ބޭނުން ޖެހިއްޖެ ޙާލަތެއްގައި އީރާނަށް ވާގިވެރިވުމަށް ޔަމަނުގެ ޙޫޘީން އަނެއްކާ ވެސް ރަތް ކަނޑަށް ހަމަލާ ދިނުމަށް ތައްޔާރަށް އޮތް ކަމަށް އެ ޖަމާޢަތުން ބުނެފިއެވެ.
އެއްވެސް މަޤުބޫލު ސަބަބެއް ނެތި ފެބްރުއަރީ މަހުގެ 28ވަނަ ދުވަހުން ފެށިގެން ޔަހޫދީންނާއި އެމެރިކާއިން އީރާނަށް ޙަމަލާދީ ކުރަމުންދާ ހަނގުރާމައިގެ ސަބަބުން ދުނިޔެއަށް ވަނީ އިޤްތިޞާދީ ގޮތުން ބޮޑެތި ލޮޅުންތައް އައިސްފައެވެ. އީރާނުން ހުރުމުޒު ކަނޑުއޮޅިން ދަތުރުކުރުމަށް ދަތިކުރުމުގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލާއި ހަކަތައިގެ އަގު ދަނީ އިންތިހާއަށް އުފުލެމުންނެވެ.
އީރާނަށް ތާއީދުކުރާ ލުބުނާނުގެ ޙިޒްބުاللهއާއި ޢިރާޤުގެ ޖަމާޢަތްތަކުން މިހާރު ވަނީ ހަނގުރާމައިގެ ތެރެއަށް ވަދެ އެމެރިކާއާއި ޔަހޫދީންނަށް އަމާޒުކޮށް ޙަމަލާ ދޭން ފަަށައިފައެވެ. ނަމަވެސް ހަނގުރާމައިގެ ތެރެއަށް މިހާ ތަނަށް ޙޫޘީން ވަދެފައެއް ނުވެއެވެ.
ނަމަވެސް ޙޫޘީންގެ ފަރާތުން ވާހަކަ ދެއްކެވި އިސް ބޭފުޅަކު ވިދާޅުވީ އީރާނު ހަނގުރާމައާ ގުޅިގެން ޙޫޘީން ތިބީ އަސްކަރީ ގޮތުން ތައްޔާރީ ޙާލަތުގައި ކަމަށާއި ހަނގުރާމައިގެ ޙޫޘީން ޙާލަތު ގާތުން ބަލަމުންދާ ކަމަށެވެ. އަދި ހަނގުރާމައިގެ ތެރެއަށް ވަންނަންވީ ވަގުތު އައިސް ޖެހުމުން އެ ކަން އެ ޖަމާޢަތަށް ސާފުވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ހަނގުރާމައިގައި އީރާން މިހާތަނަށް ފެންނަނީ ވަރަށް ވަރުގަދަކޮށް ކަމަށާއި، ކޮންމެ ދުވަހަކު ވެސް ދުޝްމަނުން ބަލިކުރަމުންދާ ކަމަށް އޭނާ ވިދާޅުވުއެވެ. ހަނގުރާމައިގައި ވަރުގަދަކޮށް އޮތީ ވެސް އީރާނު ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އެ ޙާލަތު ބަދަލުވާން ފަށައިފި ނަމަ ދެން ކުރިއަށް ދާނެ ގޮތަކާ މެދު ގޮތެެއް ނިންމާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ޙޫޘީން މީގެ ކުރިން ދިޔައީ ފަލަސްޠީނާއެކު ވާ ކަމަށް ބުނެ ރަތް ކަނޑުން ދަތުރުކުރާ ޔަހޫދީންނާއި އެމެރިކާގެ މަސްލަހަތުއޮތް ބޯޓުފަހަރަށް ޙަމަލާ ދެމުންނެވެ. އެ ޙަމަލާތަކުގެ ސަބަބުން ބައިނަލްއަޤްވާމީ ޝިޕިންގ ދާއިރާއަށާއި ވިޔަފާރިއަށް ބޮޑެތި ގެއްލުންތައް ލިބިފައިވެއެވެ. ހުރުމުޒު ކަނޑުއޮޅި ވެސް އެއްބަޔަކަށް ބަންދުވެފައި މި ވާ ދަނޑިވަޅުގައި ރަތް ކަނޑުން ދަތުރުކުރާ އާގުބޯޓު ފަހަރަށް ޙަމަލާ ދޭނަމަ ދުނިޔޭގެ އިޤްތިޞާދު އިތުރަށް ގޯސްވެގެން ދާނެ ކަމަށް ޤަބޫލުކުރެވެއެވެ.
ޙޫޘީންގެ ޙަމަލާތައް އަމާޒުކުރާނެ ކަމަށް ބެލެވެނީ ޔަމަން ކައިރީގައި އޮންނަ ބާބް އަލް-މަންދަބު ކަނޑުއޮޅިއަށެވެ. މިއީ ހުރުމުޒު ކަނޑުއޮޅި ބަންދުވެފައި މި ވާ ޙާލަތުގައި ސުއޭޒް ކެނަލްއާ ދިމާލަށް ދަތުރުކުރާ އުޅަނދުތައް ހުރަސްކުރުމަށް ބޭނުންކުރަމުންދާ ކަނޑުއޮޅިއެކެވެ.