ސާފް ޗެމްޕިއަންޝިޕުގައި މިރޭ ދިވެހިރާއްޖެ އާއި ބޫޓާން ބައްދަލުކުރާ މެޗުގައި ރާއްޖެއަށް ވިއްކުމަށް ކަނޑައަޅާފައިވާ ޓިކެޓުތައް ވިކި ހުސްވެފައިވާކަމަށް ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބުނެފިއެވެ.
މިރޭގެ މެޗަށް ރާއްޖެ ޓީމަށް ވިއްކުމަށް ކަނޑައަޅާފައި ވަނީ 700 އެއްހައި ޓިކެޓު ކަމަށް އެފްއޭއެމް އިން މައުލޫމާތުދެއެވެ.
މިރޭ ދިވެހިރާއްޖޭގެ އުއްމީދީ ޒުވާން ޓީމުން ނިކުންނާނީ ގުރޫޕް ސްޓޭޖުގެ ދެވަނަ މެޗުގައި 20:45 ގައެވެ. ޓިކެޓްތައް ވިކި ހުސްވެފައިވާ މި މެޗުގައި ރަތް ކުލައިން ދަނޑު ފުރާލުމަށް ސަޕޯޓަރުން އަންނަނީ ތައްޔާރުވަމުން
ނެވެ.
ދިވެހި ސަޕޯޓަރުންގެ ފޯރި އިތުރުކުރުމަށް ގަލޮޅު ދަނޑުގެ ޓިކެޓް ކައުންޓަރު ސަރަހައްދުގައި ހާއްސަ ޖޯޒީތަކެއް ވެސް ވިއްކަމުން އެބަދެއެވެ.
ގަލޮޅު ދަނޑު ސަރަހައްދުގައި ހަރަކާތްތެރިވާ ބައެއް ސަޕޯޓަރުން މައުލޫމާތުދޭ ގޮތުގައި މިރޭ ފޯރިގަދަ ކުރުމަށް ބެރު ދުންމާރީގެ އަޑުން ގަލޮޅު ދަނޑު ގުގުމާލާނެއެވެ.
ރާއްޖެ ކުޅުނު ފުރަތަމަ މެޗުގަައިވެސް ގިނަ އަދަދެއްގެ ސަޕޯޓަރުން ދަނޑަށް ވަދެފައިވާއިރު 2300 ޓިކެޓު ވިކުނު ކަމަށް ފުޓުބޯޅަ އިދާރާއިން ބުންޏެވެ.
މިރޭ ރާއްޖޭގެ ޓީމު ބޫޓާނާ ދެކޮޅަށް ނިކުންނަ މެޗަށް ގައުމީ ޓީމުގެ ގޭމް ޕްލޭން ބަދަލުކޮށް ފުރަތަމަ މެޗުގައި ހެދުނު ގޯސްތައް ރަނގަޅުކުރާނެ ކަމަށް ގައުމީ ޓީމުގެ ކޯޗު އިސްޓަވާން އުރުބާނީ ވަނީ ބުނެފައެވެ.
އަދި ސަޕޯޓަރުންގެ ފޯރި މެދުކަނޑާނުލާ ގައުމީ ޓީމަށް ތަރުހީބު ދިނުމަށް ކޯޗުވަނީ ސަޕޯޓަރުންގެ ކިބައިން އެދިފަ
އެވެ. މުބާރާތުގައި ފުރަތަމަ ކުޅުނު މެޗުން ސްރީލަންކާ އަތުން ރާއްޖެ ވަނީ 2-3 ން ބަލިވެފައެވެ.
އެހެންނަމަވެސް އައު ހިތްވަރަކާއެކު މިރޭ މެޗަށް ނިކުންނަ ޒުވާން ޓީމަށް ހިތްވަރު ދިނުމަށް ދަނޑުގައި ކުޅިބަލާ މީހުންގެ ފޯރިއިތުރު ކުރުމަށް ފުޓްބޯޅައަށް ލޯބިކުރާ ބައެއް ފަރާތްތަކުން އިސްނަގައިން އަންނަނީ ހާއްސަ ހަރަކާތްތަކެއް ރާވަމުންނެވެ.
އެގޮތުން ބެރު ދުންމާރިއާ ތާޅަފިލި ފަދަ އާލަތްތަކާއެކު މިރޭ ޓީމު މޮޅުކޮށްދިނުމަށް މުހިންމު ދައުރެއް، ޖޯޝާއި ފޯރީގައި ތިބި ސަޕޯޓަރުން ކުރިޔަށް ގެންދާނެ ކަމަށް ދަނޑު ސަރަހައްދުން ވާހަކަ ދައްކާލި ބައެއް މީހުން ވަނީ ބުނެފައެވެ.
ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނެނީ ގުރޫޕް އޭގައި ސްރީލަންކާ، ނޭޕާލް އަދި ބޫޓާނާ އެކުގައެވެ.
ރާއްޖެއިން ބޫޓާނާއި ދެކޮޅަށް ކުޅުމަށްފަހު ގުރޫޕް ސްޓޭޖުގެ ފަހު މެޗުގައި 27 ވަނަ ދުވަހު ހަވީރު ނިކުންނާނީ ނޭޕާލާ ދެކޮޅަށެވެ.
ވަރުގަދަ ޓީމުތަކެއް ފެނިގެންދާ މި މުބާރާތަކީ ރާއްޖެގެ ޒުވާން ކުޅުންތެރިންނަށް ބައިނަލްއަގްވާމީ މެޗު ތަޖުރިބާ ހޯދަން ލިބޭ ބޮޑު ފުރުސަތެކެވެ. މިވަގުތު ޓީމަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ މެޗު ތަޖުރިބާ މަދުވުމާއި ބައިނަލްއަގްވާމީ މެޗުތައް ކުޅެން ލިބޭ ފުރުސަތުތައް މަދުވުން ކަމަށް ގައުމީ ކޯޗު އަދި ފުޓުބޯޅަ އެނަލިސްޓުންވެސް ފާހަގަކުރެއެވެ.