ޚަބަރު

ބަލެންދްރަ ޝާހް ނޭޕާލްގެ ބޮޑުވަޒީރުކަމުގެ ހުވައިކުރައްވައިފި


ނޭޕާލްގެ މަޝްހޫރު ރެޕް ލަވަކިޔުންތެރިޔާ، ބަލެންދްރަ ޝާހް، އެ ޤައުމުގެ ބޮޑުވަޒީރުކަމުގެ މަޤާމުގެ ހުވައިކުރައްވައިފިއެވެ. މާރިޗު 5 ގައި ބޭއްވި ޢާންމު އިންތިޚާބުގައި ޝާހްގެ ރާސްތުރިޔާ ސްވަޓަންޓްރާ ޕާޓީން ވަނީ ޤާނޫނުހަދާ މަޖިލީހުގެ 275 ގޮނޑީގެ ތެރެއިން 182 ގޮނޑި ކާމިޔާބުކޮށްފައެވެ. އެއީ، ހުސްވި އަހަރު ނޭޕާލްގެ ސަރުކާރާއި ކޮރަޕްޝަނާ ދެކޮޅަށް އަޑުއުފުލުމަށް ބޭއްވި މުޒާހަރާތަކާ ގުޅިގެން ހިނގި ހަމަނުޖެހުންގަނޑަށް ފަހު ބޭއްވި ފުރަތަމަ އިންތިޚާބެވެ. ޒުވާނުން އިސްވެ ކުރި މުޒާހަރާތައް ހުއްޓުވުމަށް ބާރުގެ ބޭނުން ކުރުމާ ގުޅިގެން ހިނގި ހަމަނުޖެހުންތަކުގައި 76 މީހުން މަރުވިއެވެ.

ކަޓްމަންޑޫގެ މޭޔަރުގެ މަޤާމު ކުރިން ފުރުއްވާފައިވާ އުމުރުން 35 އަހަރުގެ ޝާހަކީ ނޭޕާލުގެ ބޮޑުވަޒީރުކަމުގެ މަޤާމާ ޙަވާލުވެވަޑައިގެންނެވި އެންމެ ޒުވާން ބޭފުޅާއެވެ. އަދި، އެ ޤައުމުގެ މަދޭސީ ދަރިކޮޅުގެ ފުރަތަމަ ބޭފުޅާއެވެ. ނޭޕާލްގެ މަސްރަޙުގެ ދާރިސެއް ކަމުގައިވާ ޕުރަންޖަން އަޗާރިޔާ ވިދާޅުވީ، ޝާހްގެ ސަރުކާރަށް ކުރިމަތިވާނެ އެންމެ ފުރަތަމަ އިމްތިޙާނަކީ، ސަރުކާރުގެ ޚިދުމަތްތައް އިތުރަށް ފުރިހަމަކޮށް، ހިންގުން ހަލުވިކުރުން ކަމުގައެވެ.

މީގެ އިތުރުން، މުޒާހަރާއާއި ހަމަނުޖެހުންގަނޑު ތަޙުޤީޤުކުރި ކޮމިޝަނަކުން އެކުލަވައިލާފައިފާ ތަޙުޤީޤީ ރިޕޯޓުގައިވާ ކަންކަން ތަންފީޒު ކުރެއްވުމަށް ވެސް ޝާހަށް ޖެހިވަޑައިގަންނަވާނެއެވެ. އެ ކޮމިޝަނުން ވަނީ މަރުތަކުގެ ޒިންމާ އުފުލަން ޖެހޭ މީހުންނާ ދެކޮޅަށް ދަޢުވާ އުފުލުމަށް އިރުޝާދުދީފައެވެ. އެ ކަމުގެ ޒިންމާ އަޅުވާފައިވާ ބޭފުޅުންގެ ތެރޭގައި ކުރީގެ ބޮޑުވަޒީރު ކޭޕީ ޝަރްމާ އޮލީ ހިމެނިވަޑައިގަންނަވައެވެ.

އާބާދީގެ ފަސްބައިކުޅަ އެއްބައި ފަޤީރުކަމުގައި އުޅޭ ނޭޕާލުން ކޮންމެ ދުވަހަކު 1,500 މީހުން ބޭރު ޤައުމުތަކަށް ހިޖުރަކުރެއެވެ. 1990 އިން ފެށިގެން ނޭޕާލްގެ ސަރުކާރު 32 ފަހަރު ބަދަލުވެފައިވާއިރު، އެއްވެސް ސަރުކާރަކަށް ފަސް އަހަރުގެ ދައުރު ފުރިހަމަ ކުރެވިފައެއް ނުވެއެވެ. އެންމެ ފަހުގެ އިންތިޚާބުގައި ނޭޕާލީ ކޮންގްރެސް ޕާޓީއަށް ލިބުނީ 38 ގޮނޑި އެވެ. އަދި، އޮލީގެ ޕާޓީން ވަނީ 25 ދާއިރާއަކުން ކާމިޔާބީ ހޯދާފައެވެ. އިންތިޤާލީ މަރުޙަލާގައި ޤައުމު ހިންގެވީ ކުރީގެ އުއްތަމަ ފަނޑިޔާރު ސުޝިލާ ކަރްކީއެވެ.