ޚަބަރު

ގްރޫޕް ސްޓޭޖުގައި އިތުރު މެޗެއް ލިބުން އެއީ ބޮޑު ފައިދާއެއް: ޤައުމީ ކޯޗު


  • ފުރަތަމަ މެޗުގައި ރާއްޖެ ނުކުންނާނީ ސްރީލަންކާއާ ދެކޮޅަށް

  • ކޯޗު ބުނީ، ވަކި ޓީމަކާ ކުޅެން ޖެހުން އެއީ ފައިދާއެއްގެ ގޮތުގައި ނުބަލާކަމަށް

ގްރޫޕް ސްޓޭޖުގައި އިތުރު އެއް މެޗު ކުޅެން ލިބުން އެއީ، ލިބޭ ވަރަށް ބޮޑު ފައިދާއެއް ކަމަށް ޒުވާން ޤައުމީ ޓީމުގެ ހެޑްކޯޗު، އިސްޓަވާން އުރުބާނީ ބުނެފިއެވެ.

20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕުގައި ހޯމަ ދުވަހުގެރޭ ސްރީލަންކާއާ ދެކޮޅަށް ކުޅެން އޮތް މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން އުރުބާނީ ބުނީ، ވަކި ޓީމަކާ ދެކޮޅަށް ކުޅެން ޖެހުމުން ވަކިން ހާއްސަ ފައިދާއެއް ނެތް ކަމަށެވެ.

މުބާރާތުގެ ގުރުނެގުމުން، ރާއްޖެ ހިމެނުނު ގުރޫޕުގެ ސަބަބުން ބައެއް ފަރާތްތަކުން، ރާއްޖެއަށް މި ލިބުނީ ފަސޭހަ މެޗުތަކެއް ކަމަށާއި މިއީ ލިބޭ ބޮޑު ފައިދާއެއް ކަމަށް ބުނި ނަމަވެސް ހަގީގަތަކީ އެއީ ނޫން ކަމަށެވެ.

ވަކި ޓީމަކާ ކުޅެން ޖެހުން އެއީ ރާއްޖެއަށް އޮތް ފައިދާއެއް ނޫންކަމަށް ބުނެ އުރުބާނީ އިތުރަށް ބުނީ، ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުމަކީ ވެސް އަދި ފައިދާ އަކީ ވެސް ގްރޫޕް ސްޓޭޖުގައި، ގްރޫޕް ބީގައި ހިމެނޭ ޓީމުތަކަށްވުރެ އިތުރަށް މެޗެއް ކުޅެން ލިބުން ކަމަށެވެ.

"ކޮންފިޑެންސް އޮތީ އާންމު ގޮތެއްގައި ޓީމާމެދު އޮތް ކޮންފިޑެންސް. ވަކި ޓީމަކާ ދެކޮޅަށް ކުޅެންޖެހޭތީ ކޮންފިޑެންސެއް ނެތް. ފައިދާއެއް ވެސް ނެތް. ބައެއް ފަރާތްތަކުން، ރާއްޖެ ގްރޫޕް އޭގައި ހިމެނުމުން، މެޗުތައް ފަސޭހަވާނެ ކަމަށާއި މިއީ ލިބުނު ފައިދާއެއްގެ ގޮތުގައި ސިފަކުރި ނަމަވެސް ހަގީގަތުގައި ގްރޫޕް އޭގައި ހިމެނުމުން ލިބޭ ފައިދާއަކީ، އިތުރު މެޗެއް ކުޅެން ލިބުން. މި ޖެނެރޭޝަނަށް ބޭނުންވަނީ ވާދަވެރި ގިނަ މެޗުތަކެއް ކުޅުން. މީގަ ރަނގަޅީ ވެސް ރާއްޖެއަށްވުރެ ވަރުގަދަ ޓީމުތަކަކާ ޖެހުން. ރާއްޖެ ބަލިކުރާނެ ޓީމުތަކަކާ ޖެހުން. އެ ތަޖުރިބާ ލިބެން ބޭނުންވަނީ" ވާދަވެރި ގިނަ މެޗުތަކެއް މިއީ ދިވެހި ފުޓުބޯޅައަށް ކުރިއެރުން ގެންނަން ކުރާ މަސައްކަތުގައި މުހިންމު އެއްޗެއްކަން ފާހަގަކޮށް އުރުބާނީ ބުންޏެވެ.

ފާހަގަކޮށްލަން ޖެހޭ ގޮތުގައި މި ފަހަކާ ޖެހެންދެން ރާއްޖޭގެ ފުޓުބޯޅަ އޮތީ ވަރަށް ދެރަ ހާލަތެއްގައެވެ. އެހެންނަމަވެސް އައު ޒައާމަތާއެކު ކުރެވޭ ކާމިޔާބު މަސައްކަތްތަކާއެކު، ފުޓުބޯޅައަށް ދިރުމެއް އައިސް، މުސްތަގްބަލަށްޓަކައި ރަނގަޅު މަސައްކަތްތަކެއް ކުރެވެމުންދާކަން ނޫސްވެރިންގެ ބައްދަލުވުމުގައި ކޯޗު އުރުބާނީ ފާހަގަކުރިއެވެ.

ފުރަތަމަ ފަހަރަށް ރާއްޖޭގައި އުމުރުފުރައިގެ ބައިނަލްއަގްވާމީ ފުޓުބޯޅަ މުބާރާތެއް ބާއްވާއިރު، ރާއްޖެ ޓީމު އޮތީ މުބާރާތް ކާމިޔާބުކުރުމުގެ ވަރަށް ބޮޑު އުއްމީދަކާއެކުއެވެ.

މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ކުރެވުނު މަސައްކަތްތަކާމެދު އޮތް އިތުބާރާއި، އަމިއްލަ ފަސްގަނޑުގައި މުބާރާތް އޮތުމުން ލިބޭ ހިތްހަމަޖެހުމާއި ފައިދާ އަކީ މި މުބާރާތުގެ ތަށި މި ފަސްގަނޑުގައި ބޭއްވުމަށް ލިބޭ އެންމެ ބޮޑު އެއް ހިތްވަރެވެ.