މެޗެއްގައި ކިތަންމެ ރަނގަޅަށް ޓީމަކުން ކުޅުނު ނަމަވެސް، އެ މެޗެއްގެ ނަތީޖާއިން ޓީމު މޮޅު ނުވެދާނެ ކަމަށް ޕާކިސްތާނުގެ އެސިސްޓަންޓް ކޯޗު ޝައިޚް ހަމްދާން އަބްދުލް ހަކީމް ބުނެފިއެވެ.
20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި އިންޑިއާ އަތުން 0-3 އިން ބަލިވި މެޗަށްފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ކޯޗު ބުނީ، މެޗުގައި ޓީމުގެ ކުޅުންތެރިން ދެއްކި މޮޅު ކުޅުމާއި މެޗުގެ ނަތީޖާ ދިމާ ނުވާ ކަމަށެވެ.
"ފުޓުބޯޅަ މިއީ ވަރަށް މަޖާ ކުޅިވަރެއް. ބަންގްލަދޭޝްއާ ދެކޮޅަށް ކުޅުނު މެޗުގައި އަހަރުމެންގެ ކުޅުން މޮޅެއް ނޫން. ބައިކޮޅަށް ފަސް ، ހަ ލަނޑު ވެސް ވަނިސް. ދެން އެވަރު ނުވަނީ. 0-2 އިން ބަލިވީ. އެކަމަކު އިންޑިއާ މެޗުގައި އިންސާފުވެރި ނަޒަރަކުން ބަލަންޏާ މިއީ ވަރަށް ހަމަހަމަ މެޗެއް. އަހަރުމެންނަށް ވެސް، އެ މީހުންނަށް ވެސް ފުރުސަތުތަކެއް ލިބުނު. ނަތީޖާއިން އެކަން ނުފެނުނު ނަމަވެސް. އަހަރުމެންނަށް ގޯސްތަކެއް ހެދުނު. ލަނޑުޖަހާނެ ފުރުސަތުވެސް ލިބުނު. ނުޖެހުނު ނަމަވެސް. އެހެންވީމަ މި ނަތީޖާ ގަބޫލުކުރަން. އެހެންވީމަ މިއީ ވަރަށް ގިނަ ކަންތައްތަކެއް ދަސްވި ތަޖުރިބާއެއް". ޕާކިސްތާނުގެ އެސިސްޓަންޓް ކޯޗު ހަމްދާން ބުންޏެވެ.
މެޗުގައި އެންމެ ބޮޑު އުނދަގުލަކަށް ދިމާވީ، ރާއްޖޭގެ ގަދަ ހޫނާއި ވައިގެ ތެތްކަން އެއީ އެންމެ ބޮޑު އޭނާ ބުންޏެވެ. މީގެއިތުރުން އިންޑިއާ ޓީމަށް ސަޕޯޓުކުރުމަށް ގިނަބަޔަކު އައިސް އެ ޓީމަށް ދިން ހިތްވަރާއެކުވެސް ވަރަށް ބޮޑަށް ޕްރެޝަރު އިހުސާސްކުރެވުނުކަމަށް ކޯޗު ހަމްދާން ބުންޏެވެ. މީގެއިތުރުން، ގިނަ ކުޅުންތެރިންނަކީ ބައިނަލްއަގްވާމީ ތަޖުރިބާއެއް ވެސް ނެތް ކުޅުންތެރިންނަށް ވުން އެއީ ދިމާވި ދައްޗެއްގެ ގޮތުގައި އޭނާ ފާހަގަކުރިއެވެ.
ހޫނުގަދަވުމާއި، ތަޖުރިބާ ނުލިބުން އަދި އިންޑިއާގެ ސަޕޯޓަރުންގެ ފަރާތުން އައި ޕްރަޝަރުގެ ސަބަބުން ޕާކިސްތާނަށް ނާކާމިޔާބީއާ ކުރިމަތިވީކަމަށް އެ ޓީމުގެ އެސިސްޓަންޓް ކޯޗު ބުނިއިރު، ފުރަތަމަ މެޗުގައި ބަންގްލަދޭޝް އަތުން ވެސް ޕާކިސްތާން ވަނީ ބަލިވެފައެވެ.
އެ މެޗުން ޕާކިސްތާން ބަލިވީ 0-2 ގެ ނަތީޖާއަކުންނެވެ.
ޕާކިސްތާން ކަޓުވާލުމަށްފަހު އިންޑިއާގެ އިތުރުން ބަންގްލަދޭޝްއިން ވަނީ މި މުބާރާތުގެ ސެމީގެ ޖާގަތައް ކަށަވަރުކޮށްފައެވެ.