ އާމްދަނީއަށާއި، އަމިއްލަ ވިޔަފާރިތަކުގެ އާމްދަނީއަށްވެސް އޭގެ އަސަރުކޮށްފައިވާ ކަމަށެވެ. ޚާއްސަކޮށް ރާއްޖެ އަންނަ ފަތުރުވެރިންގެ ޢަދަދު މަދުވުމުގެ ސަބަބުން އޭގެ އަސަރު ކުރަމުންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ. ނަމަވެސް މިކަންކަމާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް ކަމާއި ގުޅުންހުރި ފަރާތްތަކާ ގުޅިގެން އަޅަމުންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

މާލީ ވަޒީރު މޫސާ ޒަމީރު ވިދާޅުވީ، ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އޭގެ ތެރޭގައި ސިއްޙީ ޚިދުމަތްތަކާއި، ރާއްޖެއިން ބޭރުގައި ތިބި ކިޔަވާ ކުދިންނަށް ފޮނުވަންޖެހޭ ފައިސާ ފޮނުވުމާއި، ކާޑުގެ ބާވަތްތައް ދުވަހުން ދުވަހަށް ރާއްޖެއަށް އެތެރެވާ ގޮތް ރާވާ ޚިދުމަތުގެ އަގުތައް އެކަށިގެންވާ ވަރެއްގައި ބެހެއްޓުމަށް މަސައްކަތް ކުރަމުންދާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

"ތެލުގެ ވިޔަފާރިއަކީ އެސްޓީއޯގެ އިތުރުން އަމިއްލަ ވިޔަފާރިވެރިންވެސް ކުރާ ވިޔަފާރިއެއް. އަޅާ ފިޔަވަޅެއްގެ ސަބަބުން އެ ވިޔަފާރިތަކަށްވެސް ގެއްލުމެއް ވިޔަނުދީ މަސައްކަތް ކުރަމުންދަނީ." މާލީ ވަޒީރު މޫސާ ޒަމީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ، ރާއްޖޭގެ ސްޓޮކްގައި އެކަށީގެންވާ ވަރަށް ތެޔޮ އެބަހުރި ކަމަށެވެ. އަދި އެސްޓީއޯއިން ތެލުގެ 2 ޝިޕްމަންޓެއް މިހާރުވެސް ރާއްޖެ ގެނެސްފައިވާކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ، އަންނަމަހުވެސް އިތުރު ޝިޕްމަންޓްތައް އަންނާނެ ކަމަށެވެ. އެގޮތުން އަންނަމަހުގެ ކުރީކޮޅު ސިންގަޕޫރުން ޑީސަލާއި ޕެޓްރޯލްގެ ޝިޕްމަންޓެއް އަންނާނެ ކަމަށެވެ. އަދި އޮމާންގެ ސޮހާރުން އިތުރު ޝިޕްމަންޓެއްވެސް އަންނާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުވަމުންދާކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ، ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖޭގައި ތެލުގެ އަގަށް ބަދަލު ގެނައުމުގެ ވިސްނުމެއް ނެތް ކަމަށެވެ. އަދި ބައެއް ސިނާޢަތްތަކަށް ޚާއްސަކޮށްގެން ތެލުގެ އަގު ބޮޑުކޮށްފައިނުވާނެ ކަމަށާއި ސަރުކާރުން މަސައްކަތް ކުރަމުންދަނީ އެކަށިގެންވާ ހެޔޮ އަގެއްގައި ތެޔޮ ފޯރުކޮށްދިނުމަށް ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.