ޚަބަރު

ގަސް އިންދާ، އާލާކުރުމަށް ފުވައްމުލަކުގައި ނާސަރީއެއް


  • ނާސަރީ ހުޅުވަނީ 5 މިލިޔަން ގަސް އިންދުމުގެ ޕްރޮގްރާމުގެ ދަށުން

  • މިތަން ހިންގާނީ ފުވައްމުލައް ސިޓީ ކައުންސިލާއި ތިމާވެއްޓާބެހޭ ވުޒާރާ ގުޅިގެން

ސަރުކާރުން ކުރިއަށް ގެންދާ ފަސް މިލިޔަން ގަސް އިންދުމުގެ ޕްރޮގްރާމުގެ ދަށުން ފުވައްމުލައް ސިޓީގައި ނާސަރީއެއް ހިންގުމަށް ފުވައްމުލައް ސިޓީ ކައުންސިލާއި ފަތުރުވެރިކަމާއި ތިމާވެއްޓާބެހޭ ވުޒާރާއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގެ ދަށުން ފުވައްމުލަކުގައި ތިމާވެއްޓާ ރައްޓެހި މާޙައުލެއް ޤާއިމުކުރުމަށް ބޭނުންވާ ގަސްގަހާގެހި އާލާކޮށް ބެލެހެއްޓުމަށް ޤާއިމުކުރާ ނާސަރީ ހިންގާނީ، ތިމާވެއްޓާބެހޭ ވުޒާރާއާއި ފުވައްމުލައް ސިޓީ ކައުންސިލް ގުޅިގެންނެވެ. ފަސް މިލިޔަން ގަސް އިންދުމުގެ ޕްރޮގްރާމް ނިމެންދެން މި ނާސަރީ ކުރިއަށް ގެންދާނެއެވެ.

ޏަވިޔަނި އަތޮޅު ނާސަރީގެ ނަމުގައި ހުޅުވާ މި ނާސަރީގައި ފަސް މިލިޔަން ގަސް މަޝްރޫއުގެ ދަށުން ބޭނުންވާ ގަސް ހައްދައި، އާލާ ކުރާނެއެވެ. އަދި ފުވައްމުލައް އިތުރަށް ފެހި ކުރުމަށްޓަކައި މި ގަސްތައް ބޭނުން ކުރާނެއެވެ.

މި މަސައްކަތަށް ބޭނުންވާ ސާމާނާއި ނާސަރީ އިތުރަށް ތަރައްޤީ ކުރުމަށް ބޭނުންވާ ސާމާނު ތިމާވެއްޓާބެހޭ ވުޒާރާއިން ފޯރުކޮށްދޭނެ ކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.

ފަސް މިލިޔަން ގަސް އިންދުމުގެ ޕްރޮގުރާމަކީ، ރާއްޖެއިން ނެތެމުންދާ ގަސްތައް އަލުން އާލާކުރުމާއި، ފެހިކަން އިތުރުކޮށް މާހައުލީ ނިޒާމު ދެމެހެއްޓުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާން ކުރައްވާފައިވާ ޕްރޮގުރާމެކެވެ. މި ޕްރޮގްރާމް އިފްތިތާޙް ކޮށްފައިވަނީ، މިދިޔަ އަހަރުގެ ތިމާވެށީގެ ދުވަހުގައެވެ. މި ޕްރޮގްރާމްގެ ދަށުން މިހާތަނަށް އެއް މިލިޔަނަށްވުރެ ގިނަ ގަސް އިންދާފައިވެއެވެ. އަދި 55 ރަށުގައި އެކި ބާވަތުގެ ގަސް އިންދަން ގަސް ހަދިޔާކޮށްފައިވާއިރު، ސްކޫލްތަކުގައި ވަނީ ހޭލުންތެރިކަމުގެ ޕްރޮގްރާމްތައް ކުރިއަށް ގެންގޮސްފައެވެ.

މި ޕްރޮގްރާމްގެ ދަށުން އިންދާ ގަސްތަކަށް ފެން ދިނުމާއި، ބެލެހެއްޓުމަށް ހުރި ގޮންޖެހުންތަކަށް ބަލައި ފެން ދިނުމަށް ބޭނުން ކުރާ އިލެކްޓްރިކް ވެހިކަލް ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ތިމާވެއްޓާ ބެހޭ ވަޒީރު ތާރިޤް އިބްރާހީމް ވަނީ ހާމަކުރައްވާފައެވެ.

މި ޕްރޮގްރާމުގެ ދަށުން ތިމާވެއްޓާބެހޭ ވުޒާރާއިން ވަނީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 20 ނާސަރީ ހެދުމަށް ނިންމާފައެވެ.