ޔަހޫދީންނާ ގުޅިގެން އެމެރިކާއިން އީރާނާ ދެކޮޅަށް ފަށާފައިވާ ނިރުބަވެރި ހަނގުރާމައިގައި ބައިވެރިކުރުމަށް އިތުރު 10،000 ސިފައިން ފޮނުވަން ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ވިސްނަމުންދާކަން ހާމަވެއްޖެއެވެ.
އެކި މަސްދަރުތަކާ ޙަވަލާދީ އެމެރިކާގެ ބައެއް ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި އެމެރިކާގެ ދިފާޢީ އިދާރާ، ޕެންޓެގަނުގެ ވިސްނުމަކީ، މި ހަނގުރާމާގައި އީރާނަށް އެއްގަމުން އަރައި ޙަމަލާދޭން ޖެހޭ ޙާލަތެއްގައި އެ ފުރުޞަތު ޓްރަމްޕަށް ފަހިކޮށްދިނުމެވެ.
ދިފާޢީ އިދާރާގެ އިސް އޮފިޝަލުންތަކަކާ ޙަވަލާދީ އެމެރިކާގެ ވޯލް ސްޓްރީޓް ޖަރނަލް ނޫހުން ބުނި ގޮތުގައި، ބަރު ހަތިޔާރާއެކު 10،000 ސިފައިން ހިމެނޭ މި ލަޝްކަރު މެދުއިރުމައްޗަށް ފޮނުވަނީ، މިހާރު އެ ސަރަޙައްދަށް ޖަމާކުރަން ނިންމާފައިވާ އެމެރިކާގެ އަސްކަރިއްޔާގެ 82 އެއަރބޯން ޑިވިޜަނާ ބައިވެރިވުމަށެވެ. އެ ޑިވިޜަންގައި މިހާރު ވެސް 7،000 އެއްހާ ސިފައިން ހިމެނެއެވެ.
އީރާނާއެކު "ކާމިޔާބު" މަޝްވަރާތަކެއް ކުރެވެމުންދާ ކަމުގައި ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވި ނަމަވެސް، މެދުއިރުމައްޗަށް އިތުރު ސިފައިން ފޮނުވުމަށް ޓްރަމްޕް ނިންމެވިތާ ދުވަސްތަކެއް ވެއްޖެ ކަމުގައި މަޞްދަރުތަކުން ވަނީ ބުނެފައެވެ.
ފެބުރުވަރީ 28 ގައި އެމެރިކާއާއި ޔަހޫދީ ފައުޖުތަކުން ހަނގުރާމަ ފަށާފައިވާއިރު، އެ ސަރަޙައްދުގައި މިހާރުވެސް އެމެރިކާ ސިފައިންގެ 50,000 މީހުން ހިމެނޭ ލަޝްކަރެއް އެބައޮތެވެ. މާރިޗު 20 ވަނަ ދުވަހު ވެސް އެމެރިކާއިން ވަނީ އަސްކަރީ މަނަވަރު ޔޫއެސްއެސް ބޮކްސަރއާ އެކު އިތުރު ސިފައިން ފޮނުވާފައެވެ. އަމިއްލަ މިނިވަންކަމާއި އިސްތިޤުލާލު ދިފާޢުކުރުމަށްޓަކައި، އީރާނުން ވެސް ދަނީ ޔަހޫދީންގެ މުޙިއްމު ބިނާތަކުގެ އިތުރުން މެދުއިރުމަތީގައި އެމެރިކާ ސިފައިން ތިބޭ މަރުކަޒުތަކަށް ހުއްޓުމެއްނެތި ވަރުގަދަ ޙަމަލާތައް ދެމުންނެވެ.
އެ ޙަމަލާތަކުގައި އެމެރިކާގެ ސިފައިންގެ ގިނަ ބަޔަކު މަރުވެ، އަސްކަރީ މަރުކަޒުތަކަށް ބޮޑެތި ގެއްލުންތައް ލިބެމުންދާއިރު، ޓްރަމްޕްގެ ހަނގުރާމައަށް ތާއީދުކުރާ އެމެރިކާގެ ރައްޔިތުންގެ އަދަދު ދަނީ ދުވަހެއް ދުވަހަކަށް ދަށްވަމުންނެވެ.