އެމެރިކާގެ ސައުތު ފްލޮރިޑާގައި މިހާރު ކުރިއަށްދާ މަޔާމީ އޯޕަން ޓެނިސް މުބާރާތުގެ ކުއާޓަރ ފައިނަލުގެ ޖާގައެއް އެރީނާ ސަބަލެންކާ ހޯދައިފި އެވެ.
ދުނިޔޭގެ އެއްވަނަ އަންހެން ޓެނިސް ކުޅުންތެރިޔާގެ ގޮތުގައި މިވަގުތު ހުރި ބެލަރޫސްގެ އެރީނާ ސަބަލެންކާ މި މުބާރާތުގެ ކުއާޓަރ ފައިނަލުގެ ޖާގައެއް ހޯދާފައިވަނީ ޗައިނާގެ ކިންވެންގް ޒެންގް އާއި ދެކޮޅަށް ކުޅުނު މެޗު ސީދާ ދެ ސެޓުން ކާމިޔާބުކޮށްގެންނެވެ.
އެންމެ ފަހުގެ އޮލިމްޕިކްސްގެ ޓެނިސް އިވެންޓުން ރަން މެޑަލް ހޯދާފައިވާ ޒެންގް އާއި ދެކޮޅަށް ކުޅުނު މި މެޗުގެ ސެޓުތައް ސަބަލެންކާ ގެންގޮސްފައިވަނީ ހައެއް ތިނެއް އަދި ހައެއް ހަތަރެއްގެ ނަތީޖާއަކުންނެވެ. މި މެޗުން ސަބަލެންކާ މޮޅުވެފައިވާއިރު އޭނާ ވަނީ ޒެންގް އާއި ދެކޮޅަށް ކުޅޫނު ނުވަ މެޗުގެ ތެރެއިން އަށް މެޗުން މޮޅުވެފަ އެވެ.
މި މުބާރާތުގެ ކުއާޓަރ ފައިނަލުގައި ސަބަލެންކާ އާއި ދެކޮޅަށް ނިކުންނާނީ އެމެރިކާގެ ހެއިލޭ ބަޕްޓިސްޓެ އެވެ.
މަޔާމީ އޯޕަންގެ އަންހެން އިވެންޓުގައި އިއްޔެ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު, 13 ވަނަ އަށް ސީޑުކޮށްފައިވާ ކެރޮލޯނާ މުޗޯވާ ވަނީ ފިލިޕީންސްގެ އެލެކްޒެންޑްރާ އިޔާލާ އާއި ދެކޮޅަށް ކުޅުނު މެޗު ވަރަށް ފަސޭހަ ކަމާއެކު ހައެއް ސުމެއް އަދި ހައެއް ދޭއްގެ ނަތީޖާއަކުން މޮޅުވެ ކުއާޓަރ ފައިނަލުގެ ޖާގައެއް ހޯދާފަ އެވެ.