20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗުގައި ބޫޓާނުން ނެރޭނީ ތަފާތު ސްކޮޑެއް ކަމަށާއި، ބޭނުންކުރާނީވެސް ތަފާތު އުކުޅުތަކެއްކަމަށް ބޫޓާނުގެ ކޯޗު ކަރުމާ ޑެމާ ބުނެފިއެވެ.
ބޫޓާން މުބާރާތުގެ ދެވަނަ މެޗުގައި މާދަމާ ރޭ ދިވެހިރާއްޖެއާ ދެކޮޅަށް ނިކުންނައިރު ފުރަތަމަ މެޗުގައި ހެދުނު ގޯސްތައް ކުޑަކުރަން ވަރަށް ބޮޑަށް މަސައްކަތްކުރާނެ ކަމަށްވެސް ކޯޗު ބުންޏެވެ.
20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރާ ބޫޓާން ޓީމުގެ ކުޅުންތެރިންނަށް ރާއްޖޭގެ މާހައުލާއި މޫސުމުގެ އުނދަގޫކަން ފުރަތަމަ ބޭއްވި ފަރިތަކުރުމުގައި ފާހަގަކުރެވުނު ކަމަށް ބޫޓާންގެ ޤައުމީ ފުޓުބޯޅަ ޓީމުގެ ކޯޗު ބުންޏެވެ.
ބޫޓާނުގެ ކޯޗު ބުނީ މޫސުމަށް ހޭނުމަށް އުނދަގޫވިކަން ފުރަތަމަ މެޗުން ފެނިގެން ދިޔަކަމަށާއި، އެހެންނަމަވެސް ކޯޗެއްގެ ހައިސިއްޔަތުން އެއްވެސް ކޯޗަކު ޓީމަށް އުނދަގޫކަން ވިސްނައިދީގެން ކުރިޔަށްދާން ނުނިންމާނެ ކަމަށެވެ. އެހެންކަމުން މާހައުލުގެ ހާލަތަށް ނުވިސްނާ، ބަލާނީ ކޮންމެ ހާލަތެއްގައިވެސް ކުޅުވަން ކަމަށް ޑެމާ ބުންޏެވެ.
"އެކަންކަމަށް ވިސްނައިގެން ކުޅުމަށްވުރެ ހުރިހާ ހާލަތަކާއިވެސް ޓީމު ކުރިމަތިލާން ޖެހޭނެ. ކުޅުންތެރިންނަށް އުނދަގޫވި. އެކަމަކު ކޯޗެއްގެ ހައިސިއްޔަތުން އަހަރެން ބުނާނީ ކުޅުންތެރިން މެޓިވޭޓް ކުރަން ޖެހޭނެއޭ" ކޯޗު ބުންޏެވެ.
2026 ވަނަ އަހަރު އޮންނަ މުބާރާތަކަށް މި ޓީމު ކޮލިވެފައިވާކަން ފާހަގަކުރަމުން ބޫޓާން ކޯޗު ބުނީ ރާއްޖޭގައި މިކުޅޭ 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕަކީ އެމީހުންނަށް އެންމެ މުހިންމު މުބާރާތް ނޫން ކަމަށާއި، މި މުބާރާތުގެ ފޯކަސް ހުރީ އޭއެފްސީ މުބާރާތަށް ކަމަށެވެ.
"2026 ވަނަ އަހަރުގެ އަހަރުންމެންނަށް ސާފް އެކަންޏެއް ނޫން އެންމެ މުހިންމީ. މިހާރު އަމާޒު މިހުރީ އޭއެފްސީއަށް" ކޯޗު ބުންޏެވެ.
ސާފް ޗެންޕިއަންޝިޕްގެ ފުރަތަމަ މެޗުގައި ބޫޓާން ނިކުތީ ނޭޕާލާއި ދެކޮޅަށެވެ. އެ މެޗުން 2-1 އިން ނޭޕާލް އަތުން ބަލިވިނަމަވެސް ކުޅުންތެރިން ދެއްކި ހިތްވަރާމެދު އުފާވާކަމަށް ކޯޗު ބުންޏެވެ.
ބޫޓާނާއި ދެކޮޅަށް ކުޅުނު މެޗުގައި ނޭޕާލްއިން ގިނަ އެޓޭކްތަކެއް ތަނަވަސްކުރަމުންދިޔައިރު މެޗުގެ ފުރަތަމަ ލަނޑު ފެނިގެންދިޔައީ މެޗުގެ 5 ވަނަ މިނެޓުގައި ބޫޓާން ކުޅުންތެރިންނަށް ހެދުނު ގޯހެއްގެ ފައިދާނަގައިގެންނެވެ. މި ލަނޑަކީ ބޫޓާން ޕެނަލްޓީ އޭރިއާތެރެއިން އެޓީމުގެ ކުޅުންތެރިން ފަހަތަށް ޖައްސާލުމުން ކީޕަރު އަތައްނެގުމާއެކު ލިބުނު ނުސީދާ ޖެހުމުން ކާމިޔާބުކުރި ލަނޑެކެވެ.
ނޭޕާލްގެ ދެވަނަ ލަނޑު މެޗުގެ ދެވަނަ ހާފްގެ 6 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ސުބާޝް ބަމްއެވެ. ސުބާޝް މިލަނޑު ކާމިޔާބުކޮށްދިނީ ޕެނަލްޓީއޭރިއާގެ ކަނާ ދިމާލުން ބޭރުން ލިބުނު ބޯޅައެއް ކީޕަރުގެ ނިއުޕޯސްޓް މަތީކަނަށް ބޯޅަ ވައްދާލައިގެން ކާމިޔާބުކޮށްދިން ލަނޑެކެވެ.
މެޗުގައި ބޫޓާންގެ ހަމައެކަނި ލަނޑު ދެވަނަ ހާފްގައި ބޫޓާނުން ތަނަވަސްކުރި ފުރަތަމަ ފުރުސަތުގެ ބޭނުންހިފާ ކާމިޔާބުކޮށްދިނީ ދެންޑުޕް ގިޔެލްޝެންއެވެ. މިއީ އެޓީމުގެ ކުޅުންތެރިން ވަރަށް ރީތިކޮށް ޕާހަކުން ނޭޕާލްގެ ޑިފެންސް ފޫއާޅުވާލާފައި ކާމިޔާބުކުރި ލަނޑެކެވެ.