މޯލްޑިވްސް ކޮލިފިކޭޝަން އިންފޮމޭޝަން ސިސްޓަމް ޤާއިމުކުރެއްވުމަށްޓަކައި މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއާއި އެންސީއައިޓީއާއެކު ފަހުމު ނާމާއެއްގައި ސޮއިކުރައްވައިފިއެވެ. މިއީ، ވޯލްޑް ބޭންކްގެ އެހީގެ ދަށުން ހިންގަވާ ޕްރޮޖެކްޓެއްކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ވިދާޅުވެއެވެ.
މޯލްޑިވްސް ކޮލިފިކޭޝަން އިންފޮމޭޝަން ސިސްޓަމް ޤާއިމްކުރެވުމުން، ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒުތަކަށް، އޮންލައިން ޕޯޓަލް މެދުވެރިކޮށް ސީދާ އެމް.ކިއު.އޭއާ ދެމެދު މަޢުލޫމާތު ޙިއްޞާ ކުރެވިގެންދާނެކަމަށް އެމް.ކިއު.އޭއިން މަޢުލޫމާތުދެއެވެ އަދި މި ޕޯޓަލް މެދުވެރިކޮށް ކޯސްތައް ހިންގުމުގެ ހުއްދަ ހޯދުމާއި އެމް.ކިޔޫ.އޭއިން ހޯދަންޖެހޭ ލިޔެކިޔުންތަކާއި ޚިދުމަތްތައް ހޯއްދެވުމުގައި ފަސޭހަތަކެއް ވެގެންދާނެކަމަށް އެ އޮތޯރިޓީން ވިދާޅުވެއެވެ. އަދި ރާއްޖެއިން ބޭރުން މަތީ ތަޢުލީމްދޭ މަރުކަޒުތަކުން ހިންގާ ކޯސްތަކުގައި ބައިވެރިވުމުގެ ކުރިން "އިންސްޓިޓިއުޓް އެންޑް ޕްރޮގްރާމް ރިކޮގްނިޝަން" ލިޔުން ހޯދުމަށްޓަކައި މޯލްޑިވްސް ކޮލިފިކޭޝަން އިންފޮމޭޝަން ސިސްޓަމްގެ އޮންލައިން ޕޯޓަލް މެދުވެރިކޮށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއަށް ހުށަހެޅޭނެކަމަށް އެ އޮތޯރިޓީން ވިދާޅުވެއެވެ.
ފިޝަރީޒް މިނިސްޓްރީގައި ކުރިޔަށްގެންދިޔަ މިރަސްމިޔާތުގައި ވާހަކަދައްކަވަމުން އެޑިޔުކޭޝަން މިނިސްޓަރ ޑރ އާއިޝަތު ޝިހާމް ވިދާޅުވީ މަތީތަޢުލީމް ކިޔަވައިދޭ މަރުކަޒުތަކުގައި ކިޔަވާވިދާޅުވާ ބޭފުޅުންގެ ސެޓްފިކެޓްތައް އެކްރިޓްކުރުމަށް ހާޒިރުވާން ނުޖެހޭނެކަމަށާއި، މިކަން އޮލައިން ސިސްޓަމްގެ ތެރެއިން ފަހިވެގެންދާނެކަމަށެވެ.އެންސީއައިޓީގެ ފަރާތުން ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު އަޝްމަލީ ވިދާޅުވީ ރާއްޖެއިން ބޭރުން ކިޔަވާ ދަރިވަރުން ކިޔަވަމުންދާ ކޯސްތައް އެކްރިޑިޓްކުރުމަށްޓަކައި އޮންލައިންކޮށް ހުށަހެޅުމުގެ ފުރުޞަތުލިބިގެންދާނެކަމަށާއި، އަދި ހުށައަޅާ ކަމެއްގެ މަސައްކަތް ގޮސްފައިވާ ހިސާބެއް ބެލުމުގެ ފުރުޞަތު ލިބިގެންދާނެކަމަށެވެ.މޯލްޑިވްސް ކޮލިފިކޭޝަން ސިސްޓަމެއް ޤާއިމުކުރެއްވުމަށްޓަކައި އެމް.ކިއުއޭގެ ފަރާތުން ސޮއިކުރެއްވީ އެޑިޔުކޭޝަން މިނިސްޓަރ އާއިޝަތު ޝިހާމްއެވެ. އެން.ސީ.އައިޓީ ގެ ފަރާތުން ސޮއިކުރެއްވީ ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު އަޝްމަލީއެވެ.