ޚަބަރު

މީހަކު ރަހީނުކުރި މައްސަލައެއްގައި ބިދޭސީންތަކެއް ހައްޔަރުކޮށްފި


  • ހައްޔަރުކޮށްފައި ވަނީ ބަންގްލަދޭޝަށް ނިސްބަތްވާ 5 މީހުން

  • މި މީހުން 15 ދުވަހަށް ބަންދު ކުރުމަށް ވަނީ އަމުރުކޮށްފައި

ހުޅުމާލޭގައި އިމާރާތް ކުރަމުންދާ ތަނެއްގެ ތެރޭގައި މީހަކަށް އަނިޔާކޮށް ރަހީނުކޮށްފައިވާ މައްސަލައެއްގައި 5 މީހުން ހައްޔަރުކޮށްފިއެވެ. މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ 5 މީހުންނެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ހުޅުމާލޭގައި އިމާރާތް ކުރަމުންދާ ތަނެއްގެ ތެރޭގައި ބަންގްލަދޭޝް މީހަކަށް އަނިޔާކޮށް ރަހީނުކޮށްފައިވާ މައްސަލަ މިމަހުގެ 25ވަނަ ދުވަހު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި މި މައްސަލަ ހުށަހެޅުމާއެކު ރަހީނުކުރި މީހާ ސަލާމަތްކޮށް، ހޮސްޕިޓަލަށް ގެންގޮސް ޑޮކްޓަރަށް ދެއްކުމަށްފަހު މިހާރު ދޫކޮށްލާފައިވާ ކަމަށެވެ.

ފުލުހުން ވިދާޅުވީ، މި މައްސަލައާ ގުޅިގެން ބަންގްލަދޭޝްއަށް ނިސްބަތްވާ 5 މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އޭގެތެރޭގައި ހިމެނެނީ، 30 އަހަރުގެ އެމް.ޑީ ހޮސައިން، 34 އަހަރުގެ އެމް.ޑީ މެހެދި ހަސަން، 39 އަހަރުގެ އެމް.ޑީ ޝާ އަލަމް، 38 އަހަރުގެ ސަރފިފް ޙަސަންގެ އިތުރުން 20 އަހަރުގެ ރަސަލްއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ފަސް މީހުންވެސް 15 ދުވަހަށް ބަންދު ކުރުމަށް ވަނީ އަމުރުކޮށްފައެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަޙުޤީޤު ކުރަމުންނެވެ.