ޚަބަރު

އިންޑިއާ މުބާރާތުން މެޑަލް ހޯދި ޓީމަށް ވަޒީރުގެ އައްސަރިބަހާއި ސާބަސް


  • ލޯ މެޑަ ހޯދާފައިވަނީ މިކްސްޑް 4 ގުނަ 100 މީޓަރު ރިލޭއިން

  • ރާއްޖޭގެ ޓީމުން ރޭސް ނިންމީ 44.53 ސިކުންތުން

އިންޑިއާގައި ބޭއްވި ފުރަތަމަ އިންވިޓޭޝަނަލް ރިލޭ އަދި 3 ވަނަ ނޭޝަނަލް އޯޕަން ރިލޭ މުބާރާތުން ރާއްޖެއަށް ލޯ މެޑަލް ހޯދައިދިން އެތުލެޓިކްސް ޓީމަށް ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު މަރްހަބާ ވިދާޅުވެއްޖެއެވެ.

ރާއްޖެ މި މުބާރާތުގެ ލޯ މެޑަ ހޯދާފައިވަނީ މިކްސްޑް 4 ގުނަ 100 މީޓަރު ރިލޭއިންނެވެ. މި އިވެންޓުގައި ރާއްޖެ ތަމްސީލުކޮށް މެޑަލް ހޯދި އެތުލީޓުންނަކީ ރާއްޖޭގެ ބާރު ދުވުންތެރިޔާ ހަސަން ސާއިދާއި، އަހުނަފް ރައްޔާން ފަހުމީ، އަހުނާ ނިޒާރު އަދި ޒިވާ މޫސާ ޝަފީއުއެވެ.

މިއަދު އިންޑިއާގެ ޗަންދިގާރުގައި ކުރިޔަށް ދިޔަ މި އިވެންޓުގައި ވާދަކުރި ރާއްޖޭގެ ރިލޭ ޓީމުން ރޭސް ނިންމީ 44.53 ސިކުންތުންނެވެ. އެތުލެޓިކްސް އެސޯސިއޭޝަނުން ބުނީ މި މުބާރާތުގައި ރާއްޖޭގެ އެތުލީޓުން ވާދަކުރި ދެ އިވެންޓެއ މިވަގުތު ނިމިފައިވާ ކަމަށާއި، އެހެންނަމަވެސް ނަތީޖާ ފާޅުކޮށްފައިވަނީ އެންމެ އިވެންޓެއްގެ ކަމަށެވެ.

މިކްސްޑް 4 ގުނަ 100 މީޓަރު ރިލޭއިން ރާއްޖެއިން ލޯ މެޑަލް ހޯދިއިރު، މި އިވެންޓުން ރަން މެޑަލް ހޯދީ އިންޑީގެ ލާލޫ ޕްރަސާދާއި ޑީ ޖަޔަރަމް އާއި އުނަތީ ބޮއްލަންޑާއި އަދި ހަރިތާ ބަދްރާގެ ޓީމުންނެވެ. އެ ޓީމުން ރޭސް ނިންމީ 42.30 ސިކުންތުންނެވެ. ރިހި މެޑަލް ހޯދީ 44.53 ސިކުންތުން ރޭސް ނިންމި، އިންޑިއާގެ ގްރިންދާވިރު ސިންހް، ޓެމިލް އަރަސޫ އެސް، ސުދެޝްނާ ޝިވަންކާ އަދި އަކަންކްޝާ ކުމާރީގެ ޓީމުންނެވެ.

ފިރިހެނުންގެ ހަތަރެއް ގުނަ 400 މީޓަރު ރިލޭގައި ވާދަކުރާ ޓީމުގައި ހިމެނެނީ އާދަމް ރިފްއަތް، ހުސެއިން ޒީކް ސައުދު، ޒުއިޒް މުޙައްމަދު ސަޢުދާއި އަޙުމަދު އަބްސަލް މުޙައްމަދު ޖަލީލެވެ.

އަންހެނުންގެ ހަތަރެއް ގުނަ 400 މީޓަރު ރިލޭގައި ވާދަކުރާ ޓީމުގައި ހިމެނެނީ އާއިޝަތު ނަޢަދު އައްސަދު ވަޖުދީ، އާމިނަތު ލަޔާނާ މުޙައްމަދު، ޙައްވާ މުޒްނާ ފާއިޒާއި ޒީކް އަޝްރަފް ރަޝީދެވެ.

ރާއްޖޭން މި މުބާރާތުގއި ވާދަކުރާ އެތުލީޓުންނަކީ މިއަހަރު ބޭއްވި އެސޯޝިއޭޝަން ޗެމްޕިއަންޝިޕްސްގައި އެންމެ ރަނގަޅު ނަތީޖާތައް ހޯދި އެތުލީޓުންނެވެ.