ޒުވާން ޤައުމީ ޓީމު ގޮވައިގެން މިއަހަރު ރާއްޖެ މިއައީ ކުޅުންތެރިން ކުރިއަރާފައިވާ މިންވަރު ޔަގީންކޮށްދޭން ކަމަށާއި، މިހާރު މިއޮތީ ކުރިޔަށްވުރެ އެތައްގޮތަކުން ކުރިއަރާފައިވާ ޓީމެއް ކަމަށް ބޫޓާނުގެ 20 އަހަރުން ދަށުގެ ޤައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު ބުނެފިއެވެ.
ބޫޓާން ކޯޗު ބުނީ ފާއިތުވި ދުވަސްތަކުގައި ޓީމަށް އިރުޝާދުދެމުން އައީ ބިދޭސީ ކޯޗުން ކަމަށާއި އެހެންކަމުން ކުރިއާ އަޅާ ކިޔާއިރު މި އުމުރުފުރާގެ ޓީމުގެ ފެންވަރު ވަރަށް ބޮޑު ތަނުން މަތިވެއްޖެ ކަމަށެވެ.
"މިހާރު އަހަރުމެން ބޮޑަށް ފޯކަސް މިކުރަނީ ޔޫތަށް. އެހެންވީމަ އަހަރުމެންގެ މިއޮތީ ކުރިއަށްވުރެ ރަނގަޅު ޓީމެއް" ކޯޗު ބުންޏެވެ.
މިދިޔަ އަހަރު ބޭއްވި 19 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރި ގިނަ ކުޅުންތެރިން ހިމެނޭހެން ޤައުމުތަކުން ޓީމުތައް އެކުލަވާލާފައިވާއިރު، ބޫޓާނުން ދެކޭ ގޮތުން ރާއްޖެއާއި ލަންކާގެ މި އުމުރުފުރާގެ ޓީމުތަކުގެ ފެންވަރު ކުރިޔަށްވުރެ މަތިވެއްޖެ ކަމަށްވެސް ބޫޓާނު ޓީމުގެ ކޯޗު ބުންޏެވެ.
20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް ފެށުމުގެ ކުރިން ގަލޮޅު ދަނޑުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީއެސްއެމް ނިއުސްއިން ކުރި ސުވާލަކަށް ޖަވާބުދެމުން ބޫޓާން ޓީމުގެ ކޯޗު ބުނީ، އެއްވެސް މެޗަކީ ފަސޭހަ މެޗަކަށް ވާނެ ކަމަށް ނުބަލާ ބޫޓާނުން މަސައްކަތް ކުރާނީ ކޮންމެ މެޗަކުންވެސް މޮޅެއް ހޯދުމަށްކަމަށެވެ.
މި މުބާރާތުގައި ބޫޓާން ހިމެނެނީ ދިވެހިރާއްޖެ، ސްރީލަންކާ އަދި ނޭޕާލާއެކު ގުރޫޕް އޭގައެވެ. ބޫޓާންގެ ކޯޗު ބުނީ ރާއްޖެއާއި ނޭޕާލަކީވެސް ވަރުގަދަ ޓީމުތަކެއް ކަަމަށެވެ. އެހެންކަމުން މި މުބާރާތުގައި ނޭޕާލުން ނެރޭ ޓީމުގައި ހިމެނެނީ މިދިޔަ އަހަރު ބޭއްވި 19 އަހަރުން ދަށުގެ ސާފް މުބާރާތުގައި ކުޅުނު ކުޅުންތެރިންނަށްވުރެ ތަޖުރިބާ ގިނަ ކުޅުންތެރިންތަކެއް ކަމަށް އޭނާ ފާހަގަކުރިއެވެ.
އެހެން ޓީމުތަކާއި އެއްގޮތަށް ބޫޓާނުންވެސް އޮތީ މުބާރާތަށް ވަރަށް ރަނގަޅަށް ތައްޔާރުވެފައިކަމަށް ކޯޗު ފާހަގަކުރިއިރު، ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވި ޓީމުގެ ކެޕްޓަން ބުނީ ފުރަތަމަ މެޗު އުނދަގޫވާނެ ކަމަށް ލަފާކުރެވޭ ކަމަށާއި، އެހެންނަމަވެސް ޓީމުގެ މޯޓިވޭޝަނަކީ މޮޅުވުން ކަމަށެވެ.
މި މުބާރާތުގައި ބޫޓާން ކުޅޭ ފުރަތަމަ މެޗުގައި މިއަދު ހަވީރު ނިކުންނާނީ ނޭޕާލާއި ދެކޮޅަށެވެ. ދެވަނަ މެޗުގައި ދެ ދުވަސްފަހުން ނިކުންނާނީ ރާއްޖެއާއި ދެކޮޅަށެވެ. ގުރޫޕް ސްޓޭޖުގެ ފަހު މެޗުގައި ނިކުންނާނީ ސްރީލަންކާއާއި ދެކޮޅަށެވެ. އެ މެޗު އޮންނާނީ 27 މާޗްގައެވެ.
މިދިޔަ އަހަރު ބޭއްވި 19 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގައި ބޫޓާނުން ވަނީ ރާއްޖެ އާއި ދެކޮޅަށް އިންޑިއާގެ ގޯލްޑަން ޖުބިލީ ސްޓޭޑިއަމްގައި ކުޅެ ކާމިޔާބު ހޯދާފައެވެ. އެ ފަހަރު ރާއްޖެ އޮތީ ބޫޓާން އަދި ބަންގްލްދޭޝް އާއި އެކު ގުރޫޕް ބީގައެވެ.
އަދި އޮގަސްޓް 2024 ގައި ބޭއްވި ސާފްގެ 20 އަހަރުން ދަށުގެ މުބާރާތުގައިވެސް، ބޫޓާނުން ވަނީ ރާއްޖޭގެ ކުރި ހޯދާފައެވެ. އެހެންނަމަވެސް 19 އަހަރުން ދަށުގެ އުމުރުފުރާގެ އެ މުބާރާތުގައި ބޫޓާން އަތުން ބަންގްލަދޭޝް 3-0 އިން މޮޅުވުމާ އެކު، މުބާރާތުގެ ސެމީ ފައިނަލުގެ ފުރުސަތު ބޫޓާނަށް ގެއްލި ސެމީގެ ޖާގަ ލިބުނީ ރާއްޖެއަށެވެ.