ޒުވާން ކުޅުންތެރިން ކުރުވައި، ދެމެހެއްޓެނިވި ގޮތެއްގައި ނަތީޖާ ނެރެވޭ، ޒަމާނީ ޓީމެއް އެކުލަވާލަން މަސައްކަތްކުރާ މޮޅު ކޯޗެއްގެ ގޮތުގައި ފާޙަގަކުރެވޭ ހަންގޭރީގެ އިސްޓަވާން އުރުބާނީ މިވަނީ އަލުން ރާއްޖޭގެ ޤައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވެފައެވެ.
2009 ވަނަ އަހަރާއި 2013 ވަނަ އަހަރާ ދެމެދު، ސާފް ޗެމްޕިއަންޝިޕުން ރިހި މެޑަލަކާއި އެފަހުން ބޭއްވި އިންވިޓޭޝަނަލް މުބާރާތުގައި ރަން މެޑަލް ހޯދައިދިން ކޯޗު، އަލުން ޤައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މި އަހަރުއެވެ.
އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރުގެ ޒިންމާވެސް އަދާކުރާގޮތަށް އުރުބާނީ ޤައުމީ ކޯޗުކަމާ ހަވާލުވިއިރު، ރާއްޖެއިން އަންނަ އަންގާރަ ދުވަހު، އޭއެފްސީ އޭޝިއަން ކަޕުގެ ކޮލިފައިންގައި ޓިމޯ ލެސްޓޭއާ ދެކޮޅަށް ނުކުންނާނެއެވެ.
މިއީ އުރުބާނީގެ އިރުޝާދުގެ ދަށުން، އޭނާ އެނބުރި އައި ފަހުން ސީނިއަރ ޤައުމީ ޓީމުން ކުޅޭނެ ފުރަތަމަ މެޗެވެ.
ޒުވާން ގައުމީ ޓީމާއެކު 20 އަހަރުން ދަށުގެ ސާފް މުބާރާތުގައި އެންމެ އެދެވޭ ނަތީޖާ ނުފެނުނު ނަމަވެސް، އުރުބާނީގެ އިރުޝާދުގެ ދަށުން ކުޅުނު ޓީމުން ވަނީ ދިވެހިން ފަހުރުވެރިވާފަދަ ހިތްވަރަކާއި މޮޅު ކުޅުމެއް ދައްކާފައެވެ.
އެހެންނަމަވެސް އުރުބާނީއަށް އޮތް ޗެލެންޖަކީ، އޭނާ އަކީ އަދިވެސް ނަތީޖާ ނެރެވޭނެ ފަދަ ކޯޗެއްކަން ސާބިތުކޮށްދިނުމަށް، ސީނިއަރ ޓީމާއެކު އަމިއްލަ ފަސްގަނޑުގައި ޤައުމީ ޓީމު ގޮވައިގެން ނުކުމެ ނަތީޖާ ނެރުމެވެ.
މިއީ ދިވެހިން އޭނާގެ ވަޒަން މިން ކުރާނެ މެޗެކެވެ. މިއީ ދިވެހިންގެ އިތުބާރު ހޯދަން އޭނާއަށް ލިބިފައިވާ ފުރުސަތެކެވެ.
ކުޅުންތެރިންގެ ހުނަރާއި، ފެންވަރަށް ބަލާއިރު އަދި ފީފާ ރޭންކިން އަށް ބަލާއިރު ވެސް މިއީ ދިވެހިންނަށް ކުރި ލިބެންޖެހޭނެ ފަހަރެއްކަމަށް ގިނަބަޔަކު ދެކެއެވެ.
އަނެއްކޮޅުން އަމިއްލަ ފަސްގަނޑުގައި، ދިވެހި ސަޕޯޓަރުންގެ ކުރިމަތީގައި ނަތީޖާ ނެރެން ގައުމީ ޓީމަށް ކޮންމެހެން އެބަޖެހެއެވެ. އެއީ ފުޓުބޯޅައާ މެދު މާޔޫސްވެފައިވާ އެތައް ދިވެހިންތަކަކަށް، މި ކުޅިވަރުގައި ދިވެހިންނަށް އަދިވެސް އޮތީ ފަހި، އުފާވެރި ދުވަސްތަކެއްކަން ހާމަކޮށްދިނުމަށެވެ.
މިއީ އުރުބާނީގެ އެނބުރި އައުމުގައި ކުރިމަތިވާނެ އެންމެ ފުރަތަމަ އިމްތިހާނެވެ. އެންމެ ބޮޑު އެއް ޗެލެންޖެވެ.