ތަރައްްޤީ

ބްރިޖުގެ ފުރަތަމަ ތަނބަށް ބޭނުންވާ ކޮންކްރީޓް ޕައިލްކޮށް ނިމިއްޖެ


ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖްގެ ކޮންކްރީޓް މަސައްކަތްތައް ފަށައި، ފުރަތަމަ ތަނބަށް ބޭނުންވާ ކޮންކްރީޓް ޕައިލްކޮށް ނިމިއްޖެއެވެ.

ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މަޢިއްޒު ވިދާޅުވީ، މާލެއާއި ހުޅުލެއާއި ދެމެދު އަޅާ ބްރިޖްގެ ޕްލެޓްފޯރމް ހެދުމަށް ބޭނުންވާ ތަނބުތަކުގެ ކޮންކްރީޓް ޕައިލްކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާކަމަށާއި، ފުރަތަމަ ތަނބަށް ބޭނުންވާ ކޮންކްރިޓް ޕައިލްކުރުމުގެ މަސައްކަތް ރޭ ނިންމާލާފައިވާކަމަށެވެ. އަދި ބާކީ ހުރި ތަނބުތަކުގެ ކޮންކްރީޓް ޕައިލް ކުރުމުގެ މަސައްކަތް އެކި ދުވަސްތައް މަތިން ބަހާލައިގެން ކުރިއަށްދާނެކަމަށެވެ. އަދި ކަނޑައަޅުއްވާފައިވާ ޓައިމްލައިނާ އެއްގޮތަށް ބްރިޖްގެ ހުރިހާ މަސައްކަތްތަކެއްވެސް ވަރަށް ބާރު ދުވެލީގައި ކުރިއަށްދާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

img:http://s2.psmnews.mv/images/660x400/14748132015097.jpg|ބްރިޖުގެ ތަނބަށް ބޭނުންވާ ކޮންކްރީޓް ޕައިލް ހެދުމުގެ މަސައްކަތް ކުރިއަށްދަނީ- ފޮޓޯ: ހައުސިން މިނިސްޓްރީ

ދިގު މިނުގައި 1.39 ކިލޯމީޓަރު އަދި ފުޅާ މިނުގައި 20.3 މީޓަރު ހުންނަ މި ބްރިޖްގެ މެއިން ޕްލެޓްފޯރމް ހެދުމަށް، މައި 5 ތަނބު ހަދާއިރު، މި ތަނބުތަކުގައި  ޖުމްލަ 36 ޕައިލް ހިމެނޭނެއެވެ.

މީގެ ތެރެއިން މިހާތަނަށް ޖަހާފައިވަނީ 6 ޕައިލްއެވެ. އަދި ޑިސެމްބަރު މަހުގެ ނިޔަލަށް 24 ޕައިލް ޖަހާ ނިމޭނެ ކަމަށް ހައުސިން މިނިސްޓްރީން މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.

img:http://s4.psmnews.mv/images/660x400/14740294284072.jpg|ބްރިޖުގެ މަސައްކަތް ކުރިއަށްދަނީ - ފޮޓޯ: ހައުސިންގ މިނިސްޓްރީ

ތަނބުތަކުގެ ކޮންކްރީޓް ޕައިލްކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާއިރު، ބްރިޖްގެ ހުޅުލެއާވީ ކޮޅުގައި ޖަހާ ރިވެޓްމަންޓަށް ބޭނުންވާ، ބިޔަ ކޮންކްރީޓް ބްލޮކްތައް ހެދުމުގެ މަސައްކަތްވެސް މިމަހުގެ ތެރޭގައި ފެށޭނެކަމަށް ހައުސިން މިނިސްޓަރީން ވަނީ ވިދާޅުވެފައެވެ. އެގޮތުން ހުޅުލެއާވީ ކޮޅުގައި ރިވެޓަމަންޓް ޖެހުމަށް ބޭނުންވާ އެކްރޮޕޮޑްސް ހެދުމަށް، ހުޅުލޭ ކޮޅުން ބިމެއް ހަމަޖެހި، މިމަހުގެ ތެރޭގައި އެ މަސައްކަތް ފެށުމަށް، ބްރިޖްގެ ކޮންޓްރެކްޓަރ ޗައިނާގެ ސީ.ސީ.ސީ.ސީ ސެކަންޑް ހާބަރ ކުންފުނިން އަންނަނީ ތައްޔާރުވަމުންނެވެ. ގާތްގަނޑަކަށް 210 މިލިއަން ޑޮލަރު ޚަރަދުކޮށްގެން ހަދާ މި ބްރިޖްގެ މަސައްކަތް އެއްކޮށް ނިންމާލުމަށް ކަނޑައަޅާފައިވާ ތާރީޚަކީ 2018 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށެވެ. ނަމަވެސް ސަރުކާރުގެ މިހާރުގެ އަމާޒަކީ 2018 ވަނަ އަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް ބްރިޖުގެ އަމަލީ މަސައްކަތް އެއްކޮށް ނިންމާ، އެތަން އާއްމުކޮށް ހުޅުވާލުމެވެ.